ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އިންނެވުމަކީ އުނިކަމަކަށްވިޔަސް، ޖޭސިޔާސީ އަށް ސިޔާސީ ބާރުވެރިކަން ފޯރަން ޖެހޭ މިންވަރަށް އެ ބާރުވެރިކަން ފޯރުވުމަށް އެ ކޮމިޝަންގައި މަޖިލީހުގެ މެންބަރަކު ހިމެނެން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މިހެން ވިދާޅުވީ، ޖޭއެސްސީގައި މިހާރު މެންބަރު ހިމެނޭ ގޮތަށް ބަދަލު ގެނެސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ބަންޑާރަ ނާއިބާއި ސިޔާސީ އެއްވެސް ފަރާތެއް ނުހިމެނޭ ގޮތަށް ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލު ކުރުމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވި ބިލާބެހޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

މަޖިލިސް ރައީސް ވިދާޅުވީ، ގާނޫނުއަސާސީގައި ކަނޑައަޅާފައިވާގޮތުން، ޖޭއެސްސީގައި ސިޔާސީ ބޭފުޅުންނާއި ފަނޑިޔާރުންވެސް ހިމެނޭ ކަމަށެވެ. ނަމަވެސް ޖޭއެސްސީގައި ސިޔާސީ މީހުންނާއި ފަނޑިޔާރުން ތިބެގެން ނުވާނެ ކަމަށް، މިހާރު ވާހަކަ ދެކެވޭ ކަމަށްވެސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސަކީ ދައުލަތުގެ އެއްބާރު ކަމަށެވެ.

"އޭނާވެސް ޖޭއެސްސީގައި އިންނަން ޖެހޭކަމަކީ ތެދުފުޅެއް އުނިކަމެއް، އެހެންނަމަވެސް މަޖިލީހުގެ މެންބަރުންގެ ތެރެއިން މެންބަރަކު ޖޭއެސްސީގައި އިނުމަކީ އެތަނަށް ސިޔާސީ ބާރުވެރިކަން ފޯރަން ޖެހޭ މިންވަރަށް ފޯރުމަށް ބޭނުންތެރިކަމެއް،"

މަޖިލިސް ރައީސް ވިދާޅުވީ، ސިޔާސީ މީހުންނަކީ ސީދާ ރައްޔިތުން އިންތިހާބުކުރާ ބައެއް ކަމަށާއި، އެއިރެއްގައި ރައްޔިތުންގެ ވިންދު ހުރިގޮތް ތަމްސީލު ކުރުމަށް މަޖިލީހުގެ މެންބަރުން ނޫންބައެއް އަދިވެސް ނެތް ކަމަށެވެ. އެހެންކަމުން ޖޭއެސްސީގައި މަޖިލިސް މެންބަރުން ހިމެނުނު ނަމަވެސް އެ ކޮމިޝަންގައި ގިނަ އަދަދެއްގެ ފަނޑިޔާރުން ތަމްސީލު ވުމަކީ މަސްލަހަތު ފުށުއެރުން އެކަށީގެންވާ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

"ޖޭއެސްސީގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ފަނޑިޔާރުންނާ ބެހޭގޮތުން އުފުލާ ޝަކުވާތައް ބަލައި އެފަރާތްތަކާމެދު އަޅަން ޖެހޭ ފިޔަވަޅުތައް އެޅުން ހިމެނޭ، ޖޭއެސްސީއަކީ ގާނޫނުއަސާސީން އުފައްދާފައިވާ، ވަކި ފަރާތަކަށް ބުރަ ނުވާ މިނިވަން މުސްތަގިއްލު މުއައްސަސާއެއްކަމަށްވާއިރު އެތަނުގައި ގިނަ އަދަދެއްގެ ފަނޑިޔާރުން ތަމްސީލް ވުމަކީ މަސްލަހަތު ފުށުއެރުން އެކަށީގެންވާ ކަމެއް، އެހެންކަމުން ޖޭއެސްސީގައި ހިމެނޭ ފަނޑިޔާރުންގެ އަދަދަށް ބަދަލެއް ގެނައުން އެއީ ބޭނުންތެރިކަމެއް،"

މަޖިލިސް ރައީސް ވިދާޅުވީ، ބަންޑާރަނާއިބާއެކު ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ދެ މެންބަރުން ޖޭއެސްސީގައި މިހާރު ތިއްބަވާ ކަމަށެވެެ.

ނަމަވެސް ޖޭއެސްސީގައި ބަންޑާރަނާއިބު އިނުމުގެ ބޭނުންތެރިކަން ފާހަގަވި ނަމަވެސް ރައީސްގެ އިތުރު މެންބަރެއް އެ ކޮމިޝަނުގައި ހިމެނެން ޖެހޭ އިތުރު ސަބަބެއް ނެތް ކަމަށްވެސް ވިދާޅުވިއެވެ.