ޚަބަރު

އޭސީސީއަށް ކުރިމަތިލީ މެންބަރުންގެ ނަންތައް ފައިނަލްކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުން: ރައީސް އޮފީސް

ރިފާ ހަލީލު

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރު ކަމަށް ކުރިމަތިލި މީހުންގެ ނަންތައް ފައިނަލައިޒްކޮށް ވީއެންމެ އަވަހަކަށް މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުން އަނންަ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

އޭސީސީގައި ތިއްބެވި ހުރިހާ މެންބަރުން އިސްތިއުފާ ދެއްވުމާ ގުޅިގެން އެ ކޮމިޝަން މިހާރު އޮތީ ގާނޫނީ ހުސްކަމެއްގެ ތެރޭގައެވެ. މެންބަރުން ކޮމިޝަނުން އިސްތިއުފާ ދެއްވީ، އެ ބޭފުޅުން މެންބަރުކަމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމައި އެމަސައްކަތް ފެށުމާ ގުޅިގެންނެވެ. އޭސީސީގެ މެންބަރުކަމަށް ކުރިމަތިލުމަށް އިތުރު ކުރި މުއްދަތު މިދިޔަ މަހުގެ 31 ވަނަ ދުވަހަށް ހަމަވެފައިވާއިރު، 30 އަށްވުރެ ގިނަ މީހުން ވަނީ ކުރިމަތިލައިފަ އެވެ.

އޭގެ ތެރޭގައި ނެޝަނަލް ޓެންޑަ ބޯޑުގެ ޗެއާމަން ކަން ކުރެއްވި، އިސްމާއިލް ޒަރިޔަންދުގެ އިތުރުން އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ކުރީގެ ކުރީގެ ނައިބު ރައީސް އަމްޖަދު މުސްތަފާ ވެސް ހިމެނެ އެވެ. މީގެ އިތުރުން އޭސީސީގެ އިންވެސްޓިގޭޓަރުންގެ ގޮތުގައި ކުރިން މަސައްކަތްކުރި ބައެއް މީހުން ވެސް ކޮމިޝަންގެ މެންބަރުކަމަށް ވަނީ ކުރިމަތި ލައިފައެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބުރޫކު އަޒީޒް "ވަން" އަށް މިއަދު ވިދާޅުވީ އޭސީސީއަށް މެންބަރުން އައްޔަން ކުރުމަށްޓަކައި، ކުރިމަތިލާފައިވާ ފަރާތްތަކުގެ ނަންތައް ފައިނަލައިޒް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މަބްރޫކު ވިދާޅުވީ ނަންތައް ފައިނަލައިޒް ކުރެވުނުހާ އަވަހަކަށް އެނަންތައް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުވާނެ ކަމަށެވެ. ނަމަވެސް ފޮނުވޭނެ ވަކި ތާރީހެއް އަދި ވިދާޅުވާން ދަތި ކަމަށް އޭނާ ވިދާޅުވި އެވެ.

އޭސީސީގެ ގާނޫނުގައިވާގޮތުން އެ ކޮމިޝަންގެ މެންބަރަކު އިސްތިއުފާދެއްވައިފިނަމަ 60 ދުވަސްތެރޭ އާ މެންބަރަކު އައްޔަންކުރަން ޖެހެއެވެ. އެހެންކަމުން އެ ކޮމިޝަނަށް އާ މެންބަރަކު އައްޔަންކުރަން ޖެހޭ ގާނޫނީ މުއްދަތު ވެސް މިވަނީ ހަމަވެފައެވެ.

އޭސީސީގެ މެންބަރުން ނެތުމުގެ މައްސަލައަކީ އެތައް ބައެއްގެ ކަންބޮޑުވުން އޮތް މައްސަލައަަކަށްވާތީ، މަޖިލިސް ފަށައިގެން އެންމެ އިސްކަމެއްގެ ގޮތުގައި، އޭސީސީއަށް މެންބަރުން އައްޔަން ކުރުމަށް މަޖިލީހުން ރުހުން ދިނުން ހިމެނޭނެ ކަމަށް ވަނީ ބެލެވިފަ އެވެ.

ނަމަވެސް އޭސީސީގައި ތިއްބެވި މެންބަރުން އެކޮމިޝަނުން ވަކި ކުރުމުގެ މަސައްކަތް މަޖިލީހުން ފެށީ، ޗުއްޓީގައި އޮވެ ދައުރުން ބޭރުން ޖަލްސާތަކެއް ބާއްވައިގެންނެވެ.