އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުއްޓުވޭނީ އިންތިހާބުތަކާ ދިމާކޮށް އެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ހިންގާ މަޝްރޫތައް އެކަނި ކަމަށް އެ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ދާއިމީ ނަތީޖާ އިއުލާނުކުރުމަށް ބާ ޖަމާލުއްދީނުގައި ހުންނަ އިންތިހާބާ ބެހޭ މައި މަރުކަޒުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނާ ދިމާކޮށް ސަރުކާރުން ބައެއް މަޝްރޫއުތައް އެ ދާއިރާގައި ފަށާފައިވާތީ އެކަމަށް އިޝާރަތްކުރައްވައި ފުއާދު ވިދާޅުވީ، ދައުލަތުން ހިންގާ ޕްރޮޖެކްޓެއް ހުއްޓުވުމުގެ އެއްވެސް ބާރެއް ގާނޫނު އަސާސީން އީސީއަށް ލިބިދީފައި ނުވާ ކަމަށާއި އީސީއަށް ހުއްޓުވޭނީ ކެންޑިޑޭޓަކު މަޝްރޫއެއް ހިންގާ ނަމަ ކަމަށެވެ.
"ދައުލަތުން ހިންގާ ޕްރޮޖެކްޓެއް ހުއްޓުވުމުގެ ބާރެއް ނޯވޭ އިލެކްޝަންސް ކޮމިޝަނަކަށް. މި ވާހަކަ ބައެއް ބޭފުޅުން ގަބޫލު ނުކުރައްވައިގެން ބައެއް ވާހަކަތައް ދައްކަވާ. ދެން އެއްވެސް ކެންޑިޑޭޓަކު ޕްރޮޖެކްޓެއް ނުހިންގަވާ. ދެން އަޅުގަނޑުމެންނަށް ބެލޭނީ ގާނޫނުގައި ލިޔެފައި އޮންނަ އެއްޗަކާ. ގާނޫނުގައި އެއްވެސް ކެންޑިޑޭޓަކު މަނާކަމެއް ކުރާކަމުގައި ވަނީ ވިއްޔާ އެ ކެންޑިޑޭޓަކަށް އަޅުގަނޑުމެންނަށް އެންގޭނެ،" ފުއާދު ވިދާޅުވިއެވެ.
ފުއާދު ވިދާޅުވީ، އިންތިހާބުގެ ކުރިން، އިންތިހާބު ދުވަސްވަރު، އެއްވެސް މަޝްރޫއެއް ކޮމަންޑޫ ދާއިރާގައި ނުހިންގުމަށް އިލެކްޝަންސް ކޮމިޝަނުން ސަރުކާރުގައި އެދިފައިވާނެ ކަމަށާއި ނަމަވެސް ސަރުކާރުގެ ޖަވާބަކަށް ވަނީ، އިންތިހާބަކާ ދިމާކޮށް އެއްވެސް މަޝްރޫއެއް މަޑުޖައްސައި ނުލެވޭނެ ކަމަށެވެ.
"ކޮންމެ ސަރުކާރަކުންވެސް ދޭ ޖަވާބަކީ އިންތިހާބެއް އޮތިއްޔޭ ކިޔާފައެއް ދައުލަތުން ހިންގާ ޕްރޮޖެކްޓްތަކެއް ހުއްޓައެއް ނުލައްވާނަމޭ. އެހެންވީމާ އެކަން އެގޮތަށް އޮތީމާ އޭގެ ސަބަބުން ކުރާ އަސަރެއް އޮވެދާނެ. އެހެން ނުވާނެއެކޭވެސް އަޅުގަނޑު ނުދަންނަވަން،" ފުއާދު ވިދާޅުވިއެވެ.
ފުއާދު އިތުރަށް ވިދާޅުވީ، ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނުގެ ކަންކަން ކުރިއަށްދިޔައީ ވަރަށް ސުލްހަވެރިކަމާއި އޮމާންކަމާއެކު ޑިމޮކްރަސީގެ ރީތި އުސޫލުތަކުގެ މަތިން ކަމަށެވެ.
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނާ ދިމާކޮށް ސަރުކާރުން ވަނީ އެ ދާއިރާގެ ރަށްތަކުގައި ގިނަ މަޝްރޫއުތަކެއް ފަށައިފައެވެ. އޭގެ ތެރެއިން ބައެއް މަޝްރޫއުތަކަކީ ބަޖެޓުން ބޭރުން ހަރަދުކޮށްގެން ފެށި މަޝްރޫއުތަކެވެ. އެ ދާއިރާގައި ފެށި އެންމެ ބޮޑު މަޝްރޫއަކީ ކޮމަންޑުއާއި މަތިކޮމަންޑޫ ގުޅާލުމުގެ މަޝްރޫއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު