ށ. ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ތެރޭގައި، ޕީޕީއެމްގެ ރައީސް ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމުގެ މައްޗަށް ހުށަހަޅާފައިވާ މަނީލޯންޑަރިންގެ މައްސަލައިގެ އަޑުއެހުމެއް ކުރިމިނަލް ކޯޓަށް ތާވަލު ކުރުމަށްފަހު، ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށް ކުރާ ކޮރަޕްޝަން މައްސަލައިގެ އަޑުއެހުމެއް ތާވަލު ނުކުރި މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަނުން ބަލައިދިނުމަށް ރައްޔިތުންގެ މަޖިލިހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ގޮވާލައްވައިފިއެވެ.

ވިހެއުމާ ގުޅިގެންދޭ ޗުއްޓީ ފަނޑިޔާރުންނަށް ވެސް ލިބޭ ގޮތަށް ފަނޑިޔާރުންގެ ގާނޫނު އިސްލާހު ގެންނަށް ހުށަހަޅާފައިވާ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ، ކޮމަންޑޫ ދާއިރާގެ އިންތިހާބަށް މުޅި ދައުލަތުން ނުފޫޒު ފޯރުވާފައިވާއިރު، އޭގެ ތެރޭގައި ފަނޑިޔާރުގެ ވެސް ހިމެނޭ ކަމަށެވެ.

އޭނާ ވިދާޅުވީ، އެ ދުވަސްވަރު ރައީސް ޔާމީންގެ މައްސަލަ ކުރިމިނަލް ކޯޓުގައި ތާވަލު ކުރި ނަމަވެސް މަހުލޫފު ހުރީ މިނިވަންކަމާއެކު އެދާއިރާގައި ހަރަކާތްތެރިވުމަށް ދޫކޮށްލާފައި ކަމަށެވެ.

ކޮވިޑާ ގުޅިގެން ކަމަށް ބުނެ މަހުލޫފުގެ މައްސަލަ ތާވަލު ނުކޮށް ހަމަ އެއްދުވަސްވަރެއްގައި ރައީސް ޔާމީންގެ މައްސަލަ ކުރިމިނަލް ކޯޓުގައި ތާވަލުކުރުމަކީ، އެ ކޯޓުގެ ނިންމުމާވެސް އަދި، އެ ކޯޓުގައި މައްސަލަތައް ތާވަލު ކުރާ އުސޫލާ ވެސް ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށެވެ. ނަމަވެސް އެ މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލާފައި ނުވާ ކަމަށާއި، ޖޭއެސްސީ ވަނީ އެކަމަށް ނުކުޅެދިފައި ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމު ވިދާޅުވީ ޝަރުއީ ނިޒާމް އިސްލާހު ކުރުމުގެ ވާހަކައަކީ ރައްޔިތުންގެ މަޖިލީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން އެމްޑީޕީން އަބަދުވެސް ދައްކާ ވާހަކައެއް ކަމަށެވެ. ނަމަވެސް އެކަން ކުރެވިފައި ނުވާ ކަމަށްވެސް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ، މަޖިލިސް ރައީސް މިހާރު ޖޭއެސްސީގައި އިންނެވުމުން މަހުލޫފު މައްސަލަ އެޖެންޑާ ނުކުރި މައްސަލަ އަމިއްލަ އިސްނެންގެވުމުން ބައްލަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އެއީ އެއް ކަމެއްގައި ދެ ފަރުދަކާދޭތެރޭ ދެގޮތަކަށް އަމަލުކޮށްފައިވާ މައްސަލައެއް ކަމަށްވެސް ވިދާޅުވިއެވެ.