ސްޕެނިޝް ލަލީގާގައި ބާސެލޯނާއިން މިރޭ ކުޅުނު މެޗުގައި 4-2 ގެ ނަތީޖާއަކުން އެންމެފަހުގެ ލީގު ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑް ބަލިކޮށްފިއެވެ.
ބާސާގެ ނޯ ކޭމްޕްގައި މިރޭ ކުޅުނު މެޗުގައި ބާސާގެ ބްރެޒިލް ޑިފެންޑަރު ޑެނީ އަލްވޭސް ގޯލު ޖެހުމުގެ އިތުރުން އޭނާއަށް ރަތް ކާޑުވެސް ދައްކާފައިވެއެވެ. ބްރެޒިލްގެ ވެޓެރަން ޑިފެންޑަރު، 38 އަހަރުގެ އަލްވޭސްއަށް މިރޭގެ ގޯލު ހާއްސަވީ، އެ ގޯލަކީ އަހަރުތަކެއް ވަންދެން ކްލަބާ ދުރުގައި ހުރުމަށްފަހު އެނބުރި އައިސް ޖެހި ފުރަތަމަ ގޯލު ކަމަށްވީތީއެވެ.
ގިނަ ގޯލުތަކެެއް ފެނިގެން ދިޔަ މެޗުގައި ބާސާއާ ފިނި މޫސުމުގެ ޓްރާންސްފާ ސީޒަނުން ގުޅުނު ޕިއޭ އެމްރިކް އަބާމަޔާން އާއި ބާޓްރެންޑް ޓްރެއޯރޭ ފެނިގެން ގޮސްފައިވެއެވެ. މެޗުގައި ބާސާގެ ފުރަތަމަ 11 ގައިވެސް ޓްރެއޯރޭ ފެނިފައިވެއެވެ.
މެޗުގައި ފުރަތަމަ ލީޑު ނެގީ އެތުލެޓިކޯއިންނެވެ. ބާސާއަށް ގިނަ ދުވަސްތަކެއް ވަންދެން ކުޅެ، އެ ކްލަބާއެކު ގިނަ ކާމިޔާބީތަކެއް ހޯދި ލުއިސް ސުއަރޭޒް ތަނަވަސްކޮށްދިން ބޯޅައަކުން ޔަނިކް ކަރެސްކޯ އެ ގޯލު ޖެހި އިރު، ބާސާއިން އެއްވަރު ކުރީ އަލްވޭސްގެ އެސިސްޓެއްގައި ޖޯޑީ އަލްބާ ޖަހައިދިން ހިތްގައިމު ގޯލަކުންނެވެ.
ބާސާއިން ހާފު ނިންމާލީ ފޯމުގައި ކުޅެ އިތުރު ދެ ގޯލުވެސް ޖަހައިގެންނެވެ. ބާސާގެ ދެވަނަ ގޯލު ޓްރެއޯރޭގެ ހުރަހަކުން ގަވީ ބޮލުން ޖެހި އިރު، ހާފު ނިމެން ދަނިކޮށް އެޓީމަށް ލީޑު އިތުރަށް ފުޅާކޮށްދިނީ ރޮނާލްޑް އަރައޫހޯއެވެ.
ދެވަނަ ހާފަށް ނުކުމެ އިރުކޮޅެއްވިތަނާ އަލްވޭސްގެ ހިތްގައިމު ގޯލެއް ފެނިގެން ދިޔަ އިރު، ނުރައްކާތެރި ފައުލެއްގައި މެޗުގެ 69 ވަނަ މިނެޓުގައި އަލްވޭސްއަށް ރެފްރީ ވަނީ ރަތް ކާޑު ދައްކައިފައެވެ. މެޗުގައި އެތުލެޓިކޯގެ ދެވަނަ ގޯލު ސުއަރޭޒްގެ ފަރާތުން ފެނުނު އިރު، ފަހު ވަގުތުކޮޅުގައި އަބަމާޔާން ކުޅެން ނުކުތެވެ. އޭނާގެ ފަރާތުން އެދެވޭ ހަމަލާއެއް ނުފެނުނު ނަމަވެސް ބާސާއަށް މިރޭގެ ނަތީޖާވީ އުންމީދީ ނަތީޖާއަކަށެވެ.
ޒަވީ ހެނާންޑޭޒްގެ ކޯޗުކަމުގައި ބާސާއިން ހޯދި އެންމެ ބޮޑު އެއް މޮޅަށް މިރޭގެ ނަތީޖާ ވެގެން ދިޔަ އިރު، އަލަށް ޓީމާ ގުޅުނު ފެރަން ޓޮރެސްއާއި ޓްރެއޯރޭ އަދި އޭގެ އިތުރުން އަލްވޭސްގެ ކުޅުންވެސް މިރޭ ފާހަގަވެގެން ދިޔައެވެ. މިރޭގެ ނަތީޖާއާއެކު ބާސާއަށް 22 މެޗުން 38 ޕޮއިންޓް ލިބިފައިވާ އިރު، އެޓީމު އޮތީ ގަދަ ހަތަރެއްގެ ތެރޭގައެވެ. އެތުލެޓިކޯއަށް 22 މެޗުން 36 ޕޮއިންޓް ލިބިފައިވުމުން އެޓީމު ވަނީ ފަސް ވަނައަށް ސޮއްސައިގެން ގޮސްފައެވެ.
ލަލީގާގައި މިރޭ ކުޅުނު މެޗަކީ ވިންޓާ ބްރޭކަށްފަހު ބޮޑު ދެޓީމަކުން ކުޅުނު ފުރަތަމަ މެޗެވެ. ވިންޓާ ބްރޭކަށް ދިޔަ އިރު، ލީގުގެ އެއްވަނައިގައި އޮތް ރެއާލަށް 22 މެޗުން 50 ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި ސެވިއްޔާ އޮތީ 23 މެޗުން 47 ޕޮއިންޓާ އެކުގައެވެ. ތިންވަނައިގައި ރެއާލް ބެޓިސް އޮތީ 23 މެޗުން 41 ޕޮއިންޓް ހޯދައިގެންނެވެ.