ކޮމަންޑޫ ދާއިރާގައި އޮތް އެމްޑީޕީ ފިކުރު ބަދަލުވާން ޖެހޭ ސަބަބެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ މުހައްމަދު ރަޝީދުގެ ކެމްޕޭނަށް މިއަދު ށ. މަރޮއްޓަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، 2019 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކޮމަންޑޫ ދާއިރާގެ ރައްޔިތުން ވޯޓު ދިނީ އެމްޑީޕީގެ ފިކުރަށް ކަމަށާއި އެ ވިސްނުން ބަދަލުވާން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި ކޮމަންޑޫ ދާއިރާގެ ރައްޔިތުން 2019 ވަނަ އަހަރު ނިންމި ނިންމުމަކީ ފަސް އަހަރަށް ނިންމި ނިންމުމެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ރައްޔިތުން، އެ އަހަރުގެ އިންތިހާބުގައި މަޖިލީހަށް އެމްޑީޕީގެ މެމްބަރަކު އިންތިހާބުކުރީ ސަރުކާރަށް ތާއިދުކުރާ ކެންޑިޑޭޓަކު ހޮވުމުގެ އިތުރުން އެ ދާއިރާގައި ސަރުކާރުން ހިންގަން ނިންމާފައި ހުރި މަޝްރޫއުތަކަށް ބަސް އިއްވަން ކަމަށެވެ.
"އިލާހީ ގާނޫނާ އެއްގޮތަށް ކަންތައްތައް ނިމި، ހުސައިން ވަހީދު އަަޅުގަނޑުމެންނާ ވަކިވެ އެ ދިޔައީ. އެހެންނަމަވެސް ތިޔަ ބޭފުޅުން 2019 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށް އިންތިހާބުކުރީ ފިކުރެއް. އެ ފިކުރު އެބައޮތް. އެ ވިސްނުން އެބައޮތް. އެކަން ދަމަހައްޓަން ޖެހޭނެ، އެކަން އެގޮތުގައި ބޭއްވުމަކީ މި ދާއިރާގެ ތަރައްގީއަށްޓަކައި އަޅުގަނޑުމެން ކުރަން ނިންމާފައި ހުރި ކަންތައްތައް އަވަސްވެ، ފުރިހަމަވެގެންދާނެ ކަމެއް،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކޮމަންޑޫ ދާއިރާއަކީ އޮންނަ ދާއިރާއެއްކަން ކުރިން ވެރިކަން ކުރި މީހުންނަށް އެނގިވަޑައިނުގަންނަވާ ކަމަށާއި އެ ސިޔާސީ ބޭފުޅުންގެ ރާޑަރަށް ވެސް ކޮމަންޑޫ ދާއިރާ އަރާފައިނުވާ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، ކޮމަންޑޫ ދާއިރާގައި ވެސް ޕީޕީއެމް އާއި އެހެން ޕާޓީތަކުގެ ފިކުރުގެ މީހުން އުޅޭނެ ކަމަށާއި ނަމަވެސް މި އިންތިހާބުގައި އެ ރައްޔިތުން ވިސްނަން ޖެހޭނީ ތަރައްގީއަށް ކަމަށެވެ. އަދި ކޮމަންޑޫ ދާއިރާއަށް ތަރައްގީ ގެނެވޭނީ އެމްޑީޕީގެ ފިކުރަށް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ، ސަރުކާރަށް ނުވަތަ އެމްޑީޕީއަށް ކޮމަންޑޫ ދާއިރާގެ 3000 ވޯޓު މުހިންމުވެގެން އުޅޭ ސަބަބު ބައެއް ފަރާތްތަކުން އޮޅުންފިލުވަން ބޭނުންވާ ކަމަށެވެ. ވަރަށް ކުރު ގޮތަކަށް އެކަން އޮޅުންފިލުވައިދެއްވަމުން ރައީސް ވިދާޅުވީ، އެމްޑީޕީއަށް ކޮމަންޑޫ ދާއިރާގެ ގޮނޑި މުހިންމީ އެ ދާއިރާގެ ތަރައްގީއަށް ކަމަށާއި ވެރިކަންކުރާ ޕާޓީއެއްގެ މެމްބަރުން ހުރުމުން ތަރައްގީގެ މަޝްރޫއުތައްް ކުރިއަށް ގެންދަން ފަސޭހަވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު