ފުޓްބޯޅަ

ލުކާކޫގެ ގޯލާއެކު އޭޝިއާގެ ޗެމްޕިއަނުން ބަލިކޮށް، ޗެލްސީ ފައިނަލަށް

އަބޫ ދާބީގައި މިހާރު ކުރިއަށްދާ ފީފާ ކްލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޔޫރަޕްގެ ޗެމްޕިއަން ޗެލްސީ ދަތުރުކޮށްފިއެވެ.

މުހައްމަދު ބިން ޒައިދު ސްޓޭޑިއަމްގައި ކުޅުނު ކްލަބު ވޯލްޑް ކަޕްގެ ސެމީ ފައިނަލް ދެވަނަ މެޗުގައި ޗެލްސީން އޭޝިއާގެ ޗެމްޕިއަނުން ކަމަށްވާ، ސައުދީ އަރަބިއްޔާގެ އަލް ހިލާލްގެ މައްޗަށް ކުރި ހޯދީ 1-0 ގެ ހަނި ނަތީޖާއަކުންނެވެ. މެޗުގައި ރޮމެލޫ ލުކާކޫގެ ގޯލެއް ފެނިގެން ދިޔަ އިރު، ޗެލްސީން ފައިނަލުގައި ނުކުންނަން ޖެހޭނީ ބްރެޒިލްގެ ޕަލްމޭރިއާސްއާ ދެކޮޅަށެވެ.

މިއީ ޗެލްސީން ކްލަބު ވޯލްޑް ކަޕްގައި ވާދަކުރާ ދެވަނަ ފަހަރެވެ. ފުރަތަމަ ފަހަރު ޗެލްސީއަށް ނިންމާލަން ޖެހުނީ ރަނަރަޕް ޓީމުގެ ގޮތުގައެވެ. ރަޝިއާގެ ރޯމަން އަބްރަމޮވިޗް ޗެލްސީ ގަތް ފަހުން ހޭދަވި 19 އަހަރުގެ ތެރޭގައި އެޓީމުން 20 ތަށި ހޯދާފައިވާ އިރު، ކްލަބު ވޯލްޑް ކަޕަކީ އެޓީމަށް ނުލިބި އޮތް ތަށްޓެކެވެ.

މިރޭގެ މެޗަށް ޗެލްސީން ނުކުތީ ކޯޗު ތޯމަސް ޓުޗެލްއާ ނުލައެވެ. ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައި ހުރުމުން ޗެލްސީ ޓީމާއެކު ޓުޗެލް އަބޫ ދާބީއަށް ގޮސްފައެއް ނުވެއެވެ. ބެލެވޭ ގޮތުގައި ފައިނަލްގެ ކުރިން ޓުޗެލް އަބޫ ދާބީއަށް ގޮސް ޓީމާ ގުޅޭނެއެވެ.

ޗެލްސީން ފުރަތަމަ ހާފު ކޮންޓްރޯލްކޮށް، މެޗު ވަރަށް ބޮޑަށް ޑޮމިނޭޓްކޮށް ކުޅުނު އިރު، އެޓީމުން ވަނީ މެޗުގެ 32 ވަނަ މިނެޓުގައި ލީޑު ނަގައިފައެވެ. ލުކާކޫ ޗެލްސީގެ ގޯލު ޖެހީ ކައި ހަވާޓްސް އަރިމަތިން ނަގައިދިން ހުރަހެއް އަލް ހިލާލްގެ ޑިފެންޑަރު ޔަސެރް އަލް ޝަހްރާނީ ބޮލުގައި ޖެހިފައި އޭރިއާ ތެރެއަށް ވެއްޓުމުންނެވެ. އެ ގޯލަކީ ލުކާކޫ ސީޒަންގައި ޖެހި ނުވަވަނަ ގޯލެވެ. މިރޭގެ މެޗުގައި ލުކާކޫ ގޯލު ޖެހީ އެންމެފަހުން ކުޅުނު ހަ މެޗުގައިވެސް ގޯލެއް ނުޖެހި ހުރުމަށްފަހުއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ހަވާޓްސްގެ އިތުރު ހަމަލާއެއް ގޯލުގެ ދަނޑިއަށް އަމާޒުވިތަން ފެނުނު ނަމަވެސް ދެވަނަ ހާފަށް ނުކުމެ އޮއިވަރު ބަދަލުވިއެވެ. އަލް ހިލާލުން ގިނަ ވަގުތު ބޯޅަ ގެންގުޅެ، ޗެލްސީއަށް ނުރައްކާވެސް ކުރިއެވެ. މުހައްމަދު ކަނޯގެ ބާރު ހަމަލާއެއް ޗެލްސީ ގޯލްކީޕަރު ކެޕާ އަރީޒާބަލާގާ މަތަކުރި އިރު، އޭރިއާ ތެރެއަށް ވަދެ އަލް ހިލާލްގެ މޫސާ މަރޭގާ ޖެހި ބޯޅަވެސް ކެޕާ މަތަކުރިއެވެ.

އޭގެ އިތުރުން ކުރިން މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު އޮޑިއޮން އިގާލޯ ޖެހި ބޯޅައެއް ޗެލްސީ ފަހަތުން ތިއާގޯ ސިލްވާ ވަނީ ބްލޮކްކޮށްފައެވެ. ޗެލްސީން ދެވަނަ ގޯލަކަށް މަސައްކަތް ކުރި ނަމަވެސް މެޗު ފަހު ފަސް ވަރަކަށް މިނެޓާ ހަމައަށް ދަންދެން އެޓީމަށް ރަނގަޅު ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ. ފަހު ފަސް ވަރަކަށް މިނެޓުގައި ޗެލްސީގެ ނުރައްކާތެރި ދެ ހުރަހެއް ފެނުނު ނަމަވެސް ފޯވަޑުންނަށް އެ ބޯޅަ ނިންމާލެވޭ ގޮތެއް ނުވެއެވެ.