ޚަބަރު

ޣައްސާނާއި އުޝާމް ބޭނުންވީ "އިންޑިއާ އައުޓް" މައްސަލަ ބޭރުކުރަން, އެގޮތަށް ފާހެއް ނުވި

އިދިކޮޅު ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް އިސްވެ ހުންނަވައިގެން ކުރިއަށްގެންދަވާ، "އިންޑިއާ އައުޓް" ކެމްޕޭނުން ގައުމީ ސަލާމަތަށް ނުރައްކާވަމުންދާ ކަމަށް ވިދާޅުވެ، އެ މައްސަލަ ބައްލަވައިދެއްވުމަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241) ކޮމިޓީއަށް ހުށަހެޅުއްވި މަައްސަލަ ކޮމިޓީން ބޭރުކުރަން ފާހެއް ނުވިއެވެ.

އެ މައްސަލަ ދިރާސާކުރުމަށް މިއަދު ބޭއްވި 241 ކޮމިޓީގެ ބައްދަލުވުމުގައި މައްސަލަ ކުރިއަށް ގެންދާނެ ގޮތަކާ ގުޅޭ ގޮތުން ކޮމިޓީގެ މެންބަރުންގެ މަޝްވަރާއަށް ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ހުޅުވާލުމުން މައްސަލަ ބޭރުކޮށްލަން ހުށަހެޅުއްވީ ތ. ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫނެވެ.

ޕީޕީއެމްގެ މެންބަރު ޣައްސާން ވިދާޅުވީ, ހިޔާލުފާޅުކުރުމުގެ މިނިވަންކަން ގާނޫނުއަސާސީން ލިބިދީފައި އޮތް އިރު, އެފަދަ ތަހުގީގެއް މަޖިލީހުގެ ކޮމިޓީއަކުން ކުރިއަށް ގެންދިއުމަކީ އެންމެ އެކަށީގެންވާ ގޮތް ނޫން ކަމަށެވެ.

ޣައްސާންގެ ހުށަހެޅުމަށް ތާއީދު ކުރައްވައި ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވީ, އިންޑިއާ އައުޓް މައްސަލައަކީ ސީރިއަސް މައްސަލައެއް ނަމަވެސް އެއީ 241 ކޮމިޓީން ބަލަން ޖެހޭ މައްސަލައެއްކަމާމެދު ސުވާލު އުފެދޭ ކަމަށެވެ. އަދި މި މައްސަލަ މިހާ ހިސާބަށް އައިސްފައި މިއޮތީ, ސަރުކާރުން, ސިއްރުކުރަން ނުޖެހޭ ކަންކަން ސިއްރުކުރުމުގެ ސަބަބުން ކަމަށެވެ. އަދި މިއީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން ހިންގާ ހަރަކާތެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.

އުޝާމް ވިދާޅުވީ, ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ދަށުން އެހެން ގައުމުތަކުގައިވެސް, އެހެން ގައުމުތަކާ ދެކޮޅަށް ހަރަކާތްތައް ހިންގާފައި އެބަހުރި ކަމަށެވެ. އެހެންކަމުން ރާއްޖޭގައިވެސް އެ މިނިވަންކަން ލިބެންވާނެ ކަމަށާއި 241 ކޮމިޓީން މި މައްސަލަ ބެލުމަކީ ހައްލެއް ގެނެވޭނެ ކަމެއް ނޫންކަމަށް ވިދާޅުވިއެވެ.

ކެންދޫ ދާއިރާގެ މެމންބަރު އަލީ ހުސެއިންވެސް ތާއީދު ކުރެއްވި އެ މައްސަލައިގައި އިތުރު ފުރުސަތަކަށް އެދިވަޑައިގެން އުޝާމް ވިދާޅުވީ, އިންޑިއާ އައުޓް މައްސަލައަކީ ރައްޔިތުންގެ މަޖިލީހުން ދިރާސާ ކުރެވިދާނެ މައްސަލައެއް ކަމަށާއި ނަމަވެސް އެއީ 241 ކޮމިޓީން ބަލަންޖެހޭ މައްސަލައެއް ކަމަށް ނުދެކޭ ކަމަށެވެ.

އެގޮތުން 241 ކޮމިޓީއަކީ ސަލާމަތީ ހިދުމަތްތައް ހިނގާ ގޮތް ބެލުމަށް އުފައްދާފައިވާ ކޮމިޓީއެއް ކަމަށާއި އެ ކޮމިޓީގެ މެންޑޭޓަކީ އެމްއެންޑީއެފާއި ޑިފެންސް މިނިސްޓްރީއާއި ފުލުހުންނާއި ހޯމް މިނިސްޓްރީ އަދި ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީއާ ގުޅޭ މައްސަލަތައް ބެލުން ކަމަށްވާ އިރު, އެ އިދާރާތަކުގެ ހިންގުމުގެ ނިޒާމުގެ ބޭރުން ކޮމިޓީއަށް މައްސަލައެއް ނުބެލޭނެ ކަމަށް ވިދާޅުވިއެވެ.

ނަމަވެސް އުޝާމްގެ އެ ވާހަކަތަކާ ގުޅިގެން މުގައްރިރު އަސްލަމް ވިދާޅުވީ, 241 ކޮމިޓީގެ މެންޑޭޓުގައި ގައުމީ ސަލާމަތަށް އުނިކަމެއް އަންނާނެ ފަދަ ކަންކަމާ ގުޅިގެން ހުށަހަޅާ ރެކޯޑްތަކާއި ލިޔުންތައް ދިރާސާކުރުމާއި ސަލާމަތީ ހިދުމަތްތައް ހިނގާ ނުހިނގާ ގޮތް ބެލުމާއި ގައުމީ ސަލާމަތުގެ ކަންކަން ދިރާސާކުރުމާއި އެފަދަ ކަންކަން އިސްލާހު ކުރުމަށް ހުށަހެޅުންވެސް ހިމެނޭ ކަމަށެވެ. އަދި އިންޑިއާ އައުޓް މައްސަލަ 241 ކޮމިޓީން ދިރާސާކުރުމަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގަށް ހުރަސް އެޅޭނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން އަސްލަމް ވަނީ އެ މައްސަލަ ބޭރުކުރުމާ ގުޅޭގޮތުން ވޯޓަކަށް އަހައިފައެވެ. ނަމަވެސް އެކަމަށް ތާއީދު ނުލިބުމުން, ކޮމިޓީން މައްސަލަ ބަލައި ކުރިއަށް ގެންދަން ނިންމިއެވެ.