މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނާ ގުޅޭގޮތުން އިދިކޮޅު ޕީޕީއެމުން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހެޅި ޝަކުވާތައް ހެކި ނެތް ކަމަށް ބުނެ ނުބެލުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ދާއިމީ ނަތީޖާ އިއުލާނުކުރުމަށް ބާ ޖަމާލުއްދީނުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އީސީގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ، އެ އިންތިހާބާ ގުޅިގެން ނުވަ ޝަކުވާއެއް ލިބިފައިވާ ކަމަށާއި އޭގެ ތެރެއިން އެއް ޝަކުވާ ފިޔަވައި އެހެން ހުރިހާ ޝަކުވާއެއް ހުށަހަޅާފައިވަނީ ޕީޕީއެމުން ކަމަށެވެ. އަދި އެ ޝަކުވާތައް ހެކި ނެތުމުން ބަލާފައި ނުވާ ކަމަށް ވެސް ވިދާޅުވިއެވެ.
އެކަމާ ގުޅިގެން "ވަން" އަށް މައުލޫމާތުދެއްވަމުން އަދުރޭ މިރޭ ވިދާޅުވީ، ޝަކުވާތައް ސާބިތުކުރެވޭނެ ފުރިހަމަ ހެކި އެބަހުރި ކަމަށާއި އީސީން މަސައްކަތް ކުރަނީ ޝަކުވާތައް އޮއްބާލުމަށް ކަމަށެވެ.
"ފުރަތަމަ ކަމަކަށް ޝަކުވާއެއް ހުށަހަޅައިފިނަމަ އެކަން ރަނގަޅަށް ބަލަން ޖެހޭނެ. އަޅުގަނޑުމެން ދެކެނީ އިލެކްޝަންސް ކޮމިޝަނުން ކުރި ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއްގެ ގޮތުގައި މިކަމަކީ. މިއީ ފުއާދު އިސްވެ ހުރެ ހިންގާ ޖަރީމާއެއްގެ ގޮތުގައި އަޅުގަނޑުމެން ސިފަކުރާނީ،" އަދުރޭ ވިދާޅުވިއެވެ.
އަދުރޭ އިތުރަށް ވިދާޅުވީ، އިންތިހާބަށް އީސީ މެދުވެރިކޮށްވެސް އެކި ނުފޫޒުތައް ފޯރުވާފައިވާ ކަމަށާއި އެ ކޮމިޝަނުން މަސައްކަތްކުރަނީ ވަކި ބަޔަކަށް ބުރަވެ ތިބެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު