ކުރީން، ފޯކައިދޫ ބަނދަރަކީ ވިލާގަނޑު ހެދީމާ ދޯނިފަހަރު ބިރުން ނުކުންނަ ބަނދަރެއް ކަމަށާއި އެހެން ނަމަވެސް އަންނަ ޖޫންގެ ކުރީން އެއީ އަމާން ބަނދަރަކަށް ހައްދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުުގެ ގޮތުން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

ރައީސް ވިދާޅުވީ، ރާއްޖެ ބަދަލުވެދިޔަ ސިޔާސީ ބޮޑު ބަދަލުން ރައްޔިތުންނަށް ލިބޭ މަންފާ ކުރިއަށްވުރެ މިހާރު ބޮޑު ކަމަށެވެ.

ހާއްސަކޮށް އަތޮޅުތެރޭގައި އެކަހެރިވެ، އެކަނިވެރިވެފައި ތިބުން ނޫންގޮތެއް ނެތްކަމުގެ އިހުސާސުން އެ ރައްޔިތުން އެދަނީ ވީއްލެމުން ކަމަށާއި، ސަރުކާރުގެ މިއަދުގެ ވިސްނުމަކީ، ހިންގާ މަޝްރޫއުތަކަކީ ހަމައެކަނި ދިރިތިބުމަށްޓަކައި ކުރާ ކަންކަމުގެ އިތުރަށް، ދިރިއުޅުމުގެ މަގުކޮށައި އަލިކޮށްދޭ ވަސީލަތްތައް ކަމަށް ހެދުން ކަމުގައިވެސް ވިދާޅުވިއެވެ.

"ބަނދަރާއި މަގާއި އެއާޕޯޓާއި، ކަރަންޓާއި، ފެނާއި، ނަރުދަމާއަކީ އިގްތިސޯދީ ހަރަކާތުގެ ދުވެލި ބާރުކުރުމަށް ރައްޔިތުން އަތަށްދޭ ވަސީލަތެއް ކަމުގައި ބެލުން،" ރައީސް ވިދާޅުވިއެވެ.

ބަނދަރުގެ ބޭނުމަކީ އެތައް ބައެއްގެ ދިރިއުޅުން ބިނާކުރާ އޮޑިދޯނިފަހަރު، ރަށު ބަނދަރުގައި އެޅުމަށްފަހު، ރޭގަނޑުގެ ހަމަނިދި ނިދާލެވޭގޮތްވުން ކަމަށާއި، ކުރީގެ ފޯކައިދޫ ބަނދަރަކީ ވިލާގަނޑު ހެދީމާ އޮޑިދޯނިފަހަރު ސަލާމަތަށް ވަންނަ ބަނދަރެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

"އެއީ ވިލާގަނޑު ހެދީމާ ބިރުން އޮޑިއައިގެން ބަނދަރުން ނުކުންނަ ބަނދަރެއް. މި އަހަރުގެ ޖޫން، ޖުލައިގެ ވިއްސާރައިގެ ކުރިން، ފޯކައިދޫގެ ބަނދަރަކީ އަމާން ބަނދަރަކަށް އިރާދަކުރެއްވިއްޔާ ބަދަލުކުރާނަން،" ރައީސް ވިދާޅުވިއެވެ.

ރައިސް ސޯލިހު ވިދާޅުވީ، ޖުމުލަ 134 ރަށުގެ ބަނދަރުގެ މަސައްކަތް، އެކި މަރުހަލާގައި ސަރުކާރުން ކުރަމުން އަންނަ ކަމަށާއި، މިހާތަނަށް 28 ރަށެއްގެ ލަފާފުރުމުގެ މައްސަލަ ހައްލު ކުރެވިއްޖެ ކަމަށެވެ.