ގެއްލުވާލާފައިވާ އަހުމަދު ރިލްވާންގެ މަރުގެ ތަހުގީގު ނިންމައި ކޮމިޝަނުގެ ހޯދުންތައް މިއަހަރު މެދުތެރޭ ލިބޭނެކަމުގެ ޔަގީންކަން ރިޔާސީ ކޮމިޝަނުން ދީފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ގޮތުން މިއަދު ބޭއްވި އެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާއަށް ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
ރައީސް ސޯލިހު ވިދާޅުވީ، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރުމަށް އެމަނިކުފާނު އުފެއްދެވި ރިޔާސީ ކޮމިޝަން (މަރު ކޮމިޝަން) އިން އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންގޮސްފައި ވަނީ، ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވައިލައިފައިވާ މައްސަލަ ބެލުމަށް ކަމަށެވެ.
މިހާތަނަށް އެ ކޮމިޝަންގެ ފަރާތުން 200 އަށްވުރެ ގިނަ މީހުންނާ ސުވާލުކޮށް، ބޭރުގެ ފައިނޭންޝަލް އެކްސްޕާޓެއްގެ އެހީގައި މާލީ މުއާމަލާތްތައް އެނަލައިޒް ކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
"މި އަހަރުގެ މެދުތެރޭގައި އެ މައްސަލައިގެ "ތަހުގީގު އެއްކޮށް ނިންމައި، ކޮމިޝަންގެ ހޯދުންތައް އަޅުގަނޑަށް ހުށަހަޅާނެކަމުގެ ޔަގީންކަން ވަނީ ދެއްވާފައި،" ކަމަށް ރައީސް ވިދާޅުވިއެވެ.
ނަމަވެސް އެމަނިކުފާނު ވިދާޅުވީ، ކުރީގެ މަރުތަކަށް އިންސާފު ހޯދުމުގައި އުންމީދުކުރިވަރަށްވުރެ މާބޮޑުތަން ލަސްވެފައިވާ ކަމަށެވެ. އަދި އެކަމުގައި ކުރަން ޖެހޭ މަސައްކަތާއި، ފިލުވަން ޖެހޭ އޮޅުން ބޮޑު ކަންވެސް ފާހަގަ ކުރެއްވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ދާދިފަހުން ޝަރުއީ ފުރަތަމަ މަރުހަލާ ނިމިފައިވާ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި، ކުށް ސާބިތު ނުވި ފަރާތްތަކުގެ މައްސަލަ އިސްތިއުނާފަށް ހުށަހެޅުމުގެ މަސައްކަތް، ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ފަށާފައިވާ ކަމަށެވެ.
ޔާމީން ރަޝީދުގެ މައްސަލަ އޭރު ކޯޓުގައި އޮތުމުން، އެ މައްސަލައިގައި ރިޔާސީ ކޮމިޝަނުން ތަހުގީގު ކުރުމަށް ކަނޑައަޅާފައިވާ ބައި، ކުރިއަށް ނުގެންދެވި އޮތް އޮތުން މިހާރު ނިމުމަކަށް އައިސްފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި އެ މައްސަލައިގެ ތަހުގީގު ރިޔާސީ ކޮމިޝަނުން މިހާރު އަނެއްކާވެސް ކުރިއަށް ގެންދާ ކަމަށް ވިދާޅުވިއެވެ.
ރަހުމުކުޑަ ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ހ. އަންނާރުމާގޭ/ އިސްމާއިލް ހައިޝަމް އާއި މ. އިރާސްމިކުގެ/ އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހުއެވެ.
އުމުރުން 29 އަހަރުގެ ޔާމީން ރަޝީދު 23 އޭޕްރިލް 2017 ވަނަ ދުވަހުގެ ރޭ ދަންވަރު މަރާލީ، އޭނާ ދިރިއުޅުނު އިމާރާތް މ. ސްޕެޓީއުލާ ގޭ ސިޑި ކައިރީގައި ތޫނު އެއްޗެހިން ހަމަލާދީގެންނެވެ. އެ މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ ހަ މީހެއްގެ މައްޗަށް ދައުލަތުން އުފުލިއެވެ.
އޭގެ ތެރޭގައި ހިމެނެނީ ހ. އަންނާރުމާގޭ/ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރާސްމިކުގެ/ އަހުމަދު ޒިހާން އިސްމާއީލްގެ އިތުރުން ގދ. ގައްދޫ/ ސިންދުބާދުގޭ، މުހައްމަދު ދިފްރާނާއި މ. ކުދެހިގެ/ ހަސަން ޝިފާޒާއި މ. ތާއިފް/ އިސްމާއިލް ރަޝީދާއި މ. ކޮޅުފުށީ/ އީސްޓް، ހުސައިން ޒިޔާދެވެ.
ހައިޝަމުގެ މައްޗަށް މައްސަލަ ސާބިތުވީ، ޔާމީން މަރާލަން ދިން ހަމަލާ ރާވައި، ޓާސްކުތައް ހަވާލުކޮށް އަމަލީ ގޮތުން އެކަން ކުރި ފަރާތް ކަމަށް ސާބިތުވުމުންނެވެ. ޒިހާންގެ މައްޗަށް ކުށް ސާބިތުވީ، މި ހަމަލާ ދިނުމުގައި އަމަލީ ގޮތުން އޭނާ ބައިވެރިވެފައިވާކަން ސާބިތުވެގެންނެވެ.
ނަމަވެސް ހައިޝަމް އާއި ޒިހާންގެ އިތުރުން ދެން ތިބި ހަތަރު މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކުރިމިނަލް ކޯޓުން ވަނީ ނިންމައިފައެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު