ޚަބަރު

ހައި ކޯޓުގެ ކުރީގެ މުވައްޒަފަށް އަލުން ވަޒީފާދޭން އަންގާފައި ވަނިކޮށް އާ މުވައްޒަފަކު ހޯދަނީ

މުހައްމަދު އިޝާން

ހައި ކޯޓުގެ ކުރީގެެ ޗީފް އެޑްމިނިސްޓްރޭޓަރަށް އަލުން ވަޒީފާދޭން ވަޒީފާއާބެހޭ ޓްރައިބިއުނަލުން އަންގާފައި ވަނިކޮށް، އެ މަގާމަށް އެހެން މީހަކު ހޯދަން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން އިއްޔެ އިއުލާނުކޮށްފިއެވެ.

ހައި ކޯޓުގެ ޗީފް އެޑްމިނިސްޓްރޭޓަރަކަށް އެންމެ ފަހުން ހުންނެވި މުނާ މުހައްމަދު 2020 ވަނަ އަހަރު ވަޒީފާއިން ވަކިކުރީ ކޯޓުތަކުގެ ޗީފް އެޑްމިނިސްޓްރޭޓަރުންގެ މަސައްކަތު ފެންވަރު ބެލުމުގެ އުސޫލުގެ ދަށުން ވަކި އަދަދަކަށް މާކްސް ނުލިބުމުގެ ސަބަބުން ކަމަށް ޑީޖޭއޭއިން ވަނީ ބުނެފައެވެ.

ވަޒީފާއިން ވަކިކުރި މައްސަލަ މުނާ ޓްރައިބިއުނަލުން ހުށަހެޅުމުން އެ މައްސަލަ ބެލުމަށްފަހު މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އަމުރުކުރީ އޭނާއަށް އަލުން ވަޒީފާ ދިނުމަށެވެ. ޓްރައިބިއުނަލުގެ އެ އަމުރު ޑީޖޭއޭއިން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އެ މައްސަލައިގެ ޝަރީއަތް ހައި ކޯޓުގައި ވަނީ ފަށައިފައެވެ.

ޑީޖޭއޭއިން އިއްޔެކުރި އިއުލާނުގައި ބުނީ ކޮންޓްރެކްޓު އުސޫލުން ހައި ކޯޓަށް ދެ ޗީޕް އެޑްމިނިސްޓްރޭޓަރުން ހޯދަން ބޭނުންވާ ކަމަށެވެ. އޭގެ ތެރެއިން އީއެކްސް ތިން ވަނަ ލެވެލްގެ ޗީފް އެޑްމިނިސްޓްރޭޓަރަށް މުސާރަ އާއި އިނާޔަތް ހިމަނައިގެން 20،894 ރުފިޔާ ލިބޭނެއެވެ. އަދި އީއެކްސް ލެވެލް ދޭއްގެ ޗީފް އެޑްމިނިސްޓްރޭޓަރަށް މުސާރަ އާއި އިނާޔަތް ހިމަނައިގެން 19،190 ރުފިޔާ ލިބޭނެއެވެ.

ޗީފް އެޑްމިނިސްޓްރޭޓަރުގެ މަގާމުގެ ވަޒީފާއަށް ޑިޖޭއޭއިން ހުޅުވިއިރު، މުނާއަށް އަލުން ވަޒީފާ ދިނުމަށް ޓްރައިބިއުނަލުން ކުރި އަމުރަށް އަމަލުކުރުން ފަސް ކުރުމުގެ އަމުރަކަށް ޑީޖޭއޭއިން ވަނީ އެދިފައެވެ.

ޑީޖޭއޭއިން ވަނީ މީގެ ކުރިން ފެމިލީ ކޯޓުގެ ކައިވެނީގެ ރަޖިސްޓްރާއަށް އަލުން ވަޒީފާދޭން ޓްރައިބިއުނަލުން އަންގާފައިވަނިކޮށް އެ މަގާމަށް އާ މީހަކު ހޯދަން އިއުލާނުކޮށްފައެވެ. ނަމަވެސް އެ އިއުލާނު ހައި ކޯޓުން ވަނީ ބާތިލުކޮށްފައެވެ.