ރިޔާސީ އިންތިހާބުގައި ޖުމުލަ ވޯޓުގެ 30 ޕަސެންޓަށްވުރެ މަދު ނޫން އަދަދަކަށް ވޯޓު ހޯދާ ކެނޑިޑޭޓަކަށް އިންތިހާބު ކާމިޔާބުވީ ކަމަށް ކަނޑައަޅަން ގާނޫނުއަސާސީ އިސްލާހުކުރަން ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައިފިއެވެ.

ރައީސް ނަޝީދު އެގޮތަށް ނިންމަވާފައި ވަނީ، ގާނޫނުއަސާސީއަށް ގެންނަން އެމަނިކުފާނު ނިންމަވާފައިވާ ބަދަލުތަކުގެ ގޮތުގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނަށް ފޮނުވި ލިސްޓެއްގައި ހިމަނައިގެންނެވެ.

ގައުމީ މަޖިލީހުގެ މެންބަރުންނަށް އެމަނިކުފާނު ވިދާޅުވެފައި ވަނީ، އެ ބަދަލުތައް ގެންނަން ބޭނުންފުޅު ވަނީ ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަށް ބަދަލުކުރަން ރައްޔިތުންގެ މެދުގައި ނަގާ ފެންނަ ނުފެންނަ ވޯޓަށް ފަހުގައި ކަމަށެވެ.

ނިޒާމީ ވޯޓު ނަގާނެ ތާރީހެއް ކަނޑައެޅުމަށް، އެމްޑީޕީގެ ކޮންގްރެސް އެއް ބޭއްވުމާ ގުޅޭ ގޮތުން ގޮތެއް ނިންމަން، މިރޭ ބާއްވާ އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހެޅުއްވުމަށް ނިންމަވާފައިވާ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ގާނޫނުއަސާސީގެ 111 ވަނަ މާއްދާގައި މިހާރު އޮންނަނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް މީހަކު އިންތިހާބު ވާނީ ވޯޓު ދިން މީހުންގެ 50 ޕަސެންޓަށްވުރެ ގިނަ ވޯޓު އެމީހަކަށް ލިބިގެން ކަމަށެވެ. އަދި އިންތިހާބަށް ކުރިމަތިލާ ކެނޑިޑޭޓުންގެ ތެރެއިން އެއްވެސް ކެނޑިޑޭޓަކަށް އެ އަދަދަށްވުރެ ގިނަ ވޯޓު ނުލިބިއްޖެ ނަމަ އެ އިންތިހާބު ބާއްވާތާ 21 ދުވަހުގެ ތެރޭގައި އިންތިހާބުގެ ދެވަނަ ބުރެއް ބާއްވަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.

ނަމަވެސް ގާނޫނުއަސާސީއަށް ގެންނަން ރައީސް ނަޝީދު ހުށަހަޅުއްވާ އިސްލާހުގައި ބުނެފައި ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހޭނީ، ޖުމުލަ ވޯޓުގެ 30 ޕަސެންޓް އެއްވެސް ކެނޑިޑޭޓަކަށް ނުލިބިއްޖެ ނަމަ، އެންމެ ގިނަ ވޯޓު ލިބުނު ދެ ކެންޑިޑޭޓުންގެ މެދުގައި ކަމަަށެވެ.

ގާނޫނުއަސާސީއަށް އެމަނިކުފާނު ގެންނަން ބޭނުންފުޅުވާ އެހެން ބަދަލުތަކުގެ ތެރޭގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދަށް ބަދަލު ގެނައުމާއި މިނިވަން މުއައްސަސާތަކުގެ އަދަދާއި އެ މުއައްސަސާތައް އެކުލެވިގެންވާ ގޮތް ބަދަލު ކުރުންވެސް ހިމެނެއެވެ. އަދި ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށާއި އެ ވޯޓުގެ ތާރީހު ކަނޑައެޅުމާއި އެވޯޓުން ނުކުންނަ ނަތީޖާއާ އެއްގޮތަށް ގާނޫނުއަސާސީގައި ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ކޮންގްރެސް އިން އެއްބަސްވުންވެސް ހިމެނެއެވެ.

ގާނޫނުުއަސާސީއަށް މި ބަދަލުތައް ގެނައުމަށް ރައީސް ނަޝީދު ހުށަހެޅުއްވި އިރު، އެމަނިކުފާނު ގެންދަވަނީ ބަރުލަމާނީ ނިޒާމަށް ތާއީދު ހޯދުމުގެ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެމަނިކުފާނު ވިދާޅުވެފައި ވަނީ އެމްޑީޕީއަށް އެކަނި 2023ގައި ވެރިކަން ކަށަވަރު ކުރެއްވެން އޮތް ހަމައެކަނި މަގަކީ ބަރުލަމާނީ ނިޒާމު ކަމަށެވެ.