ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ނަތީޖާއިން ކުރިއަށް އޮތް ރިޔާސީ އިންތިހާބު އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނަށް ކާމިޔާބު ކުރެވޭނެކަމުގެ ޔަގީންކަން ލިބިއްޖެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، އަދުރޭ ވިދާޅުވެއްޖެއެވެ.
އަދުރޭ މިހެން ވިދާޅުވީ އިއްޔެ ބޭއްވި އިންތިހާބުގެ ނަތީޖާއަށްފަހު ފުރަތަމަ ފަހަރަށް ކުރެއްވި ޓުވީޓުގައެވެ.
އަދުރޭ މިއަދު ކުރެއްވި ޓުވީޓްގައި ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުން އަންނަ އަހަރުގެ ރިޔާސީ އިންތިހާބު އިދިކޮޅު ކޯލިޝަނަށް ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން ލިބިއްޖެ ކަމަށެވެ.
"ވަރުބަލިވުމެއްނެތް. ދެން ނުކުންނާނީ އަދި މާވަރުގަދަކޮށް. މަސައްކަތް ނިންމާނީ ރައީސް ޔާމީން 2023ގައި ވެރިކަމަށް ހޮވާފައި،" އަދުރޭ ވިދާޅުވިއެވެ.
އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދާ ވާދަކޮށް ޕީޕިީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީ ވަނީ 240 އެއްހާ ވޯޓުން ބަލިވެފައެވެ. އިދިކޮޅު ކޯލިޝަނުން ބުނީ އެއީ ކާމިޔާބީ ކަމަށެވެ. އަދި އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކުރެވުނީ ނުފޫޒު ފޯރުވައިގެން ކަމަށާއި އެ ނަތީޖާ ގަބޫލު ނުކުރާނެ ކަމަށްވެސް އިދިކޮޅުން ވަނީ ބުނެފައެވެ.
ފޯރިގަދަ ކެމްޕޭނެކަށް ފަހު އިއްޔެގެ އިންތިހާބު ރާޝިދު ކާމިޔާބުކުރެއްވީ އިންތިހާބަށް ބެހެއްޓުނު ހަތް ވޯޓު ފޮށިން ޖުމުލަ 1401 ވޯޓު ހޯއްދަވައިގެންނެވެ. ރާޝިދާ އެންމެ ގާތުން ވާދަކުރި އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީ އާދަމަށް ލިބިފައިވަނީ ޖުމުލަ 1161 ވޯޓެވެ. އަދި އެމްއެންޕީގެ ކެންޑިޑޭޓް އަބްދުލް ހަންނާނު އިދުރީސަށް ލިބިފައިވަނީ 324 ވޯޓެވެ.
ޚަބަރު
ޚަބަރު
ޚަބަރު