މިހާރު އޮތް ފެހި ގާނޫނުއަސާސީއަށް 2008 ގައި އަމަލު ކުރަން ފެށީއްސުރެން މިހާތަނަށް އައިއިރު، ސިޔާސީ ބޭފުޅުން އާއްމުކޮށް ދައްކާ އެއް ވާހަކައެއް އޮވެއެވެ. އެއީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިސްލާހު ކުރުމުގެ ވާހަކައެވެ.
ސިޔާސީ އިސް ބޭފުޅުންނާމެދު ޝަރީއަތްތައް ހިނގަން ފަށާ ކޮންމެ ދުވަސް ވަރަކު އެވާހައިގެ އަޑު އިތުރަށް ގަދަވެއެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ވެރިކަމުގައި، އެމަނިކުފާނުގެ ކުރިން ހުންނެވި އެމްޑީޕީގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ރައީސް މައުމޫނުގެ އިތުރުން ސިޔާސީ އިސް ފަރާތްތަކެއްގެ މައްޗަށް ޝަރީއަތް ކުރަމުންދިޔައިރު ވެސް، ސަރުކާރުން ކޯޓުތަކަށް ނުފޫޒު ފޯރުވާކަމަށްބުނެ، އޭރު އިދިކޮޅުގައި އޮތް އެމްޑީޕީ އާއި ފަހުން އިދިކޮޅަށް އެރި އަދާލަތު ޕާޓީ އާއި ރައީސް މައުމޫނަށް ތާއީދު ކުރާ ސިޔާސީ ފަރާތްތަކުން ކަންބޮޑުވެ ވާހަކަ ދައްކަމުންދިޔައެވެ.
އޭރުވެސް ދެއްކީ ސަރުކާރުގެ ނުފޫޒުން ކޯޓުތައް މިނިވަން ކުރުމަށް ޖޭއެސްސީއަށް ބަދަލުގެންނަން ޖެހޭ ވާހަކައެވެ.
އެންމެ ފަހުން 2013 ގެ ރިޔާސީ އިންތިހާބުގެ ތެރޭގައި އިތުރަށް އެވާހަކަ ގަދަވެ، އެ އަހަރު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅުގެ ތެރޭގައިވެސް ޖޭއެސްސީ އިސްލާހު ކުރުން ހިމެނުއްވިއެވެ. ވެރިކަމަށް ވަޑައިގެންނެވުމަށްފަހު، ޖޭއެސްސީ އިސްލާހު ކުރެއްވުމަށްޓަކައި ރައީސް ސޯލިހު އެކްސްޕާޓުންގެ ލަފާ ހޯއްދަވަމުން ގެންދަވާ ވާހަތަކެއް ރައީސް އޮފީހުން ދެއްކެވިއެވެ.
ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމުގައިވެސް މިހާތަނަށް ޖޭއެސްސީއަށް ބަދަލު ނައިސް، އެ ކޮމިޝަން އިސްލާހު ކުރުމުގެ އަޑު މަޑުވި ނަމަވެސް އަނެއްކާ މިހާރު މި ވަނީ ޖޭއެސްސީ އިސްލާހު ކުރުމުގެ އަޑު ގަދަވެފައެވެ.
ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލަތަކުގައި، ރައީސް ޔާމީނާއި އޭރުގެ ސިޔާސީ އިސް ފަރާތްތަކުގެ ޝަރީއަތްތައް މިހާރު ކޯޓުތަކުގައި ކުރިއަށްދާއިރު، ސަރުކާރުން ކޯޓުތަކަށް ނުފޫޒު ފޯރުވާކަމަށް ތުހުމަތުކޮށް ޖޭއެސްސީއަށް ބަދަލު ގެންނަން ޖެހޭ ވާހަކަ އެންމެ އަޑުހަރުކޮށް ދައްކަނީ ކުރީން ވެރިކަމުގައި އޮތް މިހާރުގެ އިދިކޮޅު ޕާޓީ ޕީޕީއެމުންނެވެ.
އެންމެ ފަހުން ޖޭއެސްސީ އެތުރިފައިވާ ގޮތް ބަދަލު ކުރުމަށް ޕީޕީއެމްގެ ފަރާތުން އިއްޔެ ވަނީ ދެވަނަ ފަހަރަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައެވެ.
ގާނޫނުއަސާސީ އިސްލާހުކޮށް ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާއަށް ހުށަހެޅުއްވީ އިދިކޮޅު ޕީޕީއެމްގެ މެންބަރު މަހިބަދޫ ދާއިރާގެ އަހުމަދު ތޯރިގެވެ. ޖޭއެސްސީއަށް ބަދަލު ގެންނަން މީގެ ކުރިންވެސް މަޖިލީހަށް ހުށަހެޅުއްވީ ތޯރިގެވެ. ޖޭއެސްސީއަށް ބަދަލު ގެންނަން އެންމެ ފުރަތަމަ ތޯރިގު ހުށަހެޅުއްވީ 2020 ވަނަ އަހަރުއެވެ. ނަމަވެސް 27 އޮކްޓޫބަރު 2020 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ އެބިލު މަޖިލީހުން ބޭރު ކޮށްލައިފައެވެ. އެދުވަހުގެ ޖަލްސާގައި އެބިލު މަޖިލީހަށް ބަލައިގަތުމަށް ވޯޓު ދެއްވީ، ޖަލްސާގައި ތިއްބެވި 66 މެންބަރުންގެ ތެރެއިން އެންމެ 13 މެންބަރުންނެވެ. މަޖިލީހަށް ބަލައި ނުގަނެ ބިލު ބޭރުކޮށްލަށް 50 މެންބަރުން ވޯޓު ދެއްވިއެވެ.
ތޯރިގު ފުރަތަމަ ހުށަހެޅުއްވި އިސްލާހުގައި ޖޭއެސްސީގެ މެންބަރުންގެ ގޮތުގައި ކަނޑައަޅާފައިވަނީ، އުއްތަމަ ފަނޑިޔާރާއި ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުން އިންތިހާބު ކުރާ ފަނޑިޔާރަކާއި ދަށު ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން އިންތިހާބު ކުރާ ދެ ފަނޑިޔާރުންނާއި، ފަނޑިޔާރުންގެ ތެރެއިން ޝަރަފުވެރިކަމާއެކު މުސްކުޅި ކުރައްވާފައިވާ މީހުންގެ ތެރެއިން އެބައި މީހުން އިންތިހާބު ކުރާ މީހަކާއި، ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ވަކީލުންގެ ތެރެއިން އިންތިހާބު ކުރާ ފިރިހެން ގާނޫނީ ވަކީލަކާއި، އަންހެން ގާނޫނީ ވަކީލަކާއި، ރާއްޖޭގެ ޔުނިވަސިޓީތަކުގައި އިސްލާމީ ޝަރީއަތުގެ އިލްމު ކިޔަވައިދޭ ދާރިސުންގެ ތެރެއިން އިންތިހާބު ކުރާ ދާރިސަކާއި، ގާނޫނީ ފަންނު ފިޔަވައި އެހެން ފަންނުތަކުގެ ތަޖުރިބާކާރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ހުށަހަޅައި ރައްޔިތުންގެ މަޖިލީހުން ރުހުން ދޭ މީހަކު ހިމެނޭގޮތަށް ނުވަ މެންބަރުންނެވެ.
ގާނޫނުއަސާސީ ބުނާ ގޮތުން މިހާރު ޖޭއެސްސީގައި ތިއްބަވަނީ 10 މެންބަރެކެވެ.
އޭގެ ތެރޭގައި ހިމެނެނީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރު ފިޔަވައި ސްޕްރީމް ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުން އިންތިހާބު ކުރާ ފަނޑިޔާރަކާއި ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން އެކޯޓުން އިންތިހާބު ކުރާ ފަނޑިޔާރަކާއި ރައީސުލްޖުމްހޫރިއްޔާ ކަންޑައަޅުއްވާ މެންބަރަކާއި ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން އިންތިހާބު ކުރާ ފަނޑިޔާރަކާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ މަޖިލީހުން ކަނޑައަޅާ މެންބަރަކާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސާއި ދައުލަތުގެ ބަންޑާރަ ނައިބާއި ވަކީލުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ވަކީލުންގެ ތެރެއިން އިންތިހާބު ކުރާ ވަކީލަކާއި އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލިހުން ކަނޑައަޅާ މެންބަރެކެވެ.
ޖޭއެސްސީއަށް ބަދަލުގެންނަން ތޯރިގު ދެވަނަ ފަހަރަށް އިއްޔެ މަޖިލީހަށް ހުށަހެޅުއްވީ، ފުރަތަމަ ފަހަރު ހުށަހެޅުއްވި ގޮތާ ތަފާތު ކޮށެވެ.
އެެގޮތުން ޖޭއެސްސީގެ މެންބަރުންގެ އަދަދު އަށަކަށް މަދުކޮށް ސިޔާސީ އެއްވެސް ފަރާތަކާއި އެއްވެސް ފަނޑިޔާރެއް އެ ކޮމިޝަންގައި ނުހިމެނުމަށް ތޯރިގުގެ ހުށަހެޅުމުގައި ވެއެވެ.
ތޯރިގު އިސްލާހު ހުށަހަޅުއްވާފައި ވަނީ ޖޭއެސްސީ އެތުރިފައިވާ ގޮތް ބަދަލު ކުރުމަށް، ގާނޫނު އަސާސީގެ 158 ވަނަ މާއްދާ އިސްލާހު ކުރުމުގެ އިތުރުން، ކޮމިޝަންގެ މެންބަރުންގެ މުއްދަތު ކަނޑައަޅާފައިވާ 161 ވަނަ މާއްދާ އާއި މެންބަރުކަމުން އިސްތިއުފާ ދޭނެ ގޮތް ކަނޑައަޅާފައިވާ 162 ވަނަ މާއްދާ އާއި އެ ފަރާތްތަކުގެ މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާފައިވާ 164 ވަނަ މާއްދާ އާއި މެންބަރުކަމުން ވަކި ކުރެވޭނެ ގޮތް ކަނޑައަޅާފައިވާ 165 ވަނަ މާއްދާއަށެވެ.
ޖޭއެސްސީ އެތުރިފައިވާގޮތަށް ބަދަލު ގެންނަން ތޯރިގު ހުށަހަޅުއްވާފައި ވަނީ، ފަނޑިޔާރުންގެ ތެރެއިން ޝަރަފުވެރިކަމާއެކު މުސްކުޅި ކުރައްވާފައިވާ އަދި ކޯޓުތަކުގައި ވަކާލާތު ނުކުރާ މީހުންގެ ތެރެއިން އެބައިމީހުން އިންތިހާބު ކުރާ މީހަކު، ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ވަކީލުންގެ ތެރެއިން އިންތިހާބު ކުރާ ގާނޫނީ ވަކީލަކު، އަދި ވަކީލުންގެ ތެރެއިން އިންތިހާބު ކުރާ އަންހެން ގާނޫނީ ވަކީލަކު، ރާއްޖޭގެ ޔުނިވަސިޓީތަކުގައި އިސްލާމީ ޝަރީއަތުގެ އިލްމު ކިޔަވައިދޭ ދާރިސުންގެ ތެރެއިން، އިންތިހާބުކުރާ ދާރިސަކާއި، ޔުނިވަސިޓީތަކުގައި ގާނޫނީ އިލްމު ކިޔަވައިދޭ ދާރިސުންގެ ތެރެއިން، އިންތިހާބުކުރާ ދާރިސަކާއި، ތައުލީމީ ދާއިރާއިން މަތީ ތައުލީމު ހާސިލު ކޮށްފައިވާ އަދި ސިޔާސީގޮތުން ހަރަކާތްތެރި ނުވާ ތަޖުރިބާކާރުންގެ ތެރެއިން އިންތިހާބު ކުރާ މީހެއްގެ މައްޗަށް ކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން ވިޔަފާރީގެ ދާއިރާއަކުން މަތީ ތައުލީމު ހާސިލު ކޮށްފައިވާ އަދި ސިޔާސީގޮތުން ހަރަކާތްތެރި ނުވާ ތަޖުރިބާކާރުންގެ ތެރެއިން، އިންތިހާބު ކުރާ މީހަކާއި ގާނޫނީ ފަންނު ފިޔަވައި އެހެން ފަންނަކުން މަތީ ތައުލީމު ހާސިލު ކޮށްފައިވާ އަދި ސިޔާސީ ގޮތުން ހަރަކާތްތެރި ނުވާ ތަޖުރިބާކާރުންގެ ތެރެއިން އިންތިހާބު ކުރާ މީހަކު ހިމެނޭ ގޮތަށެވެ.
ގާނޫނު އަސާސީގެ 161 ވަނަ މާއްދާގައި މިހާރު އޮންނަ ގޮތުން ޖޭއެސްސީގެ މެންބަރުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސާއި ބަންޑާރަ ނާއިބަކީ ވަކި މަގާމެއްގެ ހައިސިއްޔަތުން ކޮމިޝަންގައި ހިމެނޭ ބޭފުޅުން ކަމަށްވާތީ އެ ބޭފުޅުން އެމަގާމުތަކުގައި ދެމި ތިބިހާ ދުވަހަކު ކޮމިޝަންގެ މެންބަރުންގެ ގޮތުގައި ހިމެނޭނެ އެވެ. ނަމަވެސް ކޮމިޝަންގައި ދެން ތިއްބެވި ބޭފުޅުންނަށް ކޮމިޝަނުގައި ތިއްބެވޭނީ ފަސް އަހަރުގެ އެއް ދައުރަށެވެ. އެ ދައުރު ހަމަވުމުން އެ ބޭފުޅަކު އަލުން އެ ކޮމިޝަނަށް އައްޔަނެއް ނުކުރެވޭނެ އެވެ.
އެ މާއްދާއަށް ތޯރިގު ގެންނަން ހުށަހެޅުއްވި އިސްލާހުގައި ވަނީ ޖޭއެސްސީގެ މެންބަރުންގެ ދައުރުގެ މުއްދަތަކީ ތިން އަހަރު ދުވަސް ކަމަށް ކަނޑައެޅުމަށެވެ. އަދި ވިދިވިދިގެން ދެ ދައުރަށް މީހަކު އައްޔަނު ނުކުރެވޭނެ ކަމަށްވެސް ހިމަނާފައިވެއެވެ.
ގާނޫނުއަސާސީގެ 162 މާއްދާ މިހާރު ބުނާ ގޮތުން ޖޭއެސްސީގެ މެންބަރަކު އިސްތިއުފާ ދޭން ބޭނުންވެއްޖެ ނަމަ ސިޓީއަކުން އެކަން ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާ އަށް ހުށަހަޅައި، އެ ސީޓީ ރައީސުލްޖުމްހޫރިއްޔާ އަށް ލިބުމުން އެ މެންބަރަކު މެންބަރުކަމުން ވަކިވާނެއެވެ. އެހެން ނަމަވެސް މެންބަރުކަމުން އިސްތިއުފާ ދެވޭނީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސާއި ބަންޑާރަ ނާއިބު ފިޔަވައި ދެން ތިއްބެވި މެންބަރުންނަށް ކަމަށްވެސް ބުނެފައިވެއެވެ.
ޖޭއެސްސީގެ މެންބަރަކު އިސްތިއުފާ ދޭން ބޭނުންވެއްޖެ ނަމަ، އެކަން ބަޔާންކޮށް ސިޓީއަކުން ރައީސުލްޖުމްހޫރިއްޔާ އަށް ހުށަހަޅައި، އެ ސިޓީ ރައީސުލްޖުމްހޫރިއްޔާ އަށް ލިބުމުން އެ މެންބަރަކު ވަކިވީކަމަށް އެ މާއްދާ އިސްލާހު ކުރަން ތޯރިގު ވަނީ ހުށަހަޅުއްވައިފައެވެ.
ޖޭއެސްސީއަށް އައްޔަން ކުރެވޭ މީހުންގެ ތެރެއިން ވެރިކަން ހިންގާ ފަރާތުގެ، ނުވަތަ އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ، ނުވަތަ ރައްޔިތުންގެ މަޖިލީހުގެ ނުވަތަ މުސްތަގިއްލު ކޮމިޝަނެއްގެ މެންބަރުކަމުގެ މަގާމުގައި ނެތް ކޮންމެ މީހަކަށް، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެމަތިން މުސާރަ އާއި އިނާޔަތްތައް ދެވިދާނެ ކަަމަށް 164 ވަނަ މާއްދާގައި ބުނެފައި ވާއިރު، ޖޭއެސްސީއަށް އަންޔަންކުރާ މީހުންނަށް މަޖިލީހުން ކަނޑައަޅާ ގޮތެއްގެމަތީން މުސާރަ އާއި އިނާޔަތްތައް ދެވިދާނެ ކަމަށް ހިމަނަން ތޯރިގު ވަނީ ހުށަހަޅުއްވައިފައެވެ.
މަޖިލިސް ރައީސާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސާއި، ބަންޑާރަ ނާއިބު ކޮމިޝަނުންގެ މެންބަރުކަމުން ވަކި ވަނީ، އެބޭފުޅުން އަދާކުރައްވަމުން ގެންދަވާ މަގާމުތަކުން ވަކިވެގެން ކަމަށާއި، ދެން ތިއްބެވި ބޭފުޅުން ވަކި ކުރާނީ އެމީހަކު ކޮމިޝަނަށް އައްޔަންކުރި ފަރާތުން ކަމަށް 165 ވަނަ މާއްދާގައި ބުނެފައިވާއިރު، ޖޭއެސްސީއަށް އައްޔަން ކުރާ މީހުން މަގާމުން ވަކި ކުރާނީ އެ މީހަކު ކޮމިޝަނަށް އައްޔަން ކުރި ފަރާތަކުން ކަމަށް ކަނޑައަޅަން މެންބަރު ތޯރިގު ހުށަހަޅުއްވާފައި ވެއެވެ.
މި ބިލު މަޖިލީހަށް ހުށަހަޅުއްވަމުން ތޯރިގު ވަނީ ކުރީ ބިލު ފަދައިން އިދިކޮޅު މެންބަރަކު ހުށަހެޅުއްވީތީ މި ބިލު ބޭރުކޮށްނުލައި ބަޖިލީހަށް ބިލު ބަލައިގަތުމަށް މެންބަރުންގެ ކިބައިން އެދި ވަޑައިގެންފައެވެ. ހާއްސަކޮށް މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ 65 މެންބަރުންގެ ކިބައިން ތޯރިގު އެކަމަށް އެދިވަޑައިގެންނެވިއެވެ.
ނަމަވެސް މިބިލާމެދު ކުރިއަށްދިޔަ ބަހުސްގައި އެމްޑީޕީގެ މެންބަރުންގެ ރޫހު ހުރީ މަޖިލީހަށް ބިލު ބަލައިގަންނަ ގޮތަކަށް ނޫނެވެ.
ޖޭއެސްސީއަށް އިސްލާހު ގެންނަން ޖެހޭކަމަށް އެ މެންބަރުންވެސް ގަބޫލު ކުރައްވައެވެ. ނަމަވެސް އެ މެންބަރުން ވިދާޅުވީ، އެކަަން ބޭނުންވަނީ މިގޮތަށް، ވަކި ބިލެއް ހުށަހަޅައިގެންނޫން ކަމަށެވެ. ބޭނުންވަނީ ފުޅާ ދާއިރާއެއްގައި މުޅި ގާނޫނުއަސާސީން ފާހަގަ ކުރެވޭ ހުރިހާ މައްސަލަތަކަކަށް އިސްލާހު ގެނައުމަށް ކަމަށްވެސް އެ މެންބަރުން ވިދާޅުވިއެވެ.
ވިލުފުށީދާއިރާގެ މެންބަރު ހަސަން އަފީފު ވިދާޅުވީ، ޖޭއެސްސީއަށް ބަދަލު ގެނައުމަކީ ގާނޫނުއަސާސީއަށް ހަމައެކަނި ގެންނަންޖެހޭ އިސްލާހު ނޫން ކަމަށެވެ. އަދި ތޯރިގު ހުށަހަޅުއްވާފައިވާގޮތަށް އިސްލާހު ގެނައުން ރަނގަޅު ނޫން ކަމަށްވެސް ވިދާޅުވިއެވެ. އިސްލާހު ގެންނަން ޖެހެނީ ގާނޫނުއަސާސީގައިވާ ހުރިހާ މައްސަލަތަކަށް ކަމަށާއި، އެކަން ކުރަން ޖެހޭނީ ފުޅާ ދާއިރާއެއްގައި ހުރިހާ ފަރާތްތަކާ މަޝްވަރާކޮށްގެން ކަމަށްވެސް ވިދާޅުވިއެވެ. އެކަމަކީ ސަރުކާރު ހިންގާ ޕާޓީން އެކަނި ކުރަން ޖެހޭ ކަމެއްނޫން ކަމަށާއި، އެކަމުގައި އިދިކޮޅު ޕާޓީތަކާއި އެކި ދާއިރާތަކުގެ ޕްރޮފެޝަނަލް މީހުންގެ ހިޔާލު ހޯދަންޖެހޭނެ ކަަމަށްވެސް ވިދާޅުވިއެވެ.
މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވީ، ސިޔާސީ މީހުން ޖޭއެސްސީން ދުރު ކުރުމުން ސިޔާސީ ނުފޫޒުން އެ ކޮމިޝަން ސަލާމަތްވީކަމަށް ނުބެލެވޭނެ ކަމަށެވެ.
މިވަގުތަކީ ފަނޑިޔާރުގެ އިސްލާހުވަމުން އަންނަ ވަގުތެއް ކަމަށާއި، މި ދަނޑިވަޅުގައި ޖޭއެސްސީ ބަދަލުކުރަން ހުށަހެޅުމަކީ އެކަމަށް ހުރަސް އެޅުން ކަމަށްވެސް ބައެއް މެންބަރުން ވިދާޅުވިއެވެ.
ވެލިދޫ ދާއިރާގެ މެންބަރު، މުހައްމަދު އަބުދުﷲ ޝަފީގު ވިދާޅުވީ، ގާނޫނުއަސާސީއަށް އިސްލާހުތަކެއް އަންނަންޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. ނަމަވެސް ވަކި ވަކި ބިލުތައް ހުށަހަޅައިގެން ވަކި މުއައްސަސާތަކަކަށް ބަދަލު ގެނައުމުގެ ބަދަލުގައި ޖެހޭނީ މުޅި ގާނޫނުއަސާސީއަށް ބަދަލު ގެންނަން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން "އަނެއްކާވެސް މިހާރު އަންނަންވީ، 2004 ޖޫން 9 ގައި ރައީސް މައުމޫނު އެ ގެންނެވިކަހަލަ އިސްލާހީ އެޖެންޑާއެއް، ގާނޫނުއަސާސީއަށް ގެންނަން ޖެހޭ އިސްލާހުތަކާބެހެގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުުގެ މާހައުލެއް،" ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް ކުދިކުރި އިސްލާހު ގެނެސްގެން ގާނޫނުއަސާސީއާ ކުޅުމަކީ ގަބޫލު ކުރެވޭ ކަމެއްނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ބައެއް މެންބަރުން ވިދާޅުވީ، އެމްޑީޕީން ގާނޫނުއަސާސީ އިސްލާހު ކުރާނެ ކަމަށެވެ. ޖޭއެސްސީއަށް ބަދަލު ގެންނާނީ އެ އިސްލާހުތަކުގެ ތެެރެއިން ކަމަށްވެސް ވިދާޅުވިއެވެ. އެ މަސައްކަތް ފެށިގެންދާނީ އެމްޑީޕީގެ ކޮންގްރެސްގައި މަޝްވަރާ ކުރުމަށްފަހު ކަމަށާއި، ގާނޫނުއަސާސީ ބަދަލުކުރުމުގައި ސިޔާސީ ޕާޓީތަކާއި ކަމާބެހޭ ތަޖުރިބާކާރުންނާ މަޝްކުރައްވާނެ ކަމަށާއި، ބޭރުގެ ތަޖުރިބާކާރުންގެ ލަފާވެސް އެކަމަށް ހޯދާނެ ކަމަށް އެ މެންބަރުން ވިދާޅުވިއެވެ.
އެހެންކަމުން ޖޭއެސްސީއަށް ބަދަލުގެންނަން އިއްޔެ ހުށަހެޅި އިސްލާހުވެސް މަޖިލީހަށް ބަލައިގަންނާނެ ކަމުގެ އުއްމީދެއް ނެތެވެ. ޖޭއެސްސީއަށް ބަދަލު ގެނައުމުގެ ބަހުސްގެ ތެރެއިން އެމްޑީޕީ މެންބަރުންގެ މިސްރާބު ހުރީ މުޅި ގާނޫނު އަސާސީއަށް ބަދަލު ގެނައުމަށެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް