ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ދާއިމީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން މިއަދު އިއުލާންކޮށްފިއެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެ އިންތިހާބުގައި ވާދަކުރެއްވީ ތިން ކެންޑިޑޭޓުންނެވެ. އެއީ އެމްޑީޕީގެ ފަރާތުން މުހައްމަދު ރާޝިދު (ރާޑޯ) އާއި އިދިކޮޅު ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީ އާދަމްގެ އިތުރުން އެމްއެންޕީގެ ފަރާތުން އަބްދުލް ހަންނާން އިދުރީސެވެ.
ދާއިމީ ނަތީޖާ އިއުލާނުކުރުމަށް ބާ ޖަމާލުއްދީނުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އިލެކްޝަންސް ކޮމިޝަނުން ބުނީ، އިންތިހާބު ކާމިޔާބުކުރެއްވި އެމްޑީޕީގެ ރާޝިދަށް ލިބިވަޑައިގަތީ 1،401 ވޯޓު ކަމަށާއި ޕީޕީއެމްގެ ފަތުހީއަށް 1،161 ވޯޓު އަދި ހަންނާނަށް ލިބިވަޑައިގަތީ 323 ވޯޓު ކަމަށެވެ.
އެހެންކަމުން ދާއިމީ ނަތީޖާގެ ވޯޓުގެ އަދަދުތަކަށް ވެސް ބަދަލެއް އައިސްފައެއް ނުވެއެވެ. ވަގުތީ ނަތީޖާގައި ވެސް ރާޝިދާއި ފަތުހީއާ ދެމެދު އޮތީ 240 ވޯޓުގެ ފަރަގެކެވެ.
އެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 3،309 މީހަކަށް ލިބިފައިވާ އިރު، ވޯޓުލާފައިވަނީ 2،932 މީހެކެވެ. ސައްހަ ވޯޓުގެ އަދަދަކީ 2،885 ވޯޓެވެ. އަދި ބާތިލު ވޯޓުގެ އަދަދަކީ 47 އެވެ.
ދާއިމީ ނަތީޖާ އިއުލާންކުރުމުގެ ރަސްމިއްޔާތުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ، އިންތިހާބުގެ ކަންކަން ކުރިއަށްދިޔައީ ޑިމޮކްރަސީގެ ރޫހާ އެއްގޮތަށް މިިނިވަން އިންސާފުވެރިކަމާއެކުގައި ކަމަށެވެ. އަދި އެ އިންތިހާބާ ގުޅޭ ނުވަ ޝަކުވާއެއް ލިބިފައިވީ ނަމަވެސް އެ ޝަކުވާތަކުގެ ހެކި ނެތުމުން ބަލާފައި ނުވާ ކަމަށް ވެސް ފުއާދު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު