އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުތަކުގައި ލިވަޕޫލުން ބާންލީ ކައިރިން އުނދަގޫ މޮޅެއް ހޯދި އިރު، ވުލްވްސްއިން ޓޮޓެންހަމް ހޮޓް ސްޕާސް ބަލިކޮށްފިއެވެ.

ރަށުން ބޭރުގައި ބާންލީއާ ދެކޮޅަށް ކުޅުނު މެޗު ލިވަޕޫލުން ކާމިޔާބުކުރީ 1-0 ގެ ހަނި ނަތީޖާއަކުންނެވެ. އަނެއްކޮޅުން ސްޕާސް އަމިއްލަ ދަނޑުގައި ވުލްވްސް އަތުން ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ. މިރޭގެ މެޗުން ހޯދި މޮޅާއެކު ލިވަޕޫލުން ވަނީ ލީގު ތާވަލުގެ އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ ފަރަގު ކުޑަކޮށްފައެވެ.

މިހާތަނަށް ލީގުގައި ލިވަޕޫލުން ކުޅުނު 24 މެޗުން 54 ޕޮއިންޓް އެޓީމަށް ލިބިފައިވާ އިރު، އެއްވަނައިގައި ސިޓީ އޮތީ 25 މެޗުން 63 ޕޮއިންޓާއެކު ނުވަ ޕޮއިންޓުގެ ލީޑެއް ގައެވެ. ލީގު ތާވަލުގެ ތިންވަނައިގައި ޗެލްސީ އޮތް އިރު، މިވަގުތު ގަދަ ހަތަރެއްގައި ދެން އޮތީ ވެސްޓް ހަމްއެވެ. މިރޭ ވުލްވްސްއިން ސްޕާސް ބަލިކުރުމުން އެޓީމަށް ވަނީ ޔޫރަޕް ފުޓުބޯޅައިގެ އުންމީދު އާވެފައެވެ.

މިވަގުތު ވުލްވްސް ލީގު ތާވަލުގެ ހަތްވަނައިގައި އޮތީ 23 މެޗުން 37 ޕޮއިންޓާ އެކުގައެވެ. ލީގު ތާވަލުގެ ފަސްވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް 24 މެޗުން 40 ޕޮއިންޓް ލިބިފައި އޮތް އިރު، ހަވަނައިގައި އާސެނަލް އޮތީ 22 މެޗުން 39 ޕޮއިންޓާ އެކުގައެވެ. ވުލްވްސްއަށް މިހާރު ވަނީ ޔޫރޮޕާ ލީގު ފުޓުބޯޅައަށް ކޮލިފައިވާން ފަހި ފުރުސަތެއް ތަނަވަސް ވެފައެވެ.

ލިވަޕޫލަށް މިރޭ ކުޅުނު މެޗު އުނދަގޫވި އެއް ސަބަބަކީ ވާރޭވެހި ބާންލީގެ ދަނޑު ކޮންމެވެސް ވަރަކަށް ޗަކަވެފައި އޮތުމުންނެވެ. އޭގެ އިތުރުން ބާންލީގެ ސްޓައިލުގެ ގޮތުން ލިވަޕޫލަށް އުނދަގޫތަކެއް ކުރިމަތިވި އިރު، ބާންލީން ވަނީ ދިގު ބޯޅަތަކުގައި ލިވަޕޫލްގެ ޑިފެންސް ނުތަނަވަސް ކޮށްލައިފައެވެ.

ތާވަލުގެ ފުލުގައި މިވަގުތު އޮތް ބާންލީން ރެލިގޭޝަނުން ސަލާމަތްވުމަށް މަސައްކަތް ކުރަމުންދާ އިރު، މެޗުގައި ފަބީނިއޯ ގޯލު ޖެހުމުގެ ކުރިން އެޓީމަށް ފުރުސަތުތައް ލިބި ބޭކާރުވިއެވެ. މެޗުގެ ހަމައެކަނި ގޯލު ފަބީނިއޯ ޖެހީ 40 ވަނަ މިނެޓުގައެވެ.

ދެވަނަ ހާފުގައިވެސް ހަމަލާތައް މަދުކޮށް ފެނުނު އިރު، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މެޗަށް ނުކުތް ލިވަޕޫލްގެ ޑިއޭގޯ ޖޮޓާއަށް ވަނީ ރަނގަޅު ފުރުސަތެއް ލިބި ބޭކާރު ވެފައެވެ.

މެޗުން ބަލިވި ބާންލީއަށް ވަނީ ލީގުން ރެލިގޭޓް ނުވެ ސަލާމަތްވުމަށް އުނދަގޫތަކާ ކުރިމަތިވެފައެވެ. ޖެނުއަރީ ޓްރާންސްފާ މާކެޓް ކުރިން ބާންލީއާއެކު ރެލިގޭޝަން ޒޯންގައި އޮތް ނިއުކާސަލްއިން ޓްރާންސްފާ ސީޒަނަށްފަހު އެންމެފަހުން ކުޅުނު ތިން މެޗުންވެސް މޮޅުވެ، މިހާރު 17 ވަނައަށް ޖެހިލައިފައިވާ އިރު، މިރޭވެސް އެޓީމު ވަނީ 1-0 އިން އެސްޓޮންވިލާ ބަލިކޮށްފައެވެ. މެޗުގައި ގޯލު ޖެހީ ޖެނުއަރީގައި ޓީމަށް ގެންދިޔަ ކެވިން ޓްރިޕިއާއެވެ.

ޓޮޓެންހަމްއިން އަމިއްލަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ވުލްވްސް އަތުން ބަލިވި އިރު، މެޗުގެ ފުރަތަމަ 20 މިނެޓު އެޓީމު ކޮޅަށް ވުލްވްސްއިން ދެ ގޯލު ޖެހިއެވެ. ޓޮޓެންހަމްގެ ޑިފެންސުން ހެދި ގޯސްތަކުގެ އިތުރުން ކީޕަރު ހޫގޯ ލޮރިސްގެ ފަރާތުންވެސް ގޯސްތަކެއް މެޗުގައި ފެނުނު އިރު، ވުލްވްސްގެ ގޯލުތައް ޖެހީ ރައުލް ހިމަނޭޒް އާއި ލެއަންޑާ ޑެންޑޮންކާއެވެ.

ޓޮޓެންހަމް އެންމެފަހުން ލީގުގައި ކުޅުނު ތިން މެޗުންވެސް އެޓީމު ބަލިވެފައިވާ އިރު، އެއީ ކޯޗު އެންޓޯނިއާ ކޮންޓޭގެ މުޅި ކެރިއަރަށް ބަލާއިރުވެސް ދަށް ރެކޯޑެވެ. މީގެ ކުރިން ކޮންޓޭ ހަވާލުވެ ހުރި ޓީމަކުން ޖެހިޖެހިގެން ލީގުގެ ތިން މެޗުން ބަލިވީ 2009 ވަނަ އަހަރު ނޮވެމްބަރު މަހުގައެވެ. އޭރު ކޮންޓޭ ހުރީ އެޓްލާންޓާއާ ހަވާލުވެއެވެ.