ރާއްޖެއަށް ބައިކިލޯ މަސްތުވާތަކެތި އަންހެނެއްގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކުރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.
ދެހާސް ސޯޅަ ވަނަ އަހަރުގެ މެއި މަހުގެ ތިން ވަނަ ދުވަހު، ޔޫއެލް 115 ފްލައިޓުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ ފްލައިޓުން އައި ފަރާތްތަކަށް ކަސްޓަމްސް މުވައްޒަފުން ފާރަލަމުން ދަނިކޮށް ދައުވާ ލިބޭ ސ. ހުޅުދޫ، ކުރިކީލަގެ، ޝާނިޔާ ރަޝީދަށް ކަސްޓަމްސްގެ އޮފިސަރުންނަށް ޝައްކުކުރެވިގެން، އޭނާގެ ލަގެޖު ބަލައި ފާސްކުރިއެވެ.
ލަގެޖު ބަލައި ފާސްކުރުމުން ލަގެޖުގެ އަރިމަތީގައި ހުރި އިތުރު ފަށަލައިގެ ތެރެއިން ފެނުނު ރަބަރު ޕެކެޓާއި، އެ ފޮށީގެ އަނެއް ފަރާތުގައި ދަބަހާ ތަތްކޮށްފައިވާ ރަބަރު ޕެކެޓުގައި ޖުމްލަ 304.1000 ގްރާމު ޑައިމޯފިން ހުރިކަމަށް އޭގެ ތަހުލީލު ރިޕޯޓުން ވަނީ ދައްކައިފައެވެ. އަދި ފޮށީގައި އޮތް އިތުރު ފަށަލައެއްގެ ތެރޭގައި ތަތްކޮށްފައިވާ ރަބަރު ޕެކެޓުގައި 290.5000 ގްރާމް ޑައިމޯފިން ހުރިކަމަށް އޭގެ ތަހުލީލު ރިޕޯޓުން ވަނީ ދައްކައިފައެވެ. އެފަށަލަ ކަފާލުމުގެ ތެރޭގައި އެ ރަބަރު ޕެކެޓު ފަޅައިގެން ގޮސް ފޮށި ތެރެއަށް ފޭބި މަސްތުވާތަކެތީގައި ޖުމްލަ 26.3814 ގްރާމު ހުރިކަމަށް ވެސް ތަހުލީލުން ރިޕޯޓުން ދައްކައެވެ.
އެހެންވެ ދައުލަތުން ޝާނިޔާގެ މައްޗަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ޖަދުވަލު އެކެއްގައިވާ މަސްތުވާތަކެތި އެތެރެކުރިކަމުގެ ދައުވާވަނީ ކޮށްފައެވެ.
ދައުލަތުން ވަނީ ހަތަރު ފުލުހަކު ހެކިވެރިންގެ ގޮތުގައި ޝާނިޔާއާ ދެކޮޅަށް ހުށަހަޅައިފައެވެ. ނަމަވެސް ކޯޓަށް ހާޒިރުވެ ހެކިބަސް ދީފައިވަނީ އެންމެ ފުލުހެކެވެ. ކޯޓަށް ހާޒިރުވި ޕޮލިސް ލާންސް ކޯޕްރަލް މުހައްމަދު އަލީ ޝާނިޔާއާ ދެކޮޅަށް ހެކިބަސް ދެމުން ބުނެފައިވަނީ، ލަގެޖުން ފެނުނު މަސްތުވާތަކެއްޗާ ބެހޭގޮތުން ޝާނިޔާއާ ސުވާލުކުރުމުން އެތަކެއްޗަކީ ޝާނިޔާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ޝަރޫންގެ ކޮއްކޮކަމަށްވާ ޝަރޫމުގެ އެދުމުގެ މަތިން ރާއްޖެ ގެނައި މަސްތުވާތަކެތިކަމަށް ބުނެފައިވާ ކަމަށެވެ. އަދި އޭނާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކުރީ މަސްތުވާތަކެތި ކެރީކުރުމަށް ހާއްސަކޮށްގެން ކުރި ދަތުރެއްގައިކަމަށާއި އޭނާއާއެކު އިތުރު މީހަކުވެސް ދަތުރުގައި ބައިވެރިވި ކަމަށެވެ.
މައްސަލައިން ދިފާއުވުމަށް ހެކިހުށަހަޅަން ދިން ދެވަނަ ފުރުސަތުގައި ޝާނިޔާގެ ފަރާތުން ވަނީ ލ.ގަން ތުނޑި، ނަންރީތިގެ މޫސާ ހަލީމް ހެކިވެރިއެއްގެ ގޮތުގައި ހުށަހަޅައިފައެވެ. އޭނާ ހެކިވެރިއެއްގެ ގޮތުގައި ހުށަހެޅީ ފޮށީގެ ވެރިމީހާއަކީ ޝާނިޔާ ނޫންކަން ސާބިތުކޮށް ދިނުމަށެވެ. ނަމަވެސް ފަހުން ޝާނިޔާގެ ފަރާތުން ބުނެފައިވަނީ އެ ހެކިވެރިޔާ ހުށަހަޅަން ބޭނުނުނުވާ ކަމަށެވެ.
އެހެންވެ ދެން ކުރިއަށް ގެންދިޔައީ ހުކުމް އިއްވުމުގެ މަރުހަލާއެވެ. ޝާނިޔާއަށް އިއްވި ހުކުމުގައި ބުނެފައިވަނީ ޝާނިޔާއާއިއެކު އިތުރު މީހަކު ދަތުރު ކުރިކަން ހެކިބަހުން އެނގެން އޮތްއިރު، އެމީހާއަށް ފާރަލުމެއްނެތި ނުވަތަ އެމީހާ ކަންކުރަމުންދިޔަ ގޮތަށް އެއްވެސް ފަރުވާލެއް ބެހެއްޓުމެއްނެތި މި މައްސަލައިގައި އަމަލުކުރުމުގެ ސަބަބުން މި މައްސަލައިގައި ހިންގުނު ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނަށް ނޭދެވޭ އަސަރުކޮށްފައިވާ ކަމަށެވެ.
މައްސަލައާ ގުޅިގެން ދައުލަތުން ހުށަހަޅާފައިވާ ލިޔެކިޔުންތަކުގެ ތެރޭގައި ޗެއިން އޮފް ކަސްޓަޑީ ނުވަތަ ކުޑަކާޑު ނެތް ކަމަށެވެ. ނަމަވެސް މައްސަލައިގެ ހުލާސާ ބަޔާނުގައި ދައުލަތުން ފާހަގަކޮށްފައިވަނީ ޗެއިން އޮފް ކަސްޓަޑީ ހުށަނޭޅި ކަމުގައި ވިޔަސް، މައްސަލައާއެކު ހުށަހަޅާފައިވާ ކުށުގެ ވެށިން ގެނެވޭ މީހުންނާއި ތަކެތީގެ މަޢުލޫމާތު ފޯމާއި، އެ ފޯމާއެކު ހިމެނޭ އަތުލައިގަނެވޭ ތަކެތީގެ ޗެއިން އޮފް ކަސްޓަޑީ ފޯމާއި، މާއްދީ ހެކި ހުށަހެޅިކަން އަންގައިދޭ ލިޔުމަށް ބަލާއިރު، މަސްތުވާތަކެތި ލެބޯޓްރީއާ ހަމައަށް ވާސިލުވެފައިވާ ގޮތް އެނގޭ ކަމަށާއި، އެ މައްސަލާގައި ސުވާލެއް އުފެދޭ ކަމެއް ނެތް ކަމަށެވެ. ދައުލަތުގެ އެވާހަކަތައް ކޯޓުން ގަބޫލު ނުކުރާކަމަށް ހުކުމުގައި ބުންޏެވެ.
ހުކުމުގައި ބުނީ ޗެއިން އޮފް ކަސްޓަޑީ ހުށަހަޅާފައި ނެތުމުން މަސްތުވާތަކެތި ތަހުލީލު ކުރިކަމަށް ރިޕޯޓުތަކުގައި ބަޔާންކޮށްފައިވާ ފުލުސް މީހާގެ އަތަށް ތަހުލީލުކުރުމަށްޓަކައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވުނު ތަކެތި ލިބުނީ ކާކުގެ އަތުން ކޮން ވަގުތަކުން ސާފު ނުވާ ކަމަށެވެ.
މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެއްޗަކީ ހަމަ ހަގީގަތުގައިވެސް މަސްތުވާތަކެތިކަމާއި، ތަހުލީލުކުރެވުނީ އެ މައްސަލާގައި ޝާނިޔާ ބޭރުން އައިއިރު ގެނައި ލަގެޖުން ނެގުނު ތަކެތިކަން ކަށަވަރުކުރެވޭނެ ގޮތެއްގެ މައްޗަށް ހެކި ހުށަހެޅުމަކީ ދައުލަތުން އުފުލަން ޖެހޭ ބުރައެއް ކަމަށްވާއިރު އެ ބުރަ ދައުވާލިބޭ ފަރާތުގެ މައްޗަށް ފުރޮޅިގެން ނުދާނެ ކަމަށްވުމުން ޝާނިޔާގެ މައްޗަށް މަސްތުވާތަކެތި އެތެރެކުރުމުގެ ކުށް ސާބިތުނުވާ ކަމަށް ވަނީ ހުކުމްކޮށްފައެވެ.
މި މައްސަލަ ބެއްލެވީ ގާޒީ ހުސެއިން ފާއިޒް ރަޝާދުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު