އައްޑޫ ސިޓީގައި އޮންނަ ޝަންގްރިއްލާ ރިސޯޓްގައި އޮންނަ 30 ޕަސެންޓްގެ ހިއްސާ އައްޑޫ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ބަދަލު ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބުދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މައުސޫމް މިހެން ވިދާޅުވީ، ކޮވިޑް 19 ފެށުނުއިރު ބަންދުކުރި ގޮތަށް މިހާތަނަށް އައިއިރުވެސް ޝަންގިއްލާ ނުހުޅުވި ލަސްވަމުންދާ މައްސަލައިގައި، ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު މައުސޫމް ވިދާޅުވީ، 284 އެނދުގެ ޝަންގަރިއްލާ ރިސޯޓަކީ އެހެން ރިސޯޓުތަކާ ހިލާފަށް ސަރުކާރުގެ 30 ޕަސެންޓް ހިއްސާ ހިމެނޭ ރިސޯޓެއް ކަމަށެވެ.
އައްޑޫ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ އެކު ސަރުކާރުން ވެފައިވާ އެއްބަސްވުމުގެދަށުން އެ ރިސޯޓަށް ގެއްލުންވާ ހާލަތުގައި ލޮސް ފައިނޭންސް ކުރަންދޭ ލޯނުގައި ސަރުކާރުން ބައިވެރިވާން ޖެހޭ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން ލޯނު ފައިނޭންސިން ގޮތުގައި 68 މިލިޔަން ޑޮލަރު މިހާރު ވެސް ސަރުކާރުން އެކުންފުންޏަށް ދައްކަން ޖެހިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
"30 ޕަސެންޓްގެ ހިއްސާ އޮވެ ދައުލަތަށް އެއްވެސް އެއްޗެއް ނުލިބި އެހާގިނަ ދުވަސް ވީމާ ދައުލަތުން ވެސް ބޭނުންވަނީ އެހިއްސާ އެ ބޭފުޅުންނަށް ދޫކޮށްލައިފަ ކުރިއަށް ދެވޭނެ ގޮތެއް ހޯދަން. އެެހެންކަމުން އެ 30 ޕަސެންޓް ހިއްސާ ބަދަލު ކުރުމަށް މަޖިލީހުން ގާނޫނަށް ގެނައި 10 ވަން އިސްލާހުގައި ފޯމިއުލާއެއް ލިބުނު ނަމަވެސް އެރަށުގެ ސައިޒު ބޮޑުކަމުން ޝެއާ ބަދަލު ކުރުމަށް 80 މިލިޔަން އަރާ،"
އެހެންކަމުން ޝެއާ ބަދަލުކުރުމަށް އެހެން ގޮތެއް ހޯދަން ޓޫރިޒަމްގެ ގާނޫނަށް އިތުރު އިސްލާހެއް މަޖިލީހަށް ފޮނުވަން ނިންމާފައިވާ ކަމަށައި، ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި އެ އިސްލާހު މަޖިލީހަށް ފޮނުއްވާނެ ކަމަށްވެސް މިނިސްޓަރު މައުސޫމު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އެތަން ހުޅުވުމުގެ ކުރިން ބޮޑު މަރާމާތެއް ކުރަންޖެހޭ ކަމަށާއި، އުއްމީދު ކުރައްވަނީ މިއަހަރު ނިމުމުގެ ކުރިން އެތަން އުޅުވޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު