އެމްއެމްޕީއާރުސީ ކޮރަޕްޝަނުގެ މައްސަލައާ ގުޅިގެން ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ފަސް އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލު ކުރުމުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެދު ހެންވޭރު ދާއިރާގެ މެންބަރު އަދި އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް ފާޑު ވިދާޅުވެފައިވާތީ އޭނާގެ މައްސަލަ ސުޕްރީމް ކޯޓަށް ވެއްދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ބުނެފިއެވެ.
ރައީސް ޔާމީން ލީޑުކުރައްވާ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މެންބަރު އާޒިމު ޖުޑީޝަރީއަށް ފާޑު ކިޔައި، ނުފޫޒު ފޯރުވައި، ފަނޑިޔާރުންނަށް ބިރު ދެއްކުމުގެ ގޮތުން ފަނޑިޔާރުން ވަކި ކުރާނެ ކަމަށް ބުނެ މިއަދު މަޖިލީހުގައި ދެއްކި ވާހަކަތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
އިދިކޮޅުން ބުނީ، މަޖިލީހުގެ ތަޅުމުގައި އާޒިމު ދެއްކި ވާހަކައިގައި އެމްޑީޕީ އާއި ސަރުކާރު ބޭނުންވާ ގޮތަށް ކަންކަން ނުކުރާ ފަނޑިޔާރުންނަށް ފިޔަވަޅު އަޅާނެ ކަމަށާއި، އަދި އެމީހުން ބޭނުންވާ ގޮތަށް ހުކުމް ނުކުރާ ފަނޑިޔާރުން ވަކި ކުރާނެ ކަމަށް ބުނެ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ވާހަކަ ދައްކާފައިވާ ކަމަށެވެ. އަދި އެއީ އެއް ބާރު އަނެއް ބާރުގެ ތެރެއަށް އަތްބާނައި، ޖުޑީޝަރީ ހިސޯރު ކުރުމަށް ކުރަމުން ގެންދާ މަސައްކަތެއްގެ ގޮތުގައި ރައްޔިތުން ގަބޫލުކުރާކަމަށް އިދިކޮޅުން ބުންޏެވެ.
ނިމިދިޔަ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ދައުލަތުގެ ވަސީލަތްތަކާއި ކުންފުނިތަކުގެ މުވައްޒަފުންގެ އިތުރުން ދައުލަތުގެ ފައިސާ ބޭނުންކޮށް އެ އިންތިހާބަށް އިންތިހާ ދަރަޖައަށް ނުފޫޒު ފޯރުވުވުމުން ވެސް އެދާއިރާގެ ރައްޔިތުންގެ ތާއީދު ސަރުކާރަށާއި އެމްޑީޕީއަށް ނެތްކަން ހާމަވުމުން އެކަން ހަޖަމު ނުވުމަކީ ރައްޔިތުންގެ ކުށެއް ނޫންކަމަށް އިދިކޮޅުން ބުންޏެވެ. އަދި އެއީ ޖުޑީޝަރީ ނުވަތަ މިނިވަން މުއައްސަސާތަކުގެ ކުށެއް ވެސް ނޫންކަމަށާއި އެހެންކަމުން ބިރު ދެއްކުން ހުއްޓާލުމަށް އެމްޑީޕީ ގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރަށް ގޮވާލާކަމަށް ވެސް އިދިކޮޅުން ބުންޏެވެ.
އާޒިމްގެ މައްސަލަ ބަލައި ފިޔަވަޅު އަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމުގެ މަސައްކަތް ކުރިއަށް ގެންދާކަމަށް ބަޔާން ނިންމާލަމުން އިދިކޮޅުން ވަނީ ބުނެފައެވެ.
މިއަހަރުގެ ރައްޔިތުން މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ފަނޑިޔާރުންނަށް ވިހެއުމުގެ ޗުއްޓީ ދޭން ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެންނަށް ހުށަހަޅާފައިވާ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން އާޒިމް މިއަދު ވިދާޅުވީ، ރައީސް ޔާމީނު ވަނީ ދައުލަތުގެ ބައިވަރު ފައިސާއަށް ހިޔާނާތްތެރިވެވަޑައިގެންފައި ކަމަށާއި، އެކަންތައްތަކަށް ފިޔަވަޅު ނާޅާނަމަ ކޮންމެ މަގާމެއްގައި ތިބި ބައެއް ނަމަވެސް އެ މަގާމުތަކުން ވަކި ކުރާނެ ކަމަށެވެ.
އާޒިމް އިތުރަށް ވިދާޅުވީ ކޯޓުތަކުން ޝަރީއަތް ނިންމަނީ، ބޭރުފުށުން ކަމަށާއި، ފެންނަން ހުންނަ ހެކިތަކަށް ބަލައިގެންކަން ފާހަގަ ކުރައްވައި، ރައީސް ޔާމީންގެ ގެކޮޅަށް ނިސްބަތް ކުރައްވައި އަލީ އާޒިމް ވިދާޅުވީ، 4000 އަކަފޫޓުގެ ބޮޑު ޓަވަރެއް މައްޗަށް އަރަމުން އެދަނީ ބެންކު ލޯނެއް ނުނަގައި ކަމަށާއި އެކަންކަން ކޯޓުތަކުން އެބަ ބަލަން ޖެހޭ ކަމަށެވެ.
"ކޯޓުތަކުން ކަންކަން ނިންމާއިރު އެބަ ބަލަންޖެހޭ، ދައުލަތުގެ ފައިސާ އިންތިހާއަށް، އަޖާއިބުވާ ވަރަށް ނަގައި އެކައުންޓަށް ލައިފައިހުރި މީހަކު ހަމަ ދޫކޮށްލަންވީތޯ، ދޭދޭ ގައުތަކާ ޖައްސަމުން އޭނާ ބޭނުން ރަށަކަށް އަރަމުންދާން ފުރުސަތު ދޭންވީތޯ، ނޫން ރައްޔިތުން ބުނީ އެކަން ހުއްޓުވާށޭ،"
"ފަނޑިޔާރުން އެކަން ނުކޮށްފިއްޔާމު އަޅުގަނޑުމެން ނިކުމެ މިތިބީ ވަކިކުރަން ޖެހުނު ކޮންމެ މީހަކު ވަކި ކުރާނަން، އެ ހެޔޮ އެންޓި ކޮރަޕްޝަން ކޮމިޝަން ވިޔަސް، އެ ހެޔޮ ސިވިލްސާވިސް ކޮމިޝަން ކަމުގައި ވިޔަސް، އެ ހެޔޮ އިލެކްޝަންސް ކޮމިޝަން ކަމުގައި ވިޔަސް ޖުޑީޝަލް ސާވިސް ކޮމިޝަން ކަމުގައި ވިޔަސް، އެ ގެންނަން ޖެހުނު ބަދަލެއް ގެނެސްގެން ދައުލަތުގެ ފައިސާ އިންތިހާއަށް ނަގާފައިވާ މީހުން ޖަލުގެ އެތެރެއަށް އެބަ ލާން ޖެހޭ،" އަލީ އާޒިމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ރައީސް ޔާމީން ދޫކޮށްލާފައި ބެހެއްޓުމަކީ އެއްވެސް ރައްޔިތަކު ބޭނުންވާ ކަމެއްނޫން ކަމަށެެވެ.
ޚަބަރު
ޚަބަރު
ޚަބަރު