ރާއްޖޭގެ ޖިނާއި އަދުލުގެ ނިޒާމް ރޭވިފައި އޮންނަނީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅޭ މައްސަލަތަކުގެ މައްޗަށް ޝަރީއަތް ހިންގުން ކަމަށާއި ހުށަ ނޭޅޭ މައްސަލަތަކަށް ޝަރީއަތެއް ނުހިނގާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލިސް ރައީސް މިހެން ވިދާޅުވީ، ރައީސް ޔާމީންގެ މައްޗަށް ކުރާ މަނީލޯންޑަރިންގެ ދައުވާގެ އަޑުއެހުމެއް، ކުރިމިނަލް ކޯޓަށް ތާވަލު ކުރުމަށްފަހު، ކޮވިޑްގެ ހާލަތުކަމަށް ބުނެ ޔޫތު މިނިސްޓަރު މަހުލޫފުގެ ކޮރަޕްޝަން މައްސަލަ ތާވަލު ނުކުރުމަކީ، ޖޭއެސްސީން ބަލަން ޖެހޭ މައްސަލައެކަން ފާހަގަކުރައްވައި، މަޖިލިސް ރައިސްގެ އިސްނެންގެވުމުގެދަށުން އެ މައްސަލަ ބެލުމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމު ގޮވައިލެއްވުމާ ގުޅިގެންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން، ޝިޔާމް ވިދާޅުވީ ށ.ކޮމަންޑޫ ދާއިރާގެ ބައިއިލެކްޝަންގެ ދުވަސްވަރު ކުރިމިނަލް ކޯޓުން އެކަން އެގޮތަށް ކުރުމަކީ އިންތިހާބަށް ނުފޫޒު ފޯރުވުން ކަމަށެވެ. އެކަމަކީ މައްސަލަތައް ތާވަލު ކުރުމަށް ކުރިމިނަލް ކޯޓުން ކަނޑައަޅާފައިވާ އުސޫލާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ. އެކަމަކީ އެއް ކަމެއްގައި ދެ ފަރުދަކާ ދޭތެރޭ ދެގޮތަކަށް އަމަލުކޮށްފައިވާ މައްސަލައެއް ކަމަށާއި، ޖޭއެސްސީން އެ މައްސަލަ ބަލަންޖެހޭ ކަމަށެވެ.

އެހެންކަމުން ޖޭއެސްސީގެ މެންބަރެއްގެ ގޮތުގައި މަޖިލީސް ރައީސް އިންނަވައިގެން އެ މައްސަލަ ބައްލަވައިދެއްވުމަށް ޝިޔާމް ގޮވައިލެއްވިއެވެ.

ޝިޔާމްގެ ވާހަކަތަކާ ގުޅިގެން މަޖިލިސް ރައީސް ވިދާޅުވީ، ޝިޔާމް ހަގީގަތުގައިވެސް ޖޭއެސްސީއަށް މައްސަލައެއް ހުށަހަޅުއްވަން ބޭނުންފުޅުނަމަ ސިޓީއަކުން އެ މައްސަލައެއް ހުށަހެޅުއްވޭނެ ކަމަށެވެ.

އެއީ ހުރިހާ ރައްޔިތުންނަށްވެސް އޮންނަ އިޖުރާއަތެއް ކަމަށާއި އެކަމުގައި އެއްވެސް ހުރަހެއް ނޯންނާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި އެތަނަށް ހުށަހެޅޭ ހުރިހާ މައްސަލައެއް ބަލާނެ ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް "ޖިނާއި އަދުލުގެނިޒާމް ރޭވިފައި އޮންނަނީ ހުށަހެޅޭ މައްސަލަތަކުގެ މައްޗަށް ޝަރީއަތް ހިންގަން، ހުށަނޭޅޭ މައްސަލަތަކަށް ޝަރީއަތެއް ނުހިންގޭނެ،" ކަމަށް ވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.