މާދަމާ ބާއްވާ ކޮމަންޑޫ ދާއިރާގެ ބައި- އިލެކްޝަނަށް ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއް ވެ ނިމިފައިވާކަމަށް އިލެކްޝަން ކޮމިޝަން (އީސީ)ގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.
ފުއާދު މިރޭ "ވަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އިންތިހާބަށް ވާންޖެހޭ މައިގަނޑު ހުރިހާ ތައްޔާރީތަކެއް ނިމިފައިވާ ކަމަށެވެ. ފުއާދު ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ތިން ރަށަށް އޮފިޝަލުންނާއި ވޯޓު ކަރުދާސް އަދި ވޯޓް ފޮށްޓާއި ވޯޓްލުމުގައި ބޭނުން ކުރާ ހުރިހާ ސާމާނެއް އިއްޔެގެ ފޮނުވާފައިވާ ކަމަށެވެ.
އޮފިޝަލުންގެ ގޮތުގައި ގިނައިން ހަރަކާތްތެރި ވާނީ އީސީގެ މުވައްޒިފުންނެވެ. ވޯޓު ފޮށީގެ ވެރިންގެ ގޮތުގަ އާއި އެ މީހުންގެ ނައިބުންގެ ގޮތުގައި ތިބޭނީ ވެސް އީސީގެ މުވައްޒަފުންނެވެ. ފުއާދު ވިދާޅުވީ، ފޯކައިދޫ އާއި ކޮމަންޑޫ އަދި މަރޮށީގެ އިތުރުން މާލޭގައި ވޯޓު މަރުކަޒު ތައްޔާރު ކުރުމުގެ މަސައްކަތް މިއަދު ހަވީރު ނިމިފައިވާ ކަމަށެވެ. ވޯޓު ކަރުދާސް ޗާޕުކޮށްފައިވަނީ އެހެން އިންތިހާބުތަކުގައި ވެސް ބޭނުންކުރާ ސެކިއުރިޓީ ފީޗާސްތަކާ އެކުގައެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އިންތިހާބާ ބެހޭގޮތުން ހުށަހެޅި ތިން ޝަކުވާ ބެލުމަށްފަހު މިހާރު ލިޔުމުން ޖަވާބު ދީފައިވާނެ ކަމަށާއި، އިތުރު ޝަކުވާއެއް ހުށަހަޅާފައި ނުވާ ކަމަށް ފުއާދު ވިދާޅުވިއެވެ. ވޯޓުލުން ކުރިއަށްދާ ވަގުތު ޝަކުވާއެއް އޮތްނަމަ ޝަކުވާ ހުށައެޅުމުގެ ފުުރުސަތު އޮންނާނެ ކަމަށްވެސް ފުއާދު ވިދާޅުވިއެވެ. އެ ގޮތުން ވޯޓު ފޮށީގެ ވެރިޔާއަށް ނުވަތަ ފޯކަލް ޕޮއިންޓަށް އަދި ބިއުރޯއަށްވެސް ޝަކުވާ ހުށައެޅޭނެ ކަމަށް ފުއާދު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ފުއާދު ވިދާޅުވީ މާދަމާގެ އިންތިހާބު ކުރިއަށް ގެންދަން ނިންމާފައިވަނީ ހެނދުނު އަށަކުން ހަވީރު ހަތަރަކަށް ކަމަށެވެ. އޭގެ ތެރެއިން ކޮވިޑަށް-19 އަށް ޕޮޒިޓިވެފައިވާ މީހުން ވޯޓްލާން ހަމަޖެހިފައިވާ ގަޑިއަކީ ތިނަކުން ހަތަރަކަށެވެ.
އީސީގެ އިލްތިމާސަކީ ބަލީގެ އަލާމަތް ނެތް އަދި ބައްޔަށް ޕޮޒިޓިވް ނޫން ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ އެންމެން މެންދުރުފަހު ތިނެއްގެ ކުރީން ވޯޓު ދިނުން ކަމަށް ފުއާދު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު