ލ. ފޮނަދޫގައި ހަލުވި ކަމާއެކު ކޮވިޑު ފެތުރެމުންދާތީ އެރަށް މޮނިޓަރިންއަށް ލައިފި އެވެ.
ފޮނަދޫން އިއްޔެ އެކަނިވެސް 33 މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ. މިއަހަރުގެ މިހާތަނަށް 306 މީހަކު ޕޮޒިޓިވް ވެފައިވާކަމަށް ފޮނަދޫ ސިއްހީ މަރުކަޒުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކަ އެވެ.
ފޮނަދޫން ބަލިޖެހި ރަނގަޅު ނުވެ 92 މީހުން މިހާރުވެސް ތިބި އިރު 26 މީހެއްގެ ނަތީޖާ އަދި ނުލިބޭ ކަމަށް ސިއްހީ މަރުކަޒުން ވަނީ ބުނެފަ އެވެ.
ފޮނަދޫ ކައުންސިލް ރައީސް އަހުމަދު ރިޔާޒު "ވަން" އަށް މިއަދު ވިދާޅުވީ މިހާރު ގިނައިން ޕޮޒިޓިވް ވަނީ ފުލޫ ކުލިނިކަށް ދައްކާ މީހުން ކަމަށެވެ. ރެންޑަމް ސާމްޕަލްތައްވެސް ޕޮޒިޓިވް ވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފޮނަދޫ މިއަދު މޮނިޓަރިން އަށް ލާފައިވާއިރު އެރަށާ ގުޅިފައި އޮންނަ ގަން ވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހު މޮނިޓަރިންއަށް ލައިފަ އެވެ.
ފޮނަދޫގެ އިތުރުން އިތުރު 39 ރަށެއް މިހާރުވެސް މޮނިޓަރިންގައި އެބައޮތެވެ. އޭގެ ތެރެއިން އެންމެ ގިނަ ދުވަސްވެފައިވަނީ ކ. މާފުށްޓާއި ހއ. އިހަވަންދޫ އެވެ. މާފުށި މޮނިޓަރިން އަށް ލާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު އެވެ. އިހަވަންދޫ މޮނިޓަރިން އަށް ލާފައިވަނީ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު އެވެ.
ޚަބަރު
ޚަބަރު
ޚަބަރު