ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އެމްއެމްޕީއާރްސީ ހިޔާނާތުގެ ގާނޫނީ މަރުހަލާތައް ފެށުމަށް އޭސީސީއަށް ހުށަހަޅަން ރިޔާސީ ކޮމިޝަނުން ނިންމައިފި

އެމްއެމްޕީއާރްސީ ހިޔާނާތުގެ ގާނޫނީ މަރުހަލާތައް ފެށުމަށް އޭސީސީއަށް ހުށަހަޅަން ރިޔާސީ ކޮމިޝަނުން ނިންމައިފި އެވެ.

މިކަން ހާމަކުރައްވާފައިވަނީ، ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ގޮތުން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާއަށް ރިޔާސީ ބަޔާން ހުށަހަޅުއްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.

އެމަނިކުފާނު ވިދާޅުވީ، ދައުލަތުގެ މުދަލާއި ފައިސާއަށް ހިޔާނާތްތެރިވުމާއި، ކޮރަޕްޝަންގެ އަމަލުތައް ތަހުގީގު ކުރުމުގައި ހަރަކާތްތެރިވާ އެއްފަރާތަކީ އެސެޓް ރިކަވަރީ ކޮމިޝަން ކަމަށެވެ.

"އެކޮމިޝަންގެ މެންޑޭޓްގައިވާ ތަހުގީގުތައް އެންމެ ބޮޑަށް ސީދާކުރެވުނީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނަތާ. މިހާތަނަށް ކޮމިޝަނުން ހޯދާފައިވާ ހޯދުންތައް ތަހުގީގުކޮށް، ގާނޫނީ މަރުހަލާތައް ފެށުމަށް އޭސީސީއަށް ހުށަހެޅުމަށް އެ ކޮމިޝަނުން ވަނީ ނިންމާފައި، އަޅުގަނޑު އެދެނީ، އަދި އުންމީދު ކުރަނީ، މި އިއްޒަތްތެރި މަޖިލީހަށް ނަންތައް ފޮނުވުމުން، އޭސީސީގެ މެންބަރުން އަވަސް މުއްދަތެއްގައި ކަނޑައަޅުއްވައިދެއްވާނެ ކަމަށް. އެހިސާބުން ދެން އޮތްބައި ކުރިއަށް ގެންދާނީ އަލަށް އެކުލަވައިލެވޭ އޭސީސީއިން،" ރައީސް ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ތަގުގީގުކޮށް އެކަމުގައި ހިމެނޭކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ތުހުމަތު ކުރާ މީހުންގެ ލިސްޓެއް، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީ އާއި ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ ހިމެނޭގޮތަށް އެކުލަވައިލި ޖޮއިންޓް ކޮމިޓީ އަކުން މީގެ ކުރިން ވަނީ އާއްމު ކޮށްފައެވެ.

ކުރީގެ ސަރުކާރާއި، މިހާރުގެ ސަރުކާރުގައި ތިއްބެވި ބައެއް އިސް ބޭފުޅުންނާއި، ކުރީގެ ރައްޔިތުންގެ މަޖިލީހާއި މިހާރުގެ ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ބައެއް މެންބަރުން ހިމެނިވަޑައިގަންނަވާ ގޮތަށް އެ ލިސްޓުގައި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނުކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ތުހުމަތު ކުރާ 281 މީހުންގެ ނަން އެލިސްޓިގައި ހިމެނެއެވެ.