އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީން ރޭ ކުޅުނު މެޗުގައި ބްރެންޓްފޯޑު ބަލިކުރި އިރު، ސައުތުހެމްޓަން އިން ފަހަތުން އަރައި ޓޮޓެންހަމް ހޮޓްސްޕާސް ބަލިކޮށްފިއެވެ.
ރޭ މެންޗެސްޓާ ސިޓީން އަމިއްލަ ދަނޑުގައި ބްރެންޓްފޯޑު ބަލިކުރީ 2-0ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗުން މޮޅުވެ މިހާތަނަށް ކުޅުނު 24 މެޗުން 60 ޕޮއިންޓް މެންޗެސްޓާ ސިޓީން ހޯދާފައިވާ އިރު، ދެވަނައިގައި އޮތް ލިވަޕޫލަށް 22 މެޗުން ލިބިފައި ވަނީ 48 ޕޮއިންޓެވެ. ތިންވަނައިގައި އޮތް ޗެލްސީއަށް 24 މެޗުން ލިބިފައި ވަނީ 47 ޕޮއިންޓެވެ.
ސިޓީން އަނެއްކާވެސް ލީގު ހޯދުމާ ގާތަށް ޖެހިލާފައިވާ އިރު، ކޯޗު ޕެޕް ގާޑިއޯލާ ވަނީ އެޓީމަށް މާބޮޑަށް ތައުރީފު ކުރާތީ އެކަމަށް ސަމާލުކަން ނުދޭ ކަމަށް ބުނެފައެވެ. ގާޑިއޯލާ ބުނެފައި ވަނީ ގިނަ ބަޔަކު ބުނާ ގޮތުގައި "ސިޓީއަކީ ދުނިޔޭގެ އެއްވަނަ ޓީމު" ކަމަށާއި ނަމަވެސް އެއީ "މޮޔަ ވާހަކަ" ތަކެއް ކަމަށެވެ. އެކަމަށް ސަމާލުކަން ނުދޭނެ ކަމަށާއި ސިޓީއަކީ އާދަޔާ ހިލާފަށް މޮޅު ޓީމެއް ނޫން ކަމަށް ރޭގެ މެޗަށްފަހު ގާޑިއޯލާ ބުންޏެވެ.
ރޭ ކުޅުނު މެޗުގެ ފުރަތަމަ މިނެޓުން ފެށިގެންވެސް މެޗު ކޮންޓްރޯލް ކުރީ ސިޓީންނެވެ. ފުރަތަމަ ހާފު ނިމެން ދަނިކޮށް ރިޔާދު މަހަރޭޒް ޖެހި ޕެނަލްޓީން ސިޓީން ލީޑު ނެގި އިރު، ދެވަނަ ހާފުގައި ލީޑު ފުޅާކުރީ ކެވިން ޑިބްރޭނާ ޖެހި ޕެނަލްޓީންނެވެ.
ރޭ ޓޮޓެންހަމްއާއި ސައުތުހެމްޓަން ކުޅުނު ފޯރި ގަދަ މެޗުން ސައުތުހެމްޓަން 3-2ގެ ނަތީޖާއަކުން މޮޅުވި އިރު، ރޭގެ މެޗުން މޮޅު ނުވެވި ޓޮޓެންހަމަށް ވަނީ ތާވަލުގައި އާސެނަލްގެ މައްޗަށް ޖެހިލަން ލިބުނު ފުރުސަތު ގެއްލިފައެވެ. މިހާތަނަށް ކުޅުނު 21 މެޗުން 36 ޕޮއިންޓް ޓޮޓެންހަމްއަށް ލިބިފައިވާ އިރު، އެޓީމު އޮތީ ތާވަލުގެ ހަތް ވަނައިގައެވެ. އާސެނަލް މިވަގުތު ހަވަނައިގައި އޮތީ 21 މެޗުން 36 ޕޮއިންޓް ހޯދައިގެންނެވެ. އެޓީމަށް ޓޮޓެންހަމަށް ވުރެ ކުރި ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ.
ޖޭން ބެޑްނަރެކް އަތުން ބައިކޮޅަށް ވަން ގޯލާއެކު ރޭ ޓޮޓެންހަމުން ލީޑު ނެގި އިރު، އޭގެ އިރުކޮޅެއް ފަހުން އަރްމާންޑޯ ބްރޯހާ ވަނީ ސައުތުހެމްޓަންއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. ނަތީޖާ ހަމަހަމަކޮށް ދަނިކޮށް، މެޗުގެ 70 ވަނަ މިނެޓުގައި ހިއުން މިއުން ސޮން ވަނީ އަނެއްކާވެސް ޓޮޓެންހަމަށް ލީޑު ނަގައިދީފައެވެ.
ސައުތުހެމްޓަންއިން ފަހަތުން އެރީ މުހައްމަދު އެލްޔޫނުސީއާއި ޗޭ އެޑަމްސް ޖެހި ގޯލުތަކުންނެވެ. ސައުތުހެމްޓަންގެ ކޯޗު ރާފް ހެސެންހަޓަލް ބުނެފައި ވަނީ ރޭގެ މެޗުގައި ފެނިގެން ދިޔައީ އޭނާގެ ކޯޗުކަމުގެ ދަށުގައި ސައުތުހެމްޓަން ކުޅުނު އެންމެ ތަފާތު މޮޅު މެޗު ކަމަށެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު