ޕީއެސްޖީ

ފަހުވަގުތު އެމްބާޕޭ ޖެހި ގޯލާއެކު ރެނެސް ބަލިކޮށް، ޕީއެސްޖީން ލީގު ކަށަވަރުކުރުމާ ދިމާލަށް

ފްރާންސް ލީގު ވަންގައި ރޭ ކުޅުނު މެޗުގައި ރެނެސްގެ މައްޗަށް ކުރި ހޯދައި، ޕީއެސްޖީން ލީގު ނެގުމާ ގާތަށް ޖެހިލައިފިއެވެ.

އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗު ޕީއެސްޖީން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. އެ މޮޅާއެކު ލީގު ތާވަލުގެ އެއްވަނައިގައި ޕީއެސްޖީއަށް ވަނީ 16 ޕޮއިންޓުގެ ލީޑެއް ލިބިފައެވެ. 24 މެޗުން ޕީއެސްޖީއަށް 59 ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި އޮތް މާސޭއަށް 23 މެޗުން ލިބިފައިވަނީ 43 ޕޮއިންޓެވެ.

ރޭގެ މެޗުގެ ހަމައެކަނި ގޯލު 93 ވަނަ މިނެޓުގައި ފެނިގެން ދިޔައީ ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭގެ ފަރާތުންނެވެ. އެ ގޯލަށް ފުރުސަތު ތަނަވަސްކޮށްދިނީ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީއެވެ. މެޗުގައި މޮޅަށް ކުޅުނު މެސީ މެދުތެރެއިން ރެނެސްގެ ޑިފެންޑަރު ނައްޓާލުމަށްފަހު އޭރިއާ ތެރޭގައި ހުރި އެމްބާޕޭއަށް ދުއްވާލި ތުރޫ ޕާހަށް ވަދެ، އެމްބާޕޭ އެ ބޯޅަ އަމާޒުކޮށްލީ ގޯލުގެ ދުރު ކަނަށެވެ.

މެޗުގައި ފެނުނު ގޯލުގެ ކުރިން ޕީއެސްޖީއަށް ލީޑު ނަގަން އެތައް ފުރުސަތުތަކެއް ލިބި ބޭކާރުވެގެން ދިޔަކަން ފާހަގަވިއެވެ. އެގޮތުން ފުރަތަމަ ހާފު ނިމެން ދަނިކޮށް އެމްބާޕޭ ޖެހި ބޯޅައެއް ގޯލުގެ ދަނޑިއަށްވެސް އަމާޒުވި އިރު، ދެވަނަ ހާފުގެ ކުރީކޮޅުގައިވެސް އެމްބާޕޭ ޖެހި ބޯޅައެއް ގޯލަށް ވަދެފައިވެސް ވެއެވެ.

ބޯޅަ ގޯލަށް ވަން ނަމަވެސް ވީއޭއާރް ބަލައި ރެފްރީ ނިންމީ ތުރޫ ބޯޅައަށް ދުއްވައިގަތް އިރު، އެމްބާޕޭ އޮފްސައިޑު މަގާމެއްގައި އޮތް ކަމަށެވެ.