މިފްކޯއިން މަސް ގަންނަ އަގު އަންނަ މާޗު މަހުން ފެށިގެން ބޮޑުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަމުން ރައީސުލްޖުމްހޫރިއްޔާ މިއަދު ވިދާޅުވީ އަންނަ މާޗް މަހުގެ ފުރަތަމަ ހަފުތާއިން ފެށިގެން މިފްކޯއަށް މަސް ގަންނަ އަގު ބޮޑު ކުރައްވާނެ ކަމަށާއި ދެން މިފްކޯއިން މަސްގަންނާނީ ދުނިޔޭގެ ބާޒާރުގައި މަހުގެ އަގުތަކަށް އަންނަ ބަދަލުތަކާއި އެއްގޮތަށް ކަމަށެވެ.

ފާއިތުވި 15 އަހަރުގެ ތެރޭގައި މިފްކޯއަށް އެންމެ ގިނަ މަސްކިރުވީ މިދިޔަ އަހަރުކަމަށާއި މަސްވެރިން ބާނާ މަހަށް ލަސްނުކޮށް ފައިސާ ލިބޭނެކަމުގެ ޔަގީންކަން މިހާރު މަސްވެރިންނަށް އޮންނާނެކަމަށް ރައީސް ވިދާޅުވިއެވެ.

ދިވެހި އިގްތިސާދުގައި މަސްވެރިކަން އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވައި މި ސަރުކާރުން މި ސިނާއަތަށް ގެންނެވި ބައެއް ކުރިއެރުންތަކަށް އަލިއަޅުއްވައިލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު އިތުރަށް ވިދާޅުވީ ކޮވިޑު 19 އިގެ ސަބަބުން ދުނިޔެ ފުރަބަންދު ވެ އިގްތިސާދީ ހަރާކާތްތައް ހުއްޓި އާމްދަނީގެ ހުރިހާ ކަމެއް ފަޅުވެގެން ދިޔައިރުވެސް ރާއްޖޭގެ އިގްތިސާތުގައި ފަޅުނުވެ އޮތީ ދިވެހި ނޫ ކަނޑުތަކާއި ރާއްޖޭގެ މަސްކަނޑުތައް ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ މިފްކޯ ކުންފުނި އެސްޓީއޯގެ ދަށުން ވަކިކޮށް އަމިއްލައަށް ހިންގާ ކުންފުންޏަކަށް މިއަހަރުގެ މެދުތެރޭގައި ބަދަލުވެގެންދާނެ ކަމަށާއި މިފްކޯގެ ކެޕޭސިޓީ އިތުރުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މަސްވެރިންގެ ލާބައާއި މަންފާއަށް ކުރައްވާ ކަންކަމުގެ ތެރޭގައި މިއަހަރުގެ ތެރޭގައި 118 ދޯންޏެއްގައި މަސް ފިނިކުރާ ނިޒާމު ހަރުކުރުމަށް 59 މިލިޔަން ރުފިޔާގެ ލޯނު ދޫކުރަންފެށުމަށް ހަމަޖެހިފައިވާކަމަށްވެސް ރައީސް ހާމަކުރެއްވިއެވެ.