ރިޕޯޓް

ސިޒޭރިއަން ތެރޭގައި ގޮހޮރު ކަފައިގެންގޮސް ވީދިފައި، ލިބުނު ދަރިފުޅު އުރައިނުލެވި މިހާރު މަރާ ހަނގުރާމަކުރަނީ

ރިފާ ހަލީލު

7

"ކުރިން ލިބުނީ ދެ ފިރިހެން ކުދިން. މިފަހަރު އަންހެން ކުއްޖެއް ލިބޭތީ ދައްތަ ހުރީ ވަރަށް އުފަލުން. ވިހަން ދިޔަ ދުވަހުވެސް ވަރަށް އުފަލުން ހުރީ. އެކަމަކު ދަރިފުޅު ވިހެއިތާ 14 ދުވަސް މިއަދަށް މިވީ. އަދި އެ ދަރިފުޅު ލޮލަށްވެސް ނުފެނެއޭ ބުންޏަސް ދޮގަކަށް ނުވާނެ. އުރައެއްވެސް ނުލެވޭ. އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ އިހުމާލުން މިއަދު ދައްތަ މަރާ ހަނގުރާމަ ކުރަނީ. އެތެރެ ހަށިގަނޑުގެ ގުނަވަންތައް ހަލާކުވެ އިންފެކްޓުވެފަ. ގޮހޮރުގެ ބޮޑުބައެއް ބުރި ކޮށްފަ."

މިއީ އައްޑޫ ސިޓީ މަރަދުއަށް އުފަން ނަސްރީނާ މުހައްމަދު ސިޒޭރިއަން ހެދި އިރު އިކުއެޓޯރިއަލް ހޮސްޕިޓަލްގެ އިހުމާލުން ލިބުނު އަނިޔާހެ ސަބަބުން މަރާ ހަނގުރާމަ ކުރަމުންދާ ކަމަށްބުނެ "ވަން" އާ އެވާހަކަ ހިއްސާ ކުރަމުން އޭނާގެ ކޮއްކޮ ނާއިފާ އިބްރާހިމް އަސަރާއެކު ވާހަކަ ފެށިގޮތެވެ.

އަލަތު އަންހެން ދަރިފުޅަށް ބަލިވެ އިން ނަސްރީނާ ބަނޑުގައި ރިއްސާތީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންދިޔައީ މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ. ޖެހިގެން އައި ދުވަހު ސިޒޭރިއަން ހެއްދުމަށްފަހު ދެމައިންގެ ހާލުވެސް ރަނގަޅުކަމަށް ޑޮކްޓަރުން އާއިލާއަށް އެންގި އެވެ. އަދި ވޯޑަށް ދެމައިންވެސް ބަދަލު ކުރި އެވެ.

އެކަމަކު ވޯޑަށް ބަދަލު ކުރިފަހުން ނަސްރީނާ އަށް ނޭވާލާން އުދަނގޫވި އެވެ. އާއިލާއިން އެކަން ނަރުހުންނާއި ޑޮކްޓަރުންނަށް އެންގުމުން އެއީ ނުނިދޭތީ ވާ ގޮތެއް ކަމަށް ބުނި ކަމަށާއި އަދި ނިންދަވަން ބޭއްވުމަށް އެންގި ކަމަށް އާއިލާގެ ފަރާތުން ވާހަކަ ދެއްކި ނަސްރީނާގެ ކޮއްކޮ ނާއިފާ ބުންޏެވެ.

ނަމަވެސް އެއްގޮތަކަށްވެސް ފާހާނާ ނުކުރެވޭތީ ބަނޑަށް ވަރަށް ބޮޑަށް އުނދަގޫވެ އެކަން ނަރުހުންގެ ސަމާލުކަމަށް ގެނައުމުން އެއީ ގޭސްޓްރިކް މައްސަލައެއް ކަމަށް ނިންމައި އެކަމަށް ބޭސް ދިން ކަމަށް އޭނާ ބުންޏެވެ.

"ދައްތަ (ނަސްރީނާ) އެބަ ބުނޭ ވަރަށް އުނދަގޫވެޔޭ، ބަނޑަށް ވަރަށް ތަދުވެޔޭ. ނެވާލާން ވަރަށް ބޮދަށް އުނދަގޫވެޔޭ. ދެން މިމީހުން (ނަރުހުން) ގާތު ބުނީމަ ބުނީ ގޭސްޓްރިކް ވީމައޭ. އެއްޗެއް ކާންދޭށޭ ބުނީމަ ކާން ދިނީ. އެކަމަކު ކުޑައެތިކޮޅެއް ކައިފަ ދައްތަ ބުނީ ދެން ނުކެވޭނެޔޭ. ދެން އަޅުގަނޑުމެން ބުނިން އެކްސްރޭ އެއް ނަގާފަ ވެފަ ހުރި ގޮތެއް ބަލަންވީނޫންހޭ. ބުނީމަ އެކްސްރޭއެއް ނެގި. އެކަމަކު އޭގެ އެއްވެސް މައްސަލައެއް ނެތް ކަމަށް ބުނީ. ދެން ސްކޭނެއް ހަދަން ބުނީމަ ބުނީ އެރޭ ނުވާނެޔޭ. އަނެއް ދުވަހު މެންދުރޭ ވާނީ." އޭނާ ކިޔައިދިނެވެ.

ޖެނުއަރީ 24 ވަނަ ދުވަހު މެންދުރު ނަރުހުން ބުނި ގަޑި ހަމަވެގެން އާއިލާއިން އަނެއްކާވެސް ނަރުހުން ގާތު ސްކޭން ހަދަނީ ކޮން އިރަކުންހޭ އެހި ކަމަށާއި ނަމަވެސް އެމީހުންގެ ޖަވާބަކަށްވީ ސްކޭން ރޫމުގެ ތަޅުދަނޑި ގެއްލިފައިވާތީ މިހާރު އެކަން ކުރެވެން ނެތް ކަމަށް ނާއިފާ ބުންޏެވެ. އޭގެ ފަހުން ނަސްރީނާއަށް އެއްގޮތަކަށްވެސް ނޭވާ ނުލެވިގެން އާއިލާ މީހުން އެއްވެ ޒުވާބު ކުރުމުން ސްކޭން ރޫމަށް ގެންދިޔަ އެވެ.

"ސްކޭން ރޫމުން ދެން އައިސީޔޫއަށް ވެއްދީ. އެއީ 25 ވަނަ ދުވަހު. ކިހިނެއްވީހޭ އެހީމަ ބުނީ އޮކްސިޖަން ދަށްވާތީ ރަނގަޅަށް މޮނިޓާ ކުރަން 48 ގަޑިއިރު ބާއްވާލަނީ އޭ. ދެން އެތަނަކަށް އާއިލާ މީހެއް އަދި އޭނަގެ ފިރިމީހާވެސް ނުވެއްދި. ހަމަ ހާލު ރަނގަޅޭ ނަރުހުންވެސް ޑޮކްޓަރުންވެސް ބުނަނީ. އެކަމަކު އެތާ ތެރެއިން އަޅުގަނޑުމެން ގާތު މީހަކު ބުނީ ސިޒޭރިއަން ހެއްދި ތަން އަލުން މޮހެފަ ބަނޑުތެރެއިން ޓިޝޫއެއް ކަހަލަ އެއްޗެއް ނެގިއޭ. ދެން އެތަނަށް އައި ދިވެހި ޑޮކްޓަރެއް ގާތު އެހީމަ ބުނީ އިތުރު އޮޕަރޭޝަނެއް ކުރަން ޖެހިގެން އޮޕަރޭޝަނަށް ތައްޔާރު ވާށޭ މިއުޅެނީ. ދެން އަޅުގަނޑުގެ ބޭބެ ބުނީ މިތަނުން އޮޕަރޭޝަން ކުރަން ބޭނުމެއް ނޫނޭ. މާލެ ފޮނުވަދޭށޭ. ބުނީމަ ޑޮކްޓަރު ބުނީ މާލެ ދިޔަޔަސް އެމީހުން އަތުގަވެސް ހުންނާނީ މެޝިންތަކޭ ތިމަންނަމެން އަތުގަވެސް މިހުރީ އޭގެ މެޝިންތަކޭ. މިތަނުން ނުވި ކަމެއް ނުވާނެޔޭ. އަނެއްކާ އޮކްސިޖަން ގުޅައިގެން މައްޗަށް ނޭރުވޭނެ ކަމަށް ބުނީ." އޭނާ ކިޔައިދިނެވެ.

ނާއިފާ ބުނީ އައިސީޔޫގައި ބޭއްވިތާ ދެ ދުވަސްފަހުން ފިރިމީހާ އެތަނަށް ވެއްދި ކަމަށާއި އަދި އަންހެންމީހާގެ ހާލު ރަނގަޅު ކަމަށް ބުނި ކަމަށެވެ. އަދި އައިސީޔޫއިން ވޯޑަށް ތިން ދުވަސްފަހުން ބަދަލުކޮށް ބޭސް ދެމުންދިޔަ ކަމަށެވެ. ނަމަވެސް ސީރިއަސް އެއްވެސް ކަމެއް ދިމާވެފައިވާ ކަން އާއިލާއާ ހިއްސާ ކޮށްފައި ނުވާ ކަމަށް އޭނާ ބުންޏެވެ.

ނާއިފާ ބުނީ ވޯޑަށް ބަދަލުކޮށް ބޭސް ދިން ނަމަވެސް ހާލަތަށް ބަދަލެއް ނާންނަ ކަމަށެވެ. އަދި އެއްދުވަހަކު ބޭސް އަޅަން ނަރުހުން ސާފު ކުރަނިކޮށް ނަސްރީނާގެ ފިރިމީހާއަށް ފެނުނު ކަމަށާއި އަދި އޭރު ފަހާފައި ހުރިތަން ވަރަށް ބޮޑަށް ދޮސްލައި ދުޅަވެފައި ހުރި ކަމަށް އޭނާ ބުންޏެވެ.

"ދެން އަނެއްކާވެސް އަޅުގަނޑުމެން ބުނިން މާލެ ފޮނުވަން. ޑޮކްޓަރަކާ ނަރުހަކާ ދެމީހުންނާއެކު، ބުނީމަވެސް އެމީހުން އެގޮތަށް އެއްބަހެއް ނުވި. ދެން މިދިޔަ މަހުގެ 31 ވަނަ ދުވަހު އެމީހުންނާ ޒުވާނުކޮށް ގަދަކަމުން އެތަނުން ނެރެގެން މާލެ އައިސް އޭޑީކޭއަށް ގެންދިޔައީ. ސިޒޭރިއަން ހެދި ޑޮކްޓަރު 23 ވަނަ ދުވަހު ދައްތަ ބެލި ގޮތަށް ދެން އެއްގޮތަކަށްވެސް އައިސް ބަލާފައެއް ނުވޭ. އޭނަ ފިލައިގެން އުޅުނީ. އޭޑީކޭއިން ބުނީ ހާލު ވަރަށް ސީރިއަސްއޭ. ސިޒޭރިއަން ހެދި އިރު ގޮހުރު ވަރަށް ބޮޑަށް ކަފައި ވީދިފައޭ އޮތީ. އޭގެ ސަބަބުން އެތެރެހައްޓަށް ލީކުވެ ގުނަވަންތަކަށް އަސަރުކޮށްފައޭ ހުރީ. ދެން ވަގުތުން އޮޕަރޭޝަން ކޮށް ގޮހޮރުގެ ހަލާކުވެފަ އޮތް ބައި ބުރިކޮށްލީ. ދެން ބުނީ އެކަމުގެ ސަބަބުން އެތެރެ ހަށި ކުނިވެފައޭ އޮތީ. ފުއްޕާމޭގަ ފެން ހެދިފަ އިންފެކްޓުވެފަ. އޯވަރީގަ ފެން ހެދި އިންފެކްޓުވެފަ. ކިޑުނީއަށްވެސް އަސަރުކޮށްފަ." އޭނާ ކިޔައިދިނެވެ.

ނާއިފާ ބުނީ ނަސްރީނާގެ ހާލު އަދިވެސް ވަރަށް ސީރިއަސް ކަމަށާއި މިއީ ފަރުވާދިނުން ލަސްވުމުގެ ސަބަބުން ދިމާވި ކަމެއް ކަމަށް އޭޑީކޭ ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ. އަދި ކުރެވެން އޮތް މަސައްކަތެއް އެތަނުން އޭނާގެ ފުރާނަ ސަލާމަތް ކުރުމަށް ކުރާނެ ކަމަށްވެސް ބުނެފައިވާ ކަމަށް އޭނާ ބުންޏެވެ. އަދި މިހާރު ކޮންމެވެސް ވަރަކަށް ރެސްޕޮންޑު ކުރާ ކަމަށާއި އެކަމަކު އަދިވެސް އޮތީ އޭޑީކޭ އައިސީޔޫގައި ކްރިޓިކަލް ހާލަތުގައި ކަމަށް ނާއިފާ ބުންޏެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން އާއިލާއަށް ދިން ރިޕޯޓެއްގައި އެފަދަ އެއްވެސް މައުލޫމާތެއް ހާމަކޮށްފައި ނުވި ނަމަވެސް އޭޑީކޭއަށް އެމީހުން ފޮނުވި ރިޕޯޓުތަކުގައި އެވާހަކަ ފާހަގަކޮށްފައިވާ ކަމަށް ނާއިފާ ބުންޏެވެ. ނަމަވެސް އެކަމަށް އެމީހުން ފަރުވާއެއް ކޮށްފައި ނުވާތީ މިހާރު ނަސްރީނާ މަރާ ހަނގުރާމަ ކުރަމުންދާ ކަމަށް އޭނާ ބުންޏެވެ.

"އިކުއެޓޯރިއަލް ހޮސްޕިޓަލުން މިހެންވީމަ އަޅުގަނޑުމެންގާތު ބުނެލަން އެންމެ ރަނގަޅު ދޯ ތިމަންނާމެން ސިޒޭރިއަން ހެދުމުގެ ތެރޭގަ މިހެން ވެއްޖެޔޭ. އޭރަށް މިހާލުގަ ދައްތަ އޮންނާކަށް ނުޖެހޭނެ. ފަރުވާ ލަހެއް ނުވާނެ. ދަރިފުޅު އުރާލަން ދިނީމަވެސް ދައްތަ ގަޔަކު އެ ދަރިފުޅުގެ މޫނަށް ބަލައިލާނެ ހިތްވަރެއްވެސް ނެތް. ދަރިފުޅު ލޮލަށްވެސް ނުފެނޭ އަދިވެސް. އުރައެއްވެސް ނުލެވޭ. ސިޒޭރިއަން ހެއްދުމަށްފަހުވެސް ވަރަށް ހާލުގަ އޮތީ. ވަރަށް ބަލިވެފަ. މިއީ ހަމަ ހޮސްޕިޓަލުގެ އިހުމާލު." އޭނާ ބުންޏެވެ.

ނާއިފާ ބުނީ އާއިލާގެ ފަރާތުން މި މައްސަލަ ފުލުހުންނަށް ހުށަހެޅި ނަމަވެސް ހެލްތު މިނިސްޓްރީން ވަކި އެއްޗެއް ނާންގަނީސް އެ މައްސަލަ ބެލެން ނެތް ކަމަށް ފުލުހުން އެންގި ކަމަށެވެ. ހެލްތު މިނިސްޓްރީ އާއި ކަމާ ގުޅޭ އެހެނިހެން އިދާރާތަކަށްވެސް މި މައްސަލަ ހުށަހަޅާފައިވާނެ ކަމަށާއި ނަމަވެސް އެއްވެސް ތަނަކުން މިހާތަނަށް ޖަވާބެއް ލިބިފައި ނުވާ ކަމަށް އޭނާ ބުންޏެވެ.

މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް ހޯދުމަށް ވަން އިން ގުޅުމުން ފޯނަށް ޖަވާބު ދީފައި ނުވާތީ މިހާތަނަށް ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ. އަދި މެސެޖުކޮށްގެންވެސް ޖަވާބެއް ނުލިބެ އެވެ.

ހެލްތު މިނިސްޓްރީއަށް ގުޅުމުން އެ މިނިސްޓްރީގެ މީޑިއާ އޮފިސަރު ފާތިމަތު ޝޫބާ "ވަން" އަށް ވިދާޅުވީ އެ މައްސަލަ ހެލްތު މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު ކަނޑައެޅިފައިވާ އުސޫލުތަކުގެ ދަށުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށްވެސް ވިދާޅުވި އެވެ.

އުމުރުން 41 އަހަރުގެ ނަސްރިނާގެ ތުއްތު ތިން ކުދިން ތިބި އިރު އޭނާ އަށް މިވަގުތު އޭޑީކޭގެ އައިސީޔޫގައި އަންނަނީ ފަރުވާދެމުންނެވެ. ހާލު ސީރިއަސް އެވެ.

މި ތުހުމަތުތަކާ ގުޅިގެން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. އަދި "ވަން" އިން އެ ހޮސްޕިޓަލްގެ މީޑިއާ އޮފިސަރަށް ގުޅުމުން ފޯނަށް ޖަވާބު ނުދިނުމުން މެސެޖު ކުރުމުންވެސް މިހާތަނަށް ޖަވާބެއް ދީފައެއް ނުވެ އެވެ.