ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ކޮމަންޑު ދާއިރާގެ ގޮނޑިއަށް އެމްޑީޕީގެ ފަރާތުން ކުރިމަތިލައްވާ ކެންޑިޑޭޓު މުހައްމަދު ރާޝީދު (ރާޑޯ)ގެ ކެމްޕެއިނަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ށ. ކޮމަންޑުއަށް ވަޑައިގެންފި އެވެ.

ރައީސް ސޯލިހާއި ރައީސް ނަޝީދު ކޮމަންޑު އަށް ވަޑައިގަތީ މީގެ ކުޑަ އިރުކޮޅެއް ކުރިންނެވެ. ރައީސް ގެ މި ދަތުރުފުޅުގައި އެރަށު ރައްޔިތުންނާއި ބައްދަލުކޮށް ދިމާވެފައިވާ ދަތިތައް އޮޅުންފިލުއްވާނެ އެވެ.

ރައީސް ސޯލިހު ވަނީ ރާޝިދުގެ ކެމްޕެއިން ފެއްޓެވުމަށްވެސް ކޮމަންޑުއަށް ވަޑައިގެންފަ އެވެ. މީގެ ކުރިންވެސް ރައީސް ސޯލިހު ކޮމަންޑޫ އަށް ވަޑައިގަތުމަށް ހަމަޖެހުނެވެ. ނަމަވެސް އެފަހަރު ދަތުރުކުރެއްވުމަށް ހެއްދެވި ޕީސީއާރް ޓެސްޓު ޕޮޒިޓިވް ވުމާ ގުޅިގެން އެމަނިކުފާނަށް އެ ދަތުރުގައި ބައިވެރިވެ ވަޑައެއް ނުގެންނެވުނެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް އަންނަނީ ތައްޔާރު ވަމުންނެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވެފައިވަނީ އެދާއިރާގެ މެންބަރު ހުސައިން ވަހީދު އަވަހާރަވުމާއި ގުޅިގެންނެވެ.

މި ދާއިރާއަށް ތިން ޕާޓީއަކުން ވަނީ ކުރިމަތިލައިފަ އެވެ. އެގޮތުން ވެރިކަން ކުރާ މައި ޕާޓީ އެމްޑިޕީންނާއި އިދިކޮޅު އެންމެ ބޮޑު ޕާޓީ ޕީޕީއެމުންނާއި ކާނަލް ނާޒިމްގެ ޕާޓީ އެމްއެންޕީން ވަނީ ކުރިމަތިލައިފަ އެވެ. މި ޕާޓީތަކުގެ ކެމްޕެއިންތައް ވަރަށް ފޯރިއާއެކު ދަނީ ކުރަމުންނެވެ.