Close
ޚަބަރު

އިންޑިއާ އައުޓް ކެމްޕެއިނުގެ ސަބަބުން އެމްބަސީތަކުން ކަންބޮޑުވެ، ސެކިއުރިޓީއަށް އެދޭ: ފޮރިން މިނިސްޓްރީ

އިދިކޮޅު ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް އިސްވެ ހުންނަވައިގެން ކުރިއަށްގެންދަވާ، "އިންޑިއާ އައުޓް" ކެމްޕޭނުގެ ސަބަބުން ރާއްޖޭގައި ތިބޭ ބޭރުގެ އެހެން ގައުމުތަކުގެ އެމްބަސީތަކުން ކަންބޮޑުވުން ފާޅުކުރާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

އިންޑިއާ އައުޓް ކެމްޕެއިންގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވަމުންދާ ކަމަށް ވިދާޅުވެ، އެ މައްސަލަ ބައްލަވައިދެއްވުމަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، 241 ކޮމިޓީއަށް ހުށަހެޅުއްވި މައްސަލައިގެ ދިރާސާއަށް މިއަދު ވަނީ ފޮރިން މިނިސްޓްރީގެ ބޭފުޅުން ކޮމިޓީއަށް ހާޒިރުކޮށްފައެވެ.

ކޮމިޓީގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ފޮރިން މިނިސްޓްރީގެ ފޮރިން ސެކްރެޓަރީ އަބްދުލް ގަފޫރު މުހައްމަދު ވިދާޅުވީ، އެ ކެމްޕެއިނުގެ ސަބަބުން ރާއްޖޭގައި ތިބޭ އެހެން ގައުމުތަކުގެ އެމްބަސީތަކުން ކަންބޮޑުވެ، ސެކިއުރިޓީ ވަރުގަދަކޮށްދޭން އެދިފައި އެބަހުރި ކަމަށެވެ. އަދި އެކަންކަން ފޮރިން މިނިސްޓްރީން ފަހިކޮށްދީފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.

"މިފަދަ ހަރަކާތްތައް (އިންޑިއާ އައުޓް ފަދަ) އެއް ގައުމަކަށް އަމާޒުކޮށް ގެންދާ އިރު, އެހެން ގައުމަކަށްވެސް މިފަދަ ކެމްޕެއިނެއް ކޮންމެވެސް ދުވަހަކުން ނުކުމެދާނެ. އަދި ކޮންޓްރޯލް ނެއްޓިގެން ގޮސް ރާއްޖޭގެ މަސްރަހު ހޫނުވާކަމަށްވާ ނަމަ، އެބޭފުޅުން ކޮންސާންސް ރައިޒްކުރާނެ،" ގަފޫރު ވިދާޅުވިއެވެ.

އިންޑިއާ އައުޓް ކެމްޕެއިނުން އިންޑިއާގައި ތިބޭ ދިވެހިންނަށް އެއްވެސް ކަހަލަ ނުރައްކަލެއް އޮތްކަމުގެ ޝަކުވާ ލިބިފައިވޭތޯ މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ ހުމެއިދު ވިދާޅުވީ، ރާއްޖޭގައި އުޅޭ އިންޑިއާގެ ރައްޔިތުންނަށް ސޯޝަލް މީޑިއާގައި އެކި ގޮތް ގޮތުން ފުރައްސާރަ އާއި ރުޅިވެރިކަމުގެ ބަސްތައް ރައްދުކުރާކަން އެނގޭ ކަމަށެވެ. އަދި އިންޑިއާގައި އުޅޭ ދިވެހި ރައްޔިތުންނަށްވެސް "އޮކޭޝަނަލީ" އެފަދަ ކަންކަން ދިމާވެދާނެ ކަމަށާއި ނަމަވެސް އެކަންތައް ކުރިމަތިވަނީ ރާއްޖޭގައި ކުރިއަށް ގެންދާ އިންޑިއާ އައުޓް ކެމްޕެއިނުގެ ސަބަބުން ކަން ދަންނަވަން ދަތި ކަމަށް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، އިންޑިއާގައި ދިރިއުޅޭ ދިވެހިންނަށް މިވަގުތު ފުރައްސާރަ ކުރިމަތި ނުވި ނަމަވެސް ރާއްޖޭގައި ދިރިއުޅޭ އިންޑިއާގެ ރައްޔިތުންނަށް އެކަންކަން މެދުވެރިވާ ނަމަ، ދިވެހިންނަށްވެސް އިންޑިއާގައި އެފަދަ ކަމެއް ތަހައްމަލު ކުރަންޖެހިދާނެ ހާލަތަކަށް ހިނގައިދާނެ ކަމަށެވެ.