ރާއްޖޭގައި ކޮވިޑުގެ ހާލަތު ގޯސްވެފައިވާއިރު ސާމްޕަލް ނަގާ މީހުން ހޯދުމަށް އެޗްއީއޯސީން ކުރި އިއުލާނާ ގުޅިގެން ކުރިމަތިލީ މީހުންގެ ޝަރުތު ހަމަނުވާތީ މި ވަޒީފާއަށް 60 މީހަކު ބޭނުންވެގެން އަނެއްކާވެސް އިއުލާނުކޮށްފި އެވެ.
މެޑިކަލް އޮފިސަރުންނާއި، ސާމްޕަލް ނަގާނެ މުވައްޒަފުންގެ އިތުރުން ސަޕޯޓް ސްޓާފުން ހޯދަން މިދިޔަ މަހު އިއުލާން ކުރި އެވެ. އަދި މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިމަތިލާން ވަނީ ފުރުސަތު ހުޅުވާލާފަ އެވެ.
އެ އިއުލާނުގައި ބުނީ 10 މެޑިކަލް އޮފިސަރުންނާއި ސާމްޕަލް ޓޭކާގެ ގޮތުގައި 60 މީހުންނާއި ސަޕޯޓު ސްޓާފުގެ ގޮތުގައި 10 މީހުން ބޭނުންވާ ކަމަށެވެ. ސާމްޕަލް ނަގާ މީހުން ފިޔަވައި އެހެން މަގާމުތަކަށް މީހުން ނަގަން އަލުން އިއުލާނެއް ނުކުރެއެވެ.
ހެލްތު މިނިސްޓްރީގެ ކޮލިޓީ އެޝުއަރެންސް އޮފިސަރު ތަސްލީމާ އުސްމާނު "ވަން" އަށް މިއަދު ވިދާޅުވީ ސާމްޕަލް ނަގާ މީހުން ހޯދަން އަލުން އިއުލާނުކޮށްފައިވަނީ މީގެ ކުރިން ކުރި އިއުލާނާ ގުޅިގެން ކުރިމަތިލީ މީހުންގެ ޝަރުތު ހަމަނުވާތީ ކަމަށެވެ. ތަސްލީމާ ވިދާޅުވީ މިހާރު އަލުން އިއުލާން ކޮށްފައިވަނީ ޝަރުތުތައް ބަދަލު ކޮށްފައި ކަމަށެވެ.
ހެލްތު މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނެފައިވަނީ މި މަގާމަށް ކުރިމަތިލާ މީހުންނަކީ އޯލެވެލް އަދި އެއަށްވުރެ މަތީ ފެންވަރު ހުރި މީހުންނަށް ވާންޖެހޭނެ ކަމަށެވެ. އަދި ސާމްޕަލް ނެގުމުގައި މަދުވެގެން ހަ މަސްދުވަހު އުޅެފައިވާ މީހަކަށް ވާންޖެހޭނެ ކަމަށްވެސް ބުނެފައިވެ އެވެ.
ހެލްތު މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ހަ މަސް ދުވަހުގެ މުއްދަތަށް ސާމްޕަލް ޓޭކާސްގެ ގޮތުގައި އެޗްއީއޯސީގައި މަސައްކަތް ކުރާނެ 60 މީހަކު ބޭނުންވާ ކަމަށެވެ. އަދި މުސާރައިގެ ގޮތުގައި ކޮންމެ މީހަކަށް މަހަކު 7500 ރުފިޔާ ލިބޭނެ ކަމަށެވެ.
އެހެން ކަމުން މިކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން މިމަހުގެ 15 ވަނަ ދުވަހުގެ ކުރިން އެޕްލިކޭޝަން ފޯމު ހުށަހެޅުމަށް އެ މިނިސްޓްރީން ވަނީ އެދިފަ އެވެ.