އައްޑޫ ސިޓީ ތަރައްގީނުވެ ދިވެހިރާއްޖެ ތަރައްގީއެއް ނުކުރެވޭނެ ކަމަށާއި މިހާރު އައްޑޫގައި ހިންގާ މަޝްރޫއުތަކަށް 2.6 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމަށް މިއަދު ބޭއްވި ޖަލްސާގައި، ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހު ވިދާޅުވީ ދިވެހިރާއްޖެއަށް އަންނަ ކޮންމެ ހެޔޮ ބަދަލެއްގެ ފެށޭ ފާހަގަ އަބަދުވެސް ޖެހެނީ އައްޑޫ ސިޓީން ކަމަށާއި އައްޑޫ ސިޓީ ތަރައްގީ ނުކޮށް ރާއްޖެ ތަރައްގީއެއް ނުކުރެވޭނެ ކަމަށެވެ.

އައްޑޫ ސިޓީގައި ކުރިއަށްދާ މަޝްރޫއުތަކަށް އަލިއަޅުއްވައިލައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އަހަރަކު 1.5 މިިލިއަން ޕަސިންޖަރުންނަށް ހިދުމަތް ދެވޭ ގޮތަށް ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރެވިގެން ދާނެ ކަމަށާއި އައްޑޫ ސިޓީ ތަރައްގީ ކުުރުމުގެ ޕްލޭނާއި އެއްގޮތަށް، ފަތުރުވެރިކަމަށް ބޭނުންވާ ބިންތައް ހިމެނޭހެން 236.5 ހެކްޓަރުގެ ބިން އައްޑޫ ސިޓީއަށް އިތުރުކުރެވޭނެ ކަމަށެވެ.

އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކުރެޑިޓްގެ ދަށުން އެ ސިޓީގެ މަގުތައް ހަދައި މަގުތަކުގައި ފެންބޮޑުވުން ހައްލުކުރުމުގެ މަޝްރޫއުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށާއި އެ މަޝްރޫއުގެ ދަށުން އައްޑޫ ސިޓީގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޖުމުލަ 107 ކިލޯ މީޓަރުގެ މަގު ހަދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ މަޝްރޫއު ތަކަށް 2.6 ބިލިއަން ރުފިޔާއަށްވުރެ ގިނައިން ހަރަދު ކުރެވޭނެ ކަމަށެވެ.