އިންޓަނޭޝަނަލް މަނިޓަރީ ފަންޑު(އައިއެމްއެފް) އިން ލަފާކުރާގޮތުގައި މި އަހަރު ދުނިޔޭގެ އެންމެ ބާރަށް ކުރިއަރާ ފަސް އިގުތިސޯދުގެ ތެރޭގައި ރާއްޖެ ހިމެނޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހު މިއަދު ވިދާޅުވީ ސަރުކާރުގެ އަންދާޒާ އަކީ މިއަހަރު ރާއްޖޭގެ އުފެއްދުންތެރިކަމުން 12 އިންސައްތައިގެ ކުރިއެރުމެއް ހޯދުން ކަމަށާއި އައިއެމްއެފް އިން ލަފާކުރާ ގޮތުގައި މި އަހަރުވެސް އެންމެ ބާރަށް ކުރިއަރާނެކަމަށް ބެލެވޭ މުޅި ދުނިޔޭގެ ފަސް އިގްތިސާދުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނޭ ކަމަށެވެ.

ސަރުކާރުން އަންދާޒާ ކުރާގޮތުގައި ޖުމުލަ 1.6 މިލިއަން ފަތުރުވެރިން މިއަހަރު ރާއްޖެ ޒިޔާރަތް ކުރާނެ ކަމަށާއި، މިދިޔަ އަހުރުވެސް ރާއްޖެއިން އަމާޒު ހިފި އަދަދަށްވުރެ އިތުރަށް ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާ ކަމަށް ރައީސްގެ ބަޔާނުގައި ފާހަގަ ކުރެއްވިއެވެ.

ރާއްޖޭގެ އިގްތިސޯދާއި އުފެއްދުންތެރިކަމަށް އަލިއަޅުއްވައިލައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވަނީ 2021 ވަނަ އަހަރުގެ އުފެއްދުންތެރިކަން ހުންނާނީ 31.6 އިންސައްތަ އާއި 38.5 އިންސައްތައާ ދެމެދުގައި ކަމަށް ބެލެވޭކަމުގައި ވިދާޅުވެފައެވެ. އެއީ ވޯލްޑް ބޭންކާއި އައިއެމްއެފް ފަދަ ބައިނަލްއަގްވާމީ މާލީ އިދާރާތަކުން ރާއްޖެއާ މެދު ލަފާކުރި މިންވަރަށްވުރެ އެތައް ތަނެއް މަތީ މިންވަރެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސްގެ ބަޔާނުގައި އިތުރަށް ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ތަފާސް ހިސާބު އެކުލަވައިލަން ފެށިފަހުން ފެނުނު އެންމެ ބޮޑު އަޑިގުޑަން ރެކޯޑް ކުރެވިފައިވަނީ 2020 ވަނަ އަހަރުކަމަށާއި، އެގޮތުން އޭގެ ކުރީއަހަރާ އަޅައިބަލާއިރު އެ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން 33.5 އިންސައްތަ ދަށަށް ދިޔަ ކަމަށެވެ. ސަރުކާރުން އަވަސް އަދި ހަރުދަނާ ފިޔަވަޅު ތަކެއް ނޭޅިނަމަ އާންމު ދިވެހިންގެ ދިރިއުޅުން ދުވަހަކު ނުދާހާ ދަށަށް ސޮއްސައިލާނެ ހާލަތަކަށް ރާއްޖެ ދާނެކަމަށާއި ސަރުކާރުން އެޅި ފިޔަވަޅުތަކާއި އޭގެ ހެޔޮނަތީޖާ އަހަރެއްހާ ދުވަސް ނުވަނީސް މިވަނީ ފެންނަން ފަށާފައިކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.