ދިވެހިރާއްޖޭގެ ތާރީޚު

ދިވެހިތާޜީޚު: ހިލާލީ ރަސްދަރިކޮޅުގެ ޕްރިންސެސް، ކަނބާ އައިޝާ މަގުމަތިކޮށްފައި ފިލްމުކުޅުމުގެ ބޭނުމެއްނެތެވެ. 1

އިމާދު ލަތީފު

6

މީލާދީން ފަނަރަސަތޭކައިގެ އަހަރުތަކުގެ ތެރޭގައި ޕޯޗުގީޒުން މިރާއްޖެ ހިފައި ދިވެހިން އަޅުވެތިކޮށް އެހިންގި އަނިޔާވެރި ވެރިކަން ނިމުމަކަށް ގެންނަވައި ދިވެހި ގައުމިއްޔަތާއި މާތްވެގެންވާ އިސްލާމް ދީނަށް ނަސްރު ހޯއްދަވައިދެއްވުމަށް އުތީމު ބޮޑު ތަކުރުފާނު ކުރެއްވި މަތިވެރިވެގެންވާ ޖިހާދުގެ ވާހަކަ ހުރިހާ ދިވެހީންވެސް ދަނެއެވެ. އެތަކުރުފާނާއި އެތަކުރުފާނުގެ ބައިވެރިން ކުރެއްވި ޖިހާދުގެ ޒިކުރާ ދިވެހިން އައުކުރެއެވެ. ޚާއްސަކޮށް ކޮންމެ އަހަރެއްގެވެސް ގައުމީ ދުވަސް ފާހަގަކުރަނީ އެވާހަކަ ދެއްކުމުގައެވެ. އެންމެފަހުން މިގޮތަށް ފާހަގަ ކުރެވުނު ގައުމީ ދުވަހު ހޯމް މިނިސްޓަރ އިމްރާން އަބްދު ﷲ ވަނީ އުތީމުގައި ވަރަށް ބޮޑު އައު މަޝްރޫއެއްގެ ވާހަކަ އިއުލާންވެސް ކުރައްވައިފައެވެ.

ހޯމް މިނިސްޓަރު އިއުލާން ކުރެއްވި އައު މަޝްރޫއަކީ ކޮބައިބާވައެވެ. އެއީ ބޮޑު ތަކުރުފާނު ކުރެެއްވި މަތިވެރިވެގެންވާ ގައުމީ ޖިހާދުން މިޒަމާނުގެ ކުދީންނަށް ފަސޭހައިން ފިލާވަޅުތަކެއް ހާސިލްކުރެވޭނޭ މަގުން އެޖިހާދުގެ މައްޗަށް އައު ސިލްސިލާ ފިލްމެއް ތައްޔާރުކޮށް ނެރުމެވެ. ދެން އަންނަ ގައުމީ ދުވަސް ފާހަގަކުރުމުގެ ކުރިން މި މަސައްކަތް ނިންމުމަށް ވަނީ އަމާޒު ހިފައިފައެވެ. މިއީ ދައުލަތުގެ ބަޖެޓުން އެތަކެއް މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ މަސައްކަތެކެވެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއީ ރަނގަޅު މަސައްކަތެކެވެ. އެހެންނަމަވެސް މި މަސައްކަތް އިތުރަށް ރަނގަޅުކުރުމަށްޓަކައި އައު ވިސްނުމަކުން މި ޖިހާދުގެ މައްޗަށް ވިސްނައިލަން އެބަޖެހެއެވެ.

ޕޯޗުގީޒުންނާ ދެކޮޅަށް ދިވެހީން ކުރި ޖިހާދުގެ ކޮމާންޑަރަކީ އުތީމު ބޮޑު ތަކުރުފާނެވެ. އެންމެ ކުރީސަފުގައި ހުންނެވި ބަތަލަކީ އެ ތަކުރުފާނެވެ. އެއާދޭތެރޭ ޝައްކެއްވެސް ނެތެވެ. އެހެންނަމަވެސް އެ ޖިހާދުގެ ޕްލޮޓް ދުރާލައި ރާވައި ނަސްރާއި ކާމިޔާބީއަށް މަގުފަހިވާނޭހެން ކަންކަން ތަރުތީބުކޮށް މުޅި އޮޕަރޭޝަނުގެ މައިގަނޑު މޭސްތިރިއެއްގެ ދައުރު އަދާކުރެއްވީ ބޮޑު ތަކުރުފާނު ބާވައެވެ. ނޫނެކެވެ. ތާރީޚުން ފެންނާންހުރި ހެކިތަކާއި އެޒަމާނުގެ ކަންކަން ހިނގަމުން އައިގޮތާއި ކަންކަމުގެ އާޖުފާޖު ދިވެހީންނަށް އެނގިތިބި މިންވަރަށް ވިސްނާއިރު އެ ޖިހާދުގެ މޭސްތިރިއެއްކަމަށް ގަބޫލު ކުރެވެނީ އަދި އެހެން ބޭފުޅެކެވެ. މަޝްހޫރު ކަނބާ އައިޝާއެވެ.

ކަނޑުގެ ބާޒުގެ ނަމުން މަޝްހޫރުވެފައިވާ ދުނިޔޭގެ ބޮޑު ބާރަކާއި ދެކޮޅަށް ތެދުވެ މާތްވެގެންވާ އިސްލާމްދީނާއި ދިވެހީންގެ މިނިވަންކަމުގެ ހައްގުގައި ޖިހާދެެއް ރާވައި އެކަމަށް މަގުފަހިވާނޭހައި ގޮތްގޮތަށް ކަންކަން އިންތިޒާމް ކުރެއްވުމަށް ކަނބާ އައިޝާ ފަދަ އަންހެން ބޭފުޅެއްގެ ކިބައިގައި ހުޝިޔާރުކަމާއި ހިތްވަރާއި ކެރުމާއި ތޫނުފިލިކަމާއި ހިކުމަތާއި ބުއްދި ހުރުން އެކަށީގެން ނުވާކަމަށް އޭރާއި މިހާރުގެ މުއައްރިޚުންނަށް ގަބޫލުކުރެވިފައި އޮތުން އެކަށީގެންވެއެވެ. އެ ޖިހާދުގެ ވާހަކަ ދައްކާއިރު ކަނބާއަށް ހައްގު ދަރަޖަ ނުދެވުމުގެ ސިއްރަކީ އެއީ ކަމަށް ވެދާނެއެވެ. އެހެންނަމަވެސް ވިސްނައިލުން ހުއްޓެވެ. އެ ޖިހާދުގެ ހަމަ ކޮންމެ ބާބެއް ހާވައި ބަލައި ދިރާސާކުރީމާ ފާޅުވާން އޮންނަ ހަގީގަތަކީ ކަނބާ އައިޝާގެ ހިކުމަތްތެރިކަމެވެ. އެއްކަމަކުން ދެކަމަކުން ނޫނެވެ. ހުރިހާ ކަމެއްގައެވެ.

ކަނބާ އައިޝާއަކީ ޝަހީދުވި އަލިރަސްގެފާނުގެ އަނބިކަނބަލުންނެވެ. އެއީ މަޝްހޫރު ކަޅު މުހައްމަދު ރަސްގެފާނާއި ސިޔާސީ ހިކުމަތުއަމަލީގެ މޭސްތިރިއެއް ކަމަށް ތާރީޚު ހެކިދޭ ބުރަކިރަނިންގެ ދަރިކަނބަލުންނެވެ. ބުރަކިރަނިންގެ ބުއްދިވެރިކަމާއި އެއްފަހަރަށްވުރެ ގިނަ ފަހަރު ކަޅު މުހައްމަދު ރަސްގެފާނަށް ދިވެހި ތަޚުތު ހޯއްދަވައި ދެއްވުމުގައި ބުރަކިރަނިން އަދާކުރެއްވި ދައުރު ތާރީޚު ދިރާސާކުރާ ހަމައެކަކަށްވެސް ވަންހަނާވެގެނެއް ނުވެއެވެ. މިދައްކަނީ އެވަރުގެ ޝަޚުސިއްޔަތެއްގެ ދަރިކަނބަލުންގެ ވާހަކައެވެ. ހިލާލީ ރަސްދަރިކޮޅުގެ އެންމެ ސީނިއަރ ޕްރިންސެސްގެ ވާހަކައެވެ. އަލިރަސްގެފާނަށްވެސް ދިވެހި ތަޚުތު ލިބިވަޑައިގަތުމުގެ ސަބަބުގެ ވާހަކައެވެ.

އެހިސާބުން އަދި ނުނިމެއެވެ. ކަނބާ އައިޝާއަކީ ނަސްރާނިއްޔަ ދީން އިޚުތިޔާރު ކުރައްވައި ގޯވާޔަށް ވަޑައިގެންނެވި ނުވަވަނަ ހަސަން ރަސްގެފާނުގެ ބޮޑުދައިތާފުޅެވެ. ޕޯޗުގީޒުން މިރާއްޖެ ހިފައި އަނދިރިއަނދިރީން އެހިންގި ވެރިކަމެއް ހިންގީ މިދެންނެވި ނުވަ ވަނަ ހަސަން ރަސްގެފާނުގެ ނަންފުޅުމަތީގައެވެ. އެހެންވީމާ ކަނބާ އައިޝާޔާއި އެކަނބާގެ ދަރިކަނބަލުން ސިއްތިމާވާ މާލެއިން އުފުރާލައިގެން ގެންގޮސް ވިޔަޒޯރުގެ ބެއްލެވުމުގެ ދަށުގައި ތިލަދުންމަތީ ބައުރަށުގައި އިހުތިރާމާއެކު ބޭތިއްބި ބޭތިއްބުމަކީ އިއްތިފާގެއް ނޫނެވެ. ކަނބާއަށް ގޯނާކުރުމަކީ ޕޯޗުގީޒުންނަށް އަމުރުވެވިގެންވާ ކަމެއްވެސް ނޫނެވެ. އަމުރުވެވިގެންވަނީ ގަދަރު ކުޅައުމަށެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟