މާލޭ ސިޓީގެ ރައްޔިތުންނަށް ހައްގުވާ މިންވަރަކީ އެންމެ ދެ ތިން ހާސް ގޯތި ނޫން ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޑރ. މުއިއްޒު އެގޮތަށް ވިދާޅުވީ، މިއަހަރު މާލޭ ރައްޔިތުންނަށް 5،000 ގޯތި ދޫކުރަން ނިންމާފައިވާކަމަށް ރިޔާސީ ބަޔާން އިއްވަވަމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވުމާ ގުޅިގެންނެވެ.
ރައީސް ރިޔާސީ ބަޔާނުގައި ވިދާޅުވީ މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް ކުރެވޭ މަސައްކަތަށް ވުރެ ދެއްކޭ ވާހަކަ ގިނަ ކަމުގެ އިހުސާސް ކުރެއްވޭ ކަމަށާއި ނަމަވެސް އެ މައްސަލަ ހައްލު ކުރެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށެވެ. މިހާރުވެސް 5000 ޔުނިޓްގެ މަސައްކަތް ހުޅުމާލޭގައި ހިނގަމުން އަންނަ ކަމަށާއި ވަރަށް އަވަހަށް 2000 ހައުސިން ޔުނިޓްގެ މަސައްކަތް ފައްޓަވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވައިފައެވެ.
މާލޭ ރައްޔިތުންނަށް 5،000 ގޯތި ދިނުމަށް ސަރުކާރުން ނިންމަވާފައިވާ ކަމަށް އިއުލާންކުރައްވައި ރައީސް ވިދާޅުވީ ގޯތި ދޫކުރަން ނިންމާފައިވަނީ ހުޅުމާލެ އާއި ގުޅިފަޅުން އަދި ގިރާވަރުފަޅުން ކަމަށެވެ.
"މާލޭ ރަށްވެހިންނަށް ގޯތި ދިނުމަށް އަޅުގަނޑު ނިންމައިފިން. އެގޮތުން މާލޭ ރަށްވެހިންނަށް ހުޅުމާލެއިން މަދުވެގެން 1،000 ގޯތި، ގުޅިފަޅުން މަދުވެގެން 2،000 ގޯތި ދޭނަން. މި މަސައްކަތް ތިޔަ ބޭފުޅުންނާއެކު މިއަހަރު ޖޫންގައި އަޅުގަނޑު ފަށާނަން. އަދި އޭގެ އިތުރަށް ގިރާވަރު ފަޅު ހިއްކައި އެ ބިމުންވެސް މަދުވެގެން 2،000 ގޯތި މާލޭ ރަށްވެހިންނަށް ދޭނަން" ރައީސް ވިދާޅުވިއެވެ.
ރައީސްގެ އެގޮތަށް ވިދާޅުވުމުން ޑރ. މުއިއްޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މާލޭ ރައްޔިތުންނަށް ހުޅުމާލެއިން 4000 ގޯތި ދެވެން މިހާރު ވެސް އެބައޮތް ކަމަށެވެ. ގުޅިފަޅު ހިއްކައިގެން 10،000 ގޯތި މާލޭގެ ރައްޔިތުންނަށް ދެވޭނެ ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވިއެވެ. މީގެ އިތުރުން ވިދާޅުވީ ހުޅުމާލެއިން 15،000 ފްލެޓް އަދި ގުޅިފަޅުން 25،000 ފްލެޓު ވެސް މާލޭ ރައްޔިތުންނަށް ދެވެން އެބައޮތް ކަމަށެވެ.
"މާލޭ ރަށްވެހިންނަށް ހައްގު މިންވަރަކީ އެންމެ ދެތިން ހާސް ގޯއްޗާއި ހައެއްްކަ ހާސް ފްލެޓެއްނޫން. ހުޅުމާލެއިން މަދުވެގެން 4000 ގޯތި ދެވެން އެބައޮތް. ގުޅިފަޅު ހިއްކައިގެން މަދުވެގެން 10،000 ގޯތި ދެވެން އެބައޮތް. އަދި ހުޅުމާލެއިން 15000 ފްލެޓް، ގުޅިފަޅުން 25،000 ފްލެޓް ދެވެން އެބައޮތް" ޑރ. މުއިއްޒު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު