މާލޭ ސިޓީގެ މަގުތަކުން ވެހިކަލްތަކުގެ ވެރިންނަށް ބިން ވިއްކަން އުޅޭކަމަށް ބުނެ، ޓްރާންސްޕޯޓު މިނިސްޓްރީން ދެއްކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދިގު މުއްދަތަކަށް ޕާކިން ސްލޮޓް ވިއްކުމަކީ ގާނޫނާއި ގަވާއިދު ހުއްދަކުރާކަމެއް ނޫން ކަމަށާއި އެގޮތަށް ޕާކިން ސްލޮޓް ކުއްޔަށް ނުދެވޭނެކަމަށް ބުނެ ރޭ ޓްރާންސްޕޯޓުން ވަނީ ބަޔާނެއް ނެރެފައެވެ. އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ހަދާފައިވާ އެއްގަމު އުޅަނދު ޕާކް ކުރުމުގެ ގަވާއިދުގެ ތެރެއިން ސިޓީ ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން ޕާކިން ޒޯންތައް ކަނޑައަޅައި ހިލޭ ޕާކު ކުރެވޭނެ ސަރަހައްދުތަކާއި ވަކި ވަގުތަކަށް ވަކި ފީއެއް ދައްކައިގެން ޕާކު ކުރެވޭނެ ސަރަހައްދުތައް ކަނޑައެޅިދާނެ ކަމަށެވެ. ނަމަވެސް މަސްތަކާއި އަހަރުތަކަށް ދެމިގެންދާހެން ދިގު މުއްދަތަށް ޕާކިން ސްލޮޓް ކުއްޔަށް ދިނުމަކީ ގާނޫނާއި ގަވާއިދު ހުއްދަކުރާކަމެއް ނޫން ކަމަށް މިނިސްޓްރީން ބުންޏެވެ.
ސިޓީ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއިއްޒު ވިދާޅުވީ މާލޭގައި ޕާކިން އިމާރާތްތައް ހަދަން އިންވެސްޓަރުންނަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި އެކަން ކުރާނީ ޕަބްލިކް ޑިވިޑެންޓު ޕްރޮޖެކްޓެއްގެ ގޮތުގައި ކަމަށެވެ. އަދި ވިދާޅުވީ ޕާކިން އިމާރާތްތަކުގެ މަސައްކަތް ނިމެންދެން މާލެއަށް ދިމާވެފައިވާ ޕާކިން މައްސަލަ ހައްލުނުކޮށް ކައުންސިލުން ތިބުމަކީ ޒިންމާދާރު ކަމެއް ނޫން ކަމަށެވެ.
މުއިއްޒު ވިދާޅުވީ ޕާކިން މައްސަލަތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން މާލޭގެ ހުސް ބިން ތަކުންނާއި ބައެއް މަގުތައް ގަރާޖު ސިޓީގެ ގޮތުގައި ބޭނުންކުރަން ކައުންސިލުގެ އިއްތިފާގުން ފާސްވި ކަމަށެވެ. މާލޭގައި ދުއްވާ ގިނަ އުޅަނދުތަކަށް ގަރާޖު ސިޓީ ހަމަޖެހިފައިނުވާކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ ގަރާޖު ސިޓީއަކީ މިހާރު ވިޔަފާރިއަކަށް ވެފައިވާ ކަމެއް ކަމަށެވެ.
ގަރާޖު ސިޓީއަށް މިހާރު ވެހިކަލް ރަޖިސްޓްރީ ކޮށްދެނީ 80،000 ރުފިޔާ އާއި 100،000 ރުފިޔާ ދެމެދު ނޫނީ އެއަށްވުރެ ބޮޑު އަގެއްގައި ކަމަށެވެ. އެހެންވެ ކައުންސިލުން ނިންމީ މާލޭގެ މަގުތަކުގައި ގަރާޖު ސިޓީ ހަދައި ވެހިކަލް ރަޖިސްޓްރީކޮށްދޭން ކަމަށާއި އެގޮތަށް ރަޖިސްޓްރީ ކޮށްދޭނީ ވެހިކަލް ކަމަށެވެ. އަދި އެއްވެސް މީހެއްގެ ނަމުގައި މަގުތަކުން ބިން ރަޖިސްޓްރީ ނުކޮށްދޭނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.
އެގޮތަށް ރަޖިސްޓްރީ ކޮށްދޭ ވެހިކަލްތަކަކީ ވަގުތީ ގޮތުން ޕާކިން އިމާރަތް ނިމެންދެން ރަޖިސްޓްރީ ކޮށްދޭ ވެހިކަލް ކަމަށެވެ. އަދި ވެހިކަލްތަކުގެ އުމުރު ކަނޑައަޅަން ސިޓީ ކައުންސިލަށް ސަރުކާރުން އަންގާފައިވާ ކަމަށާއި އެކަން ކުރެވުމުން ވެހިކަލްތަކަށް މަގުތަކުން ދޫކޮށްފައިވާ ގަރާޖު ސިޓީގެ ރަޖިސްޓްރީ ބާތިލުވާނެ ކަމަށެވެ.
ޓްރާންސްޕޯޓު މިނިސްޓްރީ އާއި ލޯކަލް ގަވަމެންޓު އޮތޯރިޓީ (އެލްޖީއޭ) އިން ސިޓީ ކައުންސިލުގެ ގަރާޖު ސިޓީގެ ނިންމުން ގާނޫނާ ހިލާފުކަމަށް ބުނުމުން އެކަން މިވަގުތަށް ކުރިއަށް ނުގެންދަން ނިންމާފައިވާކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ އެލްޖީއޭގެ ބޭފުޅުންނަށް އެކަން ތަފްސީލުކޮށް ދިނުމުން ސިޓީ ކައުންސިލުން ކުރަން އުޅޭ ކަންތައް އެބޭފުޅުންނަށް މިހާރު އެނގިފައިވާނެ ކަމަށެވެ.
މިނިސްޓްރީން އިއްޔެ ބުނީ ހިލޭ ޕާކިން ސަރަހައްދުތަކާއި ފީ ނަގައިގެން ޕާކިން ސަރަހައްދުތައް ކަނޑައެޅުމުގެ އިންތިޒާމު ހަމަޖެއްސުމަށްޓަކައިި ޕާކިން ސްލޮޓްތައް ދޫކުރާނެ އުސޫލަކާއި ޕާކިން ސްލޮޓްތައް ގާއިމުކުރާ ތަންތަނުގެ ލޭންޑެ ޔޫޒް ޕްލޭނެއް ތައްޔާރުކޮށް މިނިސްޓްރީއަށް ހުށަހަޅައި ފާސްކުރުމަށްފަހު އެކަން ގަވާއިދުގެ ތެރެއިން މާލެ ސިޓީ ކައުންސިލަށް ކުރުމުގެ ޖާގަ އޮންނާނެ ކަމަށެވެ.
ނަމަވެސް މާލެ ސިޓީ ކައުންސިލުން މިނިސްޓްރީއަށް ބޭނުންވާ ލޭންޑް ޔޫޒް ޕްލޭން އަދި ޕާކިން ސްލޮޓްތައް ދޫކުރާނެ އުސޫލު ހުށަހަޅާފައި ނުވާ ކަމަށާއި އެފަދަ ހުއްދައަކަށް މިހާތަނަށް އެދިފައި ވެސް ނުވާ ކަމަށެވެ. މި މިނިސްޓްރީގެ ފަރާތުން ބޭނުންވާ ހުއްދައާ ނުލައި މާލެ ސިޓީ ކައުންސިލުން އަމިއްލަ ފަރާތްތަކަށް ދިގު މުއްދަތަށް މާލެއިން ވިއްކުމަށް ނިންމާފައިވާ ޕާކިން ސްލޮޓްތައް ނުވިއްކޭނެ ކަމަށްވެސް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު