އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމު ވަނީ ދައުލަތުގެ ބައިވަރު ފައިސާއަށް ހިޔާނާތްތެރިވެވަޑައިގެންފައި ކަމަށާއި، އެކަންތައްތަކަށް ފިޔަވަޅު ނާޅާނަމަ ކޮންމެ މަގާމެއްގައި ތިބި ބައެއް ނަމަވެސް އެ މަގާމުތަކުން ވަކި ކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަދި، އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
ފަނޑިޔާރުންނަށް ވިހެއުމުގެ ޗުއްޓީ ދޭން ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެންނަށް ހުށަހަޅާފައިވާ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން އަލީ އާޒިމް މިއަދު ވިދާޅުވީ، ނިމިދިޔަ ބައި އިލެކްޝަންގައި ރައްޔިތުން އެމްޑީޕީއަށް ދިން އިތުބާރުން، ރާއްޖެ އޮޔާދާން އެމްޑީޕީން ދޫކޮށް ނުލާނެކަން އެނގިގެން ހިނގައްޖެ ކަމަށެވެ. އެކަމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުުމުގައި އެމްޑީޕީން ފަހަށް ނުޖެހޭކަން އެނގިގެންދިޔަ ކަމަށްވެސް ވިދާޅުވިއެވެ.
އެ އިންތިހާބުގައިވެސް ރައްޔިތުން އެމްޑީޕީގެ ކިބައިން އެދުނީ ތާހިރު ތަނެއްގެ ގޮތުގައި ރާއްޖެ ހިންގައިދިނުމަށް ކަމަށާއި، ނުލަފާ ނުބައި ޖައްބާރު ވަގުން ދޫކޮށްލައިގެން، ރަށްރަށަށް އަރައި ދޭދޭ ގައުމުތަކާ ޖައްސަމުން ދިޔަނުދީ ކަންކަން ނިންމަމުން ގެންދިއުމަށް ކަމަށްވެސް ވިދާޅުވިއެވެ.
ކޯޓުތަކުގެ ފަނޑިޔާރުންގެ މަސައްކަތްތައް ފާހަގަކޮށް، ރައީސް ޔާމީންގެ މައްސަލައިގައި ސުޕްރީމްކޯޓުން ކުރި ހުކުމަށް އިޝާރާތް ކުރައްވައި އަލީ އާޒިމް ވިދާޅުވީ، "ދާދިފަހުން ރާއްޖޭގެ ރައީސްކަން ކުރެއްވި ބޭފުޅަކާ ދޭތެރޭ އެ އިއްވި ހުކުމަކީ އަޅުގަނޑު ދެކޭ ގޮތުގައި ވަރަށް އަޖައިބުވާހަކަލަ ހުކުމެއް، ސަބަބަކީ ފަނޑިޔާރުންގެ ބެންޗުން އިއްތިފާގު އެބަވޭ އެއްކަމަކަށް، އެއީ ދައުލަތުގެ ގިނަ ފައިސާ ރައީސް ޔާމީންގެ ގެއެކައުންޓުގައި ހުރިކަން، 100 މިލިޔަނަށްވުރެން ގިނަ ފައިސާ ދިވެހި ރުފިޔާ ޔާމީން އެކައުންޓުގައި އެބަހުރިކަން އެކަމަށް ހުރިހާ ފަނޑިޔާރުން އިއްތިފާގުވޭ،" ކަމަށެވެ.
ކޯޓުތަކުން ޝަރީއަތް ނިންމަނީ، ބޭރުފުށުން ކަމަށާއި، ފެންނަން ހުންނަ ހެކިތަކަށް ބަލައިގެންކަން ފާހަގަ ކުރައްވައި، ރައީސް ޔާމީންގެ ގެކޮޅަށް ނިސްބަތް ކުރައްވައި އަލީ އާޒިމް ވިދާޅުވީ، 4000 އަކަފޫޓުގެ ބޮޑު ޓަވަރެއް މައްޗަށް އަރަމުން އެދަނީ ބެންކު ލޯނެއް ނުނަގައި ކަމަށާއި އެކަންކަން ކޯޓުތަކުން އެބަ ބަލަން ޖެހޭ ކަމަށެވެ.
"ކޯޓުތަކުން ކަންކަން ނިންމާއިރު އެބަ ބަލަންޖެހޭ، ދައުލަތުގެ ފައިސާ އިންތިހާއަށް، އަޖާއިބުވާ ވަރަށް ނަގައި އެކައުންޓަށް ލައިފައިހުރި މީހަކު ހަމަ ދޫކޮށްލަންވީތޯ، ދޭދޭ ގައުތަކާ ޖައްސަމުން އޭނާ ބޭނުން ރަށަކަށް އަރަމުންދާން ފުރުސަތު ދޭންވީތޯ، ނޫން ރައްޔިތުން ބުނީ އެކަން ހުއްޓުވާށޭ،"
"ފަނޑިޔާރުން އެކަން ނުކޮށްފިއްޔާމު އަޅުގަނޑުމެން ނިކުމެ މިތިބީ ވަކިކުރަން ޖެހުނު ކޮންމެ މީހަކު ވަކި ކުރާނަން، އެ ހެޔޮ އެންޓި ކޮރަޕްޝަން ކޮމިޝަން ވިޔަސް، އެ ހެޔޮ ސިވިލްސާވިސް ކޮމިޝަން ކަމުގައި ވިޔަސް، އެ ހެޔޮ އިލެކްޝަންސް ކޮމިޝަން ކަމުގައި ވިޔަސް ޖުޑީޝަލް ސާވިސް ކޮމިޝަން ކަމުގައި ވިޔަސް، އެ ގެންނަން ޖެހުނު ބަދަލެއް ގެނެސްގެން ދައުލަތުގެ ފައިސާ އިންތިހާއަށް ނަގާފައިވާ މީހުން ޖަލުގެ އެތެރެއަށް އެބަ ލާން ޖެހޭ،" އަލީ އާޒިމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ރައީސް ޔާމީން ދޫކޮށްލާފައި ބެހެއްޓުމަކީ އެއްވެސް ރައްޔިތަކު ބޭނުންވާ ކަމެއްނޫން ކަމަށެެވެ.
މަޖިލިސް މެންބަރު އަލީ އާޒިމް
މަޖިލިސް މެންބަރު އަލީ އާޒިމް
މަޖިލިސް މެންބަރު އަލީ އާޒިމް
މަޖިލިސް މެންބަރު އަލީ އާޒިމް