ފަރުމަސްވެރިކަން ކުރާ 62 މީހަކަށް ހަތް ލައްކަ ރުފިޔާގެ ލޯނު ދޫކޮށްފިއެވެ.

ފިޝަރީޒް މިނިސްޓްރީ އާއި އެސްޑީއެފްސީ ގުޅިގެން ކުރިއަށްގެންދާ "ކަނޑުފަޅު ނަފާ" ލޯނު ސްކީމަކީ ފަރުމަހުގެ މަސްވެރިކަން ކުރިއަރުވައި އަދި އެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް ކުރިއަށްގެންދިޔަ ލޯނު ދޫކުރުމުގެ ޕްރޮގްރާމެކެެވެ.

އެ ސްކީމަށް ކުރިމަތިލުމަށް ހުޅުވާލީ މިއަހަރުގެ ފެބްރުއަރީ މަހުގެ 16 ގައެވެ. އެ ފުރުސަތު ހުޅުވާލި އިރު، ލޯނު ދޫކުރުމަށް ހަމަޖެހިފައިވާ ޖުމުލަ އަދަދަކީ 20 މިލިއަން ރުފިޔާއެވެ.

ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވީ ވީހާވެސް ގިނަ ފަރާތްތަކަށް އެ ލުއި ލޯނުގެ ފުރުސަތު ދެއްވުމަށެވެ. އެެހެންކަމުން އެ ލޯނަށް އިތުރު 10 މިލިއަން އިތުރުކުރިއެވެ. އެއާއެކު ޖުމުލަ 30 މިލިއަން ރުފިޔާގެ ލޯނު ފެސިލީޓީއެއް ހަމަޖެހިގެންދިޔައެވެ.

ލޯނު ލިބުނު ފަރާތްތަކާ ބައްދަލުކުރުމަށް އިސްލާމީ މަރުކަޒުގެ ހޯލުގައި މިއަދު ބޭއްވި ހާއްސަ ހަފުލާގައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމު ވިދާޅުވީ ގާތްގަނޑަކަށް 121 ފަރާތެއް ލޯނު ހޯދުމަށްޓަކައި އެޕްލިކޭޝަން ހުށަހެޅި ކަމަށެވެ.

"ޓެކްނިކަލް އަދި ފައިނޭންޝަލް އިވެލުއޭޝަންއަކަށްފަހު މިހާރު މިވަނީ 62 ފަރާތަކަށް މި ލޯނު ދިނުމަށް އެޕްރޫވްކުރެވިފައި،" ފިޝަރީޒް މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމު އިތުރަށް ވިދާޅުވީ ރާއްޖޭގެ ފަރުތަކަށް ދިވެހި އެތައް އާއިލާއެއް ބަރޯސާވެފައިވާ އިރު، ފަރުމަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތައްވެސް ދަނީ އިތުރުވަމުން ކަމަށާއި އެކަމުން ދައްކުވައިދެނީ ފަރުމަސްވެރިކަމުގެ ދާއިރާ އިތުރަށް ތަރައްގީކޮށް އިތުރު މަގުތަކަށް މަގުފަހިކޮށްދިނުމުގެ މުހިންމުކަން ކަމަށެވެ. އަދި އެފަދަ ސްކީމަތަކަކީ އެ ފަރާތްތަކަށް އިތުރު ހިތްވަރަކާއި ކުރިއެރުމެއް ލިބިގެންދާނެ ވަސީލަތެއް ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

"ތިން ލައްކަ، ދެ ލައްކަ ރުފިޔާއިން މި މަސައްކަތެއް ނުފެށޭނެ. މި މަސައްކަތް ޑިވެލޮޕްކުރަން ހުންނަ މަސައްކަތްތަކެއްވެސް ނުކުރެވޭނެ. އެހެންވީމަ މިފަހަރު އަޅުގަނޑުމެން ހަތް ލައްކަ ރުފިޔާއާ ހަމައަށް ދެވޭގޮތަށް، ރަހުނެއް ނުބަހައްޓަން. ހަ މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް މިއަށް ލާފައި އަދި ދިހަ އަހަރު ދުވަހުގެ ތެރޭގައި އަނބުރާ ދައްކާގޮތަށް،" ޝިޔާމު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ފަންޑަށް އިތުރު ފައިސާ ލިބޭ ވަރަކުން އަނެއްކާވެސް ލޯނު ސްކީމުތައް ހުޅުވާލާނެ ކަމަށް ޝިޔާމު ވިދާޅުވިއެވެ.