އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގެ ތަށި ކްލަބު އީގަލްސްއިން ފަސްވަނަ ފަހަރަށް އުފުލާލައިފިއެވެ.
ފ. ނިލަންދޫ ޓާފް ދަނޑުގައި މިއަދު ހަވީރު ކުޅުނު ފައިނަލް މެޗުގައި އީގަލްސްއިން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މިފަހަރުގެ މުބާރާތުގައި ސަސްއިން އަލަށް ވާދަކުރި އިރު، ފައިނަލުން މޮޅުވި އީގަލްސްއިން ރާއްޖޭގެ ޔޫތު މުބާރާތްތަކުގައި އެންމެ ކާމިޔާބު ޓީމެވެ.
މިހާތަނަށް ޔޫތު ޗެމްޕިއަންޝިޕްގެ ނުވަ މުބާރާތެއް ކުޅުނު އިރު، އީގަލްސް އިން ވަނީ ހަތް މުބާރާތެއްގެ ފައިނަލުގައި ކުޅެފައެވެ. ފަސް ފަހަރު އީގަލްސްއިން ތަށި އުފުލާލި އިރު، މީގެ ކުރިން އީގަލްސްއިން ކާމިޔާބު ކުރި ހަތަރު ތައްޓަކީ 21 އަހަރުން ދަށަށް ހުޅުވާލައިގެން އެފްއޭއެމްއިން ބޭއްވި ޔޫތު ޗެމްޕިއަންޝިޕުން ހޯދި ހަތަރު ތައްޓެވެ. އީގަލްއިން މީގެ ކުރިން ތަށި ހޯދީ 2014، 2016، 2017 އަދި 2019 ވަނަ އަހަރުއެވެ.
މިފަހަރުގެ މުބާރާތް 19 އަހަރުން ދަށަށް އަމާޒުކޮށް ހުޅުވާލި އިރު، މުބާރާތުގައި ނުވަ ޓީމަކުން ވާދަކޮށްފައިވެއެވެ. އެއީ ފުރަތަމަ ޑިވިޝަންގެ އަށް ޓީމުގެ އިތުރުން މަހިބަދޫ ސްޕޯޓްސް ކްލަބެވެ. ގްރޫޕް ސްޓޭޖު މެޗުތައް ދެ ގްރޫޕަކަށް ބަހާލައިގެން ކުޅުނު އިރު، ފައިނަލް ފިޔަވައި އެހެން މެޗުތައް ކުޅުނީ ގައުމީ ދަނޑުގައެވެ. މިފަހަރު ނިލަންދޫގައި ފައިނަލް ކުޅުނު އިރު، މިއީ މާލޭން ބޭރުގައި ޔޫތު ޗެމްޕިއަންޝިޕުގެ ފައިނަލެއް ކުޅުނު ފުރަތަމަ ފަހަރެވެ.
މެޗުގެ ފުރަތަމަ ކޮޅުގައި އީގަލްސްއިން ގޯލެއް ޖެހުމާ ގާތަށް ޖެހިލީ ލިބުނު ހިލޭ ޖެހުމަކުންނެވެ. ސަސްގެ އޭރިއާ ބޭރުން ރަނގަޅު ހިސާބަކުން އީގަލްސްއަށް ލިބުނު ހިލޭ ޖެހުން ޒައިން ޒަފަރު ފޮނުވާލީ ހިތްގައިމުކޮށް ނަމަވެސް ސަސްގެ ގޯލުގައި ހުރި 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ގޯލްކީޕަރު ޔޫސުފް މީސަމް އަބްދުﷲ ވަނީ އެ ބޯޅަ ދިފާއުކޮށް ކޯނަރަކަށް ބޭރުކޮށްލައިފައެވެ.
އެ ހަމަލާއަށް ފަހުވެސް އީގަލްސްގެ އެޓޭކް ފެނުނީ ވަރަށް ނުރައްކާކޮށެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ މެޗުގެ 24 ވަނަ މިނެޓުގައި އީގަލްސް ލީޑު ނެގިއެވެ. މެދުތެރެއިން ދިން ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާ ތިރިތިރިން ގޯލުގެ ކަނަށް އަމާޒުކޮށް ލީޑު ނަގައިދިނީ މެޗުގައި މޮޅަށް ކުޅުނު ޒައިންއެވެ.
ދެވަނަ ހާފުގައި ދާދި ހަމަހަމަކޮށް ކުޅުން ފެނުނު ނަމަވެސް އީގަލްސްގެ އެޓޭކުތައް ފެނުނީ ސަސްއަށްވުރެ ބޮޑަށް ނުރައްކާކޮށެވެ. ރިޝާންގެ ހަމަލާއެއްގެ އިތުރުން މާހީއަށް ލިބުނު ފުރުސަތުވެސް ފާހަގަވެގެން ގޮސްފައިވާ އިރު، އީގަލްސްއަށް ލީޑު ފުޅާވިޔަ ނުދީ ހިފެހެއްޓުމަށް ސަސްގެ ޑިފެންޑަރުން މެޗުގައި ކުރި މަސައްކަތް ފާހަގަވިއެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ ޒައިން އެވެ. އެންމެ މޮޅު ކޯޗުގެ މަގާމު ލިބުނީ އީގަލްސްގެ ކޯޗު އަހުމަދު ނިމާދަށެވެ. ފެއާ ޕްލޭ ޓީމަކަށް މަހިބަދޫ ސްޕޯޓްސް ކްލަބް ހޮވުނު އިރު، މުބާރާތުގެ އެންމެ މޮޅު 11 ކުޅުންތެރިން ވެސް ވަނީ ހޮވައިފައެވެ.
- މުހައްމަދު ސަމާހު މޫސާ ފަތުހީ (އީގަލްސް)
- އިސްމާއިލް ސާއިފް (އީގަލްސް)
- ހުމައިދު ހުސައިން (އީގަލްސް)
- ކީޕަރު ޔޫސުފް މީސަމް އަބްދުﷲ (ސަސް)
- ވިޝާހު އަބްދުލް މަޖީދު (ސަސް)
- އިޝްއާފް މުހައްމަދު ފިރާގު (ސަސް)
- އަހްނަފް މުހައްމަދު ތަސްނީމް (ޓީސީ)
- އައިހަމް ހަމްދޫން (ޓީސީ)
- އައިހަމް ސައީދު (ޓީސީ)
- ޒައިން ސުޖާއު (ޔުނައިޓެޑް ވިކްޓަރީ)
- މުހައްމަދު އިޔާން ހަސަން (މާޒިޔާ)
ފުޓްބޯޅަ
ފުޓްބޯޅަ
ފުޓްބޯޅަ
ފުޓްބޯޅަ