ގިރާވަރު ފަޅު ހިއްކައި އެތަނުން މާލޭ ރައްޔިތުންނަށް 2000 ގޯތި ދޭން ނިންމައިފި އެވެ.

އެގޮތަށް ނިންމައި ރައީސުލްޖުމްހޫރިއްޔާ އެކަން ހާމަ ކުރެއްވީ، ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުއްވައި ދެއްވުގެ ގޮތުން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާއަށް ރިޔާސީ ބަޔާން ހުށަހަޅުއްވަމުންނެވެ.

ރައީސް ސޯލިހު ވިދާޅުވީ ބޯހިޔާވަހިކަމާއި ރައްޔިތުން ގެދޮރުވެރިކުރުވުމަކީ، ރާއްޖޭގެ ގިނަ ރައްޔިތުންނަށް އެންމެ ބޭނުންޖެހިފައިވާ އެންމެބޮޑު ކަންތައް ކަމަށެވެ.

އަތޮޅުތެރޭގެ ބޯހިޔާވަހިކަމަށް ހިންގާ މަޝްރޫއުގެ ދަށުން ޖުމްލަ 2,180 ގެދޮރުގެ މަސައްކަތް، އެކި މަރުހަލާގައި ކުރިއަށް އެބަދާ ކަމަށްވެސް ވިދާޅުވިއެވެ. ގެދޮރުވެރިޔާ ލޯނުގެ ގޮތުގައި 82 މީހަކަށް 42 މިލައަނަށްވުރެ ގިނަ ރުފިޔާ ދޫކުރުމުގެ މަސައްކަތް ހިނގަމުން އެބަދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މިދިޔަ އަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވި، 5,000 ހައުސިން ޔުނިޓުގެ މަސައްކަތް ހުޅުމާލޭގައި ކުރިއަށް އެބަދާ ކަމަށެވެ. އަދި އިތުރު 2,000 ހައުސިން ޔުނިޓުގެ މަސައްކަތް ހުޅުމާލޭގައި ފެށޭނެ ކަމަށްވެސް ވިދާޅުވިއެވެ.

މާލޭ ރަށްވެހިންނަށް ގޯތި ދިނުމަށް ނިންމަވާފައިވާ ކަމަށާއި، އެގޮތުން، މާލޭ ރަށްވެހިންނަށް ހުޅުމާލެއިން މަދުވެގެން 1,000 ގޯތި، ގުޅިފަޅުން މަދުވެގެން 2,000 ގޯތި ދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ. އޭގެއިތުރުން، ގިރާވަރު ފަޅު ހިއްކައި، އެ ބިމުން މަދުވެގެން 2,000 ގޯތި، މާލޭ ރަށްވެހިންނަށް ދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ގިރާވަރު ފަޅަކީ ތިލަމާލެ ބްރިޖް އެދާގޮތަށްގޮސް ގުޅައިލެވޭ ތަނަކަށްވާނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ، އަޅުގަނޑުގެ ރިޔާސީ މި ދައުރު ނިންމާނީ، އެންމެ ބޭނުންޖެހިފައިވާ މާލޭގެ ރައްޔިތުންނަށް އިންވަކިކޮށް ރޯނުދަމައި، ބިންކަނޑައި، ގޯތީގެ ފަތް ދިނުމަށްފަހު،" ކަމަށް ރައީސް ވިދާޅުވިއެވެ.