ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތައް ދުޅަހެޔޮ ދިރިއުޅުމަކަށް އަނބުރާ ގެނައުމަށް ތިން މަރުކަޒެއް ގާއިމުކުރަން ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް މިއަދު ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހު ވިދާޅުވީ ގެވެށި އަނިޔާގެ ޝިކާރައަށް ވާ ފަރާތްތައް ދުޅަހެޔޮ ދިރިއުޅުމަކަށް އަނބުރާ ގެނައުމަށް، މަރުކަޒުތަކެއް ގާއިމުކުރުމަށް ނިންމަވައިފައިވާ ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގެ ތިން ސަރަހައްދެއްގައި މިފަދަ ތިން މަރުކަޒެއް ގާއިމު ކުރުމަށް ނިންމާފައިވާ ކަމަށާއި އެގޮތުން ރ. އުނގޫފާރާއި، ހުޅުމާލެ އަދި ސ. ހިތަދޫގައި މި މަރުކަޒުތައް ގާއިމުކުރުމަށް ނިންމާފައިވާ ކަމަށެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންގެ ރައްކާތެރިކަމާއި، ދެވޭ ހިދުމަތް ހަރުދަނާކޮށް، އާއިލީ ވެށީގެ ބައްޓަން، އެކުދިންނާ ކައިރިކޮށްދޭން ޖެހޭ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. އެގޮތުން ދައުލަތުގެ ބެލުމުގެ ދަށުގައި ކުދިން ބޭތިއްބުމުގެ ހުރިހާ އިންތިޒާމެއްވެސް އަލުން މުރާޖައާކޮށް ހަރުދަނާ ކުރަމުން އަންނަ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

"ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ތިބޭ ތަނާއި، އެ މާހައުލާއި، ހިނގާފާނެ ކަމެއްގެ މައްޗަށް ތިންވަނަ ލޮލެއް ބޭނުންވޭ. ވިލިމާލެ ކުޑަކުދިންގެ ހިޔާ އާއި، ހުޅުމާލެ ފިޔަވަތިން އަތޮޅުތަކަށް ބަދަލުކުރެވުނު ކުދިންނަށް އިޖުތިމާއީ އާއިލީ ވެއްޓެއް ހޯދައިދިނުމުގެ ފިޔަވަޅުތަކެއް، ސަރުކާރުން މި އަންނަނީ އަޅަމުން. ކުރިން ތިބި ގޮތަށްވުރެ ހިތްހަމަޖެހޭ، ރަނގަޅު، ރައްކާތެރި ގޮތްތައް އެކުދިންނަށް މިގެންދަނީ އިރާދަކުރެއްވިއްޔާ ހޯދައިދެމުން." އެމަނިކުފާނު ވިދާޅުވި އެވެ.

ޖެންޑާ އީކުއަލިޓީ އެކްޝަން ޕްލޭން ތަންފީޒު ކުރުމުގައި ސަރުކާރު ދެމިއޮންނާނެ ކަމަށާއި ގްލޯބަލް ޖެންޑާ ގެޕް އިންޑެކްސްގެ ސިއްހީ އަދި ތައުލީމީ ދާއިރާއިން ރާއްޖޭގައި މިންތީގެ ފަރަގު ބޮޑުތަނުން ކުޑަކުރެވިފައިވީ ނަމަވެސް، ސިޔާސީ އަދި އިގުތިސާދީ ގޮތުން އަންހެނުން ބާރުވެރިކުރުމަށް ގިނަ މަސައްކަތްތަކެއް އަދިވެސް ކުރަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.