ހިޔާލުތަފާތުވުންތަކަށް އިހުތިރާމުކޮށް އަމާނާތްތެރިކަމާ އެކު ހެޔޮވެރިކަމެއް ކުރުންމަތީ އެމަނިކުފާނު ދެމިހުންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ގޮތުން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަ ދައުރުގެ ފުރަތަމަ ޖަލްސާއަށް ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
ރައީސް ސޯލިހު ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގައި މިހާތަނަށް ހޯދުނު ކާމިޔާބީއަކާއި އަދި މާދަމާ ހޯދަން އޮތް ކާމިޔާބީގެ ސިއްރަކަށް ވާނީ ހެޔޮވެރިކަން ކަމަށެވެ.
"މި ދަންނަވާ ހެޔޮވެރިކަމަކީ، އެ ހެޔޮވެރިކަމުގެ ހިޔާވަހިކަން، އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު، ހުރިހާ ރައްޔިތުންނަށް ފޯރުކޮށްދިނުން. ނުރުހޭ އެތައް ކަމަކާއި، ނުގުޅޭ އެތައް ހިޔާލަކާއި، ދިމާނުވާ އެތަކެއް ވިސްނުމެއް އަބަދުވެސް މުޖުތަމައުގައި އޮންނާނެ،" ރައީސް ވިދާޅުވިއެވެ.
އެމަކުފާނު ވިދާޅުވީ، އެ ހުރިހާ ތަފާތުތަކަށް އިހުތިރާމްކޮށް، އަމާނާތްތެރިކަމާއެކު ވެރިކަމުގެ މުގައްދަސް ޒިންމާ އަދާކޮށްގެން މެނުވީ ހެޔޮވެރިކަމެއް ގައުމެއްގައި ނުދެމެހެއްޓޭނެ ކަމަށެވެ.
"މި މަސައްކަތުގައި އަޅުގަނޑުގެ ބައިވެރިންނަކީ ތިޔަ އިއްޒަތްތެރި މެންބަރުން. ރާއްޖެ އޮތް ތަނާއި، ދާން ޖެހޭ ތަނުގެ ފަރަގު ކުޑަކުރުމަށް އަޅުގަނޑު މިހާތަނަށް މަސައްކަތް ކުރީ މުޖުތަމައުގެ ހުރިހާ ބަހާތަކެއް އެކުއެކީ ޝާމިލުކޮށްގެން ކުރިއަށް ދިޔުމަށް. ރައްޔިތުން އަޅުގަނޑާ ވެރިކަމުގެ މަސްއޫލިއްޔަތު ހަވާލުކުރީ، މި ދެންނެވި މިސްރާބުގައި ކުރިއަށް ދިޔުމަށް. އިރާދަކުރެއްވިއްޔާ އަޅުގަނޑު ދެމިހުންނާނީ އެގޮތުގައި،" ރައީސް ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ ދަތި އުނދަގޫ ދުވަސްތަކުގެ ތެރޭގައި، ހާއްސަކޮށް ރައްޔިތުންގެ މަޖިލީހަށް ނުހަނު ހައްސާސް ދަނޑިވަޅެއްގައި ކޮށްދެއްވި ބުރަ މަސައްކަތަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށާއި، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަސް ޝުކުރު ދަންނަވާ ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު