މާލޭ ސިޓީގެ މަގު ހެދުމުގެ މަޝްރޫއު، މާލޭ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓުގެ މަސައްކަތް ސަރުކާރުން ހުއްޓާލާފައިވާ ކަމަށް މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސިޓީ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ މާލޭ މަގު ހެދުމުގެ މަޝްރޫއު ސަރުކާރުން ހުއްޓާލީ އާ ކައުންސިލުން މަގާމާ ހަވާލުވިި ފަހުން ކަމަށެވެ. އާ ކައުންސިލުގެ ދައުރުގައި މިހާތަނަށް ތަރައްގީ ކުރެވިފައިވަނީ މާލޭގެ އެންމެ މަގެއް ކަމަށާއި އެއަށްފަހު މަގު ހެދުމަށް މަޝްރޫއަށް ކަނޑައަޅާފައިވާ ބަޖެޓު ސަރުކާރުން ދޫނުކުރާ ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ މަގު ހެދުމަށް ފާސްކޮށްފައިވާ ބަޖެޓު ދޫނުކުރާތީ ފީނޭސް މިނިސްޓްރީ އާއި ޕްލޭނިން މިނިސްޓްރީއަށް ކޮންމެ ދުވަހަކުވެސް ސިޓީ ފޮނުވަމުންދާ ކަމަށެވެ.
ބަޖެޓު ނުދީ މާލޭ މަގުތައް ތަރައްގީކުރުމުގެ މަސައްކަތް ހުއްޓާލުމުން ސަރުކާރަށް ވަނީ ކޮން ފައިދާއެއްތޯ ޑރ. މުއިއްޒު ވަނީ ސުވާލު އުފައްދައިފައެވެ. އަދި ވިދާޅުވީ މާލޭގެ މަގުތައް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުންދާ ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އާރްޑީސީ)އަށް ވެސް ފައިދާ ވާނީ މަސައްކަތް ފެށިގެން ކަމަށާއި އެ ކުންފުނިން ވެސް އެ މަސައްކަތް ފަށަން ބޭނުންވާ ކަމަށެވެ.
ސަރުކާރުގެ ސިޓީ ކައުންސިލުގެ މަސައްކަތްތަކަށް ހުރަސް އަޅާ ސަބަބު ސާފުކޮށް ރައްޔިތުންނަށް ކިޔައި ދިނުމަށްވެސް ޑރ. މުއިއްޒު ވަނީ ގޮވައިލައްވައިފައެވެ. މީގެ ކުރިން ވެސް ޑރ. މުއިއްޒު ވަނީ މާލޭ މަގު ހެދުމުގެ މަޝްރޫއަށް ފާސްކޮށްފައިވާ ބަޖެޓު ކައުންސިލާ ހަވާލު ނުކުރާތީ ކަންބޮނޑުވުން ފާޅުކުރައްވައިފައެވެ.
މާލޭ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓަކީ މާލޭގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއެކެވެ. އެ މަޝްރޫއުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ އާރްޑީސީންނެވެ.
އާރްޑީސީން މަގު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު