ދިގު މުއްދަތަކަށް ޕާކިން ސްލޮޓް ވިއްކުމަކީ ގާނޫނާއި ގަވާއިދު ހުއްދަކުރާކަމެއް ނޫން ކަމަށާއި އެގޮތަށް ޕާކިން ސްލޮޓް ކުއްޔަށް ނުދެވޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީން މިގޮތަށް ބުނެފައި މިވަނީ މާލެއިން 1000 ޕާކިން ސްލޮޓް އަމިއްލަ ފަރާތްތަކަށް އުމުރު ދުވަހަށް ވިއްކުމަށް ސިޓީ ކައުންސިލުން ނިންމި ނިންމުމާ ގުޅިގެންނެވެ.

މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ހަދާފައިވާ އެއްގަމު އުޅަނދު ޕާކް ކުރުމުގެ ގަވާއިދުގެ ތެރެއިން ސިޓީ ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން ޕާކިން ޒޯންތައް ކަނޑައަޅައި ހިލޭ ޕާކު ކުރެވޭނެ ސަރަހައްދުތަކާއި ވަކި ވަގުތަކަށް ވަކި ފީއެއް ދައްކައިގެން ޕާކު ކުރެވޭނެ ސަރަހައްދުތައް ކަނޑައެޅިދާނެ ކަމަށެވެ.

"ނަމަވެސް މަސްތަކާއި އަހަރުތަކަށް ދެމިގެންދާހެން ދިގު މުއްދަތަށް ޕާކިން ސްލޮޓް ކުއްޔަށް ދިނުމަކީ ގާނޫނާއި ގަވާއިދު ހުއްދަކުރާކަމެއް ނޫން،" މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ ހިލޭ ޕާކިން ސަރަހައްދުތަކާއި ފީ ނަގައިގެން ޕާކިން ސަރަހައްދުތައް ކަނޑައެޅުމުގެ އިންތިޒާމު ހަމަޖެއްސުމަށްޓަކައިި ޕާކިން ސްލޮޓްތައް ދޫކުރާނެ އުސޫލަކާއި ޕާކިން ސްލޮޓްތައް ގާއިމުކުރާ ތަންތަނުގެ ލޭންޑެ ޔޫޒް ޕްލޭނެއް ތައްޔާރުކޮށް މިނިސްޓްރީއަށް ހުށަހަޅައި ފާސްކުރުމަށްފަހު އެކަން ގަވާއިދުގެ ތެރެއިން މާލެ ސިޓީ ކައުންސިލަށް ކުރުމުގެ ޖާގަ އޮންނާނެ ކަމަށެވެ.

ނަމަވެސް މާލެ ސިޓީ ކައުންސިލުން މިނިސްޓްރީއަށް ބޭނުންވާ ލޭންޑް ޔޫޒް ޕްލޭން އަދި ޕާކިން ސްލޮޓްތައް ދޫކުރާނެ އުސޫލު ހުށަހަޅާފައި ނުވާ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

"އަދި އެފަދަ ހުއްދައަކަށް މިހާތަނަށް އައި އިރު އެދިފައެއް ވެސް ނުވޭ. މި މިނިސްޓްރީގެ ފަރާތުން ބޭނުންވާ ހުއްދައާ ނުލައި މާލެ ސިޓީ ކައުންސިލުން އަމިއްލަ ފަރާތްތަކަށް އަމާޒުކޮށްގެން ދިގު މުއްދަތަށް މާލެއިން ވިއްކުމަށް ނިންމާފައިވާ ޕާކިން ސްލޮޓްތައް ނުވިއްކޭނެ ކަމުގައި މި ފުރުސަތުގައި ދަންނަވަން،" މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

މިނިސްޓްރީން އިތުރަށް ބުނީ މަގުމައްޗަކީ ހުރިހާ ރައްޔިތުން ވެސް ބޭނުންކުރާ ތަނެއް ކަމަށާއި އެހެންކަމުން އެތަންތަން ވަކި މީހަކަށް ވިއްކުމުގެ އިހުތިޔާރު ސިޓީ ކައުންސިލަށް ލިބިގެން ނުވާ ކަމަށެވެ. އަދި މިއީ ހުރިހާ ރައްޔިތުންގެ މަސްލަހަތާ ގުޅިފައިވާކަމަކަށް ވާތީ ވަކި ބަޔަކަށް ފައިދާވާގޮތައް ރައްޔިތުންގެ މެދުގައި ތަފާތުކުރުމަށް ސިޓީ ކައުންސިލުން މިކަމުގައި އަމަލުކުރުމުގެ ޖާގަ ސަރުކާރުން ނުދޭނެ ކަމަށްވެސް ބަޔާނުގައިވެއެވެ.

މާލެއިން 1000 ޕާކިން ސްލޮޓް އަމިއްލަ ފަރާތްތަކަށް އުމުރު ދުވަހަށް ވިއްކުމަށް ސިޓީ ކައުންސިލުން ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

އެކަމާ ގުޅިގެން މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ދިގު މުއްދަތަކަށް ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ޕާކިން ޖާގަ ވިއްކަން ނިންމީ ވެހިކަލްތައް ރަޖިސްޓްރީ ކުރުމަށްޓަކައި ބޮޑު އަގުގައި ގަރާޖު ސިޓީ ގަންނަން މަޖުބޫރުވެފައި ވާތީ ކަމަށެވެ. އަދި މިކަމުގެ ސަބަބުން އެކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

މުއިއްޒު ވަނީ މާލެ އިން ވިއްކާ 1،000 ޕާކިން ސްލޮޓްގެ ތެރެއިން 25 ޕަސެންޓް ޓެކްސީތަކަށް ހާއްސަ ކުރާނެ ކަމަށް ވިދާޅުވެފައެވެ. އެއީ 250 ޖާގައެވެ. ޕާކިން ޖާގަ ވިއްކަނީ 20 ފޫޓަށް ވުރެ ފުޅާ މަގުތަކާއި ކާނިވާ ސަރަހައްދުންނެވެ.

މާލެއިން 1000 ޕާކިން ސްލޮޓު ވިއްކުމަށް މަސައްކަތް ކުރަނީ ޕާކިން ސްލޮޓުތަކެއް ގުރުއަތު ނަގައިގެން ދޫކުރުމަށް ނިންމި ނިންމުން ބަދަލު ކުރުމަށްފަހުއެވެ. އޭރު 211 ޕާކިން ޖާގައަކަށް ގުރުއަތު ނަގާފައި ވަނިކޮށް، މައްސަލަތަކެއް ދިމާވެ، އެކަން ހުއްޓައިލީ އަލުން ގުރުއަތު ނަގަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގައިގެންނެވެ.