މަސްތުވާ ތަކެއްޗަކީ ވަރަށް ބޮޑު ފަހަތެއް އޮންނަ، އިންތިޒާމްވެ ގުޅިގެން ހިންގާ ބޮޑު ވިޔަފާރިއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ގޮތުން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
ރައީސް ވިދާޅުވީ، ކޯވިޑުގެ ހާލަތާ ގުޅިގެން ޑްރަގްގެ ހާލަތު އިތުރަށް ގޯސްވި ކަމަށެވެ.
"މަސްތުވާތަކެއްޗަކީ އޭގައި ވަރަށް ބޮޑު ފަހަތެއް އޮންނަ އިންތިޒާމުވެ ގުޅިގެން ހިންގާ ބައިނަލްއަގްވާމީ ބޮޑު ވިޔަފާރިއެއް. އެ ދޮރުތައް ބަންދުކޮށް، އެ ވިޔަފާރި ހުއްޓުވުމަކީ އިންތިހާއަށް ގޮންޖެހުން ބޮޑު ކަމެއް. އެހެންނަމަވެސް، ދޫވެފައި ހުރި ގޮށްތައް ބާރުކޮށް، ހުޅުވާ ދޮރުތައް ބަންދުކޮށް، އެމީހުން ހުއްޓުވުމަށް ސަރުކާރުގެ ހުރިހާ ވަސީލަތެއް ބޭނުންކުރާނަން. ކަމާބެހޭ ޓާސްކްފޯސް އެކުލަވައިލެވި، ކުރަންޖެހޭ ކަންކަން ސަރުކާރުން މިދަނީ ކުރަމުން. އިރާދަކުރެއްވިއްޔާ، މި ގެނައި ބަދަލުގެ ހެޔޮ ނަތީޖާ ފެންނާނެ،"
އެމަނިކުފާނު ވިދާޅުވީ، އެކަމަށް ހާއްސަ ކުރެވިފައިވާ ހުޅުމާލޭ ހާފްވޭ ހައުސްގެ އުމްރާނީ މަސައްކަތް މިހާރު ކުރިއަށް އެބަދާ ކަމަށެވެ. އަދި ބޭނުންވާ އިންސާނީ ވަސީލަތް ތަރައްގީ ކުރުމުގެ މަސައްކަތްވެސް ފެށިފައިވާ ކަމަށާއި، މި ދެބައި ފުރިހަމަވުމުން، މަގުމަތިވެފައިވާ ފަރާތްތަކުގެ މައްސަލަތަކަށް ލުއި ލިބެން ފަށާނެ ކަމަށްވެސް ވިދާޅުވިއެވެ.
މަސްތުވުމާއި، ފޯރުކޮށްދިނުމުގެ ކުށުގައި ހައްޔަރު ކުރެވޭ މީހުންގެ ފަރުވާގެ ރިމާންޑް ސެންޓަރެއް ގުޅިފަޅުގައި އެބަ ހިނގާ ކަމަށާއި، އަދި ޑްރަގާ ގުޅުންހުރި ކުށްތަކާއި، ފަރުވާ ބޭނުންވާ ފަރާތްތައް ގިނަކަން ފާހަގަކުރެވޭ ސަރަޙައްދުތަކުގައި ފަރުވާގެ މަރުކަޒުތައް ވަނީ އަލުން ފެށިފައި ކަމަށްވެސް ވިދާޅުވިއެވެ. އެއާއެކު، ރަށު ކައުންސިލާއި، ސިއްހީ މަރުކަޒުގެ ބެލުމުގެ ދަށުން ރަށުގައި ހުރެގެން ފަރުވާ ހޯދޭނެ ބަދަލެއް ވެސް މި އަހަރު އެޕްރީލްގެ ކުރިން ފެށޭނެ ކަމަށްވެސް ވިދާޅުވިއެވެ.
"މިދިޔަ އަހަރުގެ ރިޔާސީ ބަޔާނުގައި އަޅުގަނޑު ފާހަގަކުރި ޑްރަގާ ގުޅޭ ޒަމާނީ ފެންވަރުގެ މަރުކަޒު ހުޅުމީދޫގައި އެވަނީ ނިންމާފައި. 60 މީހުންގެ ޖާގައިގެ މި މަރުކަޒުން ފަރުވާ ފަށައިގަތުމުގެ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ހިނގަމުން. ޖަލުގައި ބަންދުކުރެވިފައިވާ ގައިދީންނަށް އަމާޒުކުރެވޭ މުޅިން އާ ރީހެބިލިޓޭޝަން ޕްރޮގްރާމެއް، މި ފެބުރުވަރީ މަހު ފެށޭނެ،"
މަސްތުވާތަކެއްޗާ ދެކޮޅަށް ރާއްޖޭގެ ފުލުހުންނާއި، ކަސްޓަމްސް އާއި، ކަމާގުޅޭ މުއައްސަސާތަކުން އެންމެބޮޑު ކާމިޔާބީއެއް ހޯދީ މިދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ކަމަށާއި، ތަފާތު 330 އޮޕަރޭޝަނަކުން ޖުމްލަ 1.3 ޓަނަށްވުރެ ގިނަ ޑްރަގް އަތުލައިގަނެފައިވާ ކަމަށާއި، މިތަކެތީގެ މަގުމަތީ އަގު 1.2 ބިލިއަން ރުފިޔާއަށްވުރެ ގިނަ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު