ށ. ކޮމަންޑޫއާއި އެރަށާއި އެއް ފަޅެއްގައި އޮންނަ މަތިކޮމަންޑޫ ގުޅާލުމުގެ މަޝްރޫއަކީ އެ ދާއިރާގެ ނިމިދިޔަ ބައި-އިލެކްޝަނާ ގުޅުވައިގެން ފެށި މަޝްރޫއުއެއް ނޫން ކަމަށް ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދު (ރާޑޯ) ކާމިޔާބުކުރެއްވުމާ ގުޅިގެން އެމްޑީޕީގެ އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަސަން ލަތީފް ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބޭނުންފުޅުވެވަޑައިގެންނެވީ، މާލޭ ސަރަހައްދަށް މީހުން ތޮއްޖައްސަން ކަމަށާއި ކޮމަންޑޫ ދާއިރާގެ ތިން ރަށުގެ ރައްޔިތުން ޕީޕީއެމަށް ނޫނެކޭ ބުނީ އެ ސަބަބާ ހުރެ ކަމަށެވެ.

ހަސަން ލަތީފް ވިދާޅުވީ، އެމްޑީޕީއަކީ ރޭވުންތެރިކަމާއެކު އިންތިހާބުގެ ކަންކަން އަބަދުވެސް ކުރާ ބައެއް ކަމަށާއި އެމްޑީޕީގެ ކެމްޕެއިނުގެ ކަންކަންވެސް ކުރިއަށްގެންދަނީ އިލްމީ މަޝްވަރާތަކަށް ފަހު ވަރަށް ތަރުތީބީ ގޮތެއްގައި އެކަން ކުރަން އޮންނަ އެންމެ މޮޅަށް ކަމަށެވެ.

އިންތިހާބާ ދިމާކޮށް ފެށި ދެ ކޮމަންޑޫ ގުޅާލުމުގެ މަޝްރޫއު (މަތިކޮމަންޑޫ ކަނެކްޓިވިޓީ މަޝްރޫއު) އަކީ، އިންތިހާބާ ދިމާކޮށް ފެށި މަޝްރޫއެއް ނޫން ކަމަށާއި އެއީ މާކުރިންވެސް އެމްޑީޕީން މަސައްކަތް ކުރަމުން އައި މަޝްރޫއެއް ކަމުގައި ހަސަން ވިދާޅުވިއެވެ.

"ފުރަތަމަ ކަމަކަށް ދެ ކޮމަންޑޫ ގުޅުވައިލުމުގެ ވާހަކަ. ފުރަތަމަ ކަމަކަށް 2008 ވަނަ އަހަރު، އެމްޑީޕީގެ ފުރަތަމަ ސަރުކާރުން އޭރުވެސް ދައްކަމުން އައި ވާހަކައެއް އެއީ ދެކޮމަންޑޫ ގުޅުވައިލުމުގެ ވާހަކަ. ދެން އަޅުގަނޑުމެންގެ ސިޔާސަތެއް އެއީ މުޅި ރާއްޖެ ދަތުރުފަތުރުގެ ނިޒާމަކުން ގުޅިފައި އޮންނަ ލާމަރުކަޒީ ދިވެހިރާއްޖެއަށް ގާއިމުކުރުމުގެ ވާހަކަ،" ހަސަން ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ، ކޮމަންޑޫ ދާއިރާގެ މަޝްރޫއުތައް ފެންނަނީ، އެ ދާއިރާގެ އިންތިހާބު އޮތުމުން ކަމަށާއި އެހެން ދާއިރާތަކުގައިވެސް މަޝްރޫއުތައް ބާރަށް ކުރިއަށްދާ ކަމަށެވެ.

ދެކޮމަންޑޫ ގުވައިލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ މަހުގެ ހަތް ވަނަ ދުވަހު ކޮމަންޑޫގައި ބޭއްވި އެމްޑީޕީގެ ޖަލްސާގައި ވިދާޅުވިތާ ހަފުތާއެއްގެ ތެރޭގައި 249.9 މިލިއަން ރުފިޔާއަށް އެ މަޝްރޫއު ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް އެމްޓީސީސީން މިހާރު ވަނީ ފަށައިފައެވެ.

ފޯރިގަދަ ކެމްޕޭނެކަށް ފަހު މިއަދުގެ އިންތިހާބު ރާޝިދު ކާމިޔާބުކުރެއްވީ އިންތިހާބަށް ބެހެއްޓުނު ހަތް ވޯޓު ފޮށިން ޖުމުލަ 1401 ވޯޓު ހޯއްދަވައިގެންނެވެ. ރާޝިދާ އެންމެ ގާތުން ވާދަކުރި އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީ އާދަމަށް ލިބިފައިވަނީ ޖުމުލަ 1161 ވޯޓެވެ. އަދި އެމްއެންޕީގެ ކެންޑިޑޭޓް އަބްދުލް ހަންނާނު އިދުރީސަށް ލިބިފައިވަނީ 324 ވޯޓެވެ.

މިއީ މި ފަހުން ރާއްޖޭގައި ބޭއްވުނު އެންމެ ވާދަވެރި އަދި އެންމެ ފޯރިގަދަ ބައި އިލެކްޝަނެވެ. ކޮމަންޑޫ ދާއިރާގެ ގޮނޑިއާ އެކު ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ގޮނޑީގެ އަދަދު މިވަނީ އަނެއްކާވެސް 65 އަށް އަރައިފައެވެ.