ނުކުޅެދުންތެރިކަން ހުންނަ މީހުނަށް ސަރުކާރުންދޭ އިނާޔަތް މި އަހަރުގެ ފަހުކޮޅު ބޮޑުކުރަން ނިންމަވައިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެގޮތުން، މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާއަށް ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

ރައީސް ސޯލިހު ވިދާޅުވީ، ޖިސްމާނީ އުނިކަން ތަހައްމަލުކުރަން ޖެހުމަކީ އިންސާނާގެ ހުންނަ އުނިކަމަކުންވާކަމެއް ނޫން ކަމަށާއި، ތަގުދީރުގެ ނިޔާ އަދި ދުނިޔަވީ އާދަ ނުކުޅެދުންތެރިކަމަކާ ހުރެ، އަނެކާއާ ދޭތެރޭ ދެކޭ ގޮތް ބަދަލުވެ، ދެރަވަރު ކުރުމަކީ މާބޮޑު ނުކުޅެދުންތެރިކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މިހާތަނަށް އައިއިރު، ނުކުޅެދުންތެރިކަން ހުރި މީހުންގެ ޖުމުލަ އަދަދާބެހޭ ތަފްސީލު އެނގޭނޭ ދަފުތަރެއްވެސް ނެތް ކަަމަށެވެ. ނަމަވެސް މިހާރު އެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

އެ ދަފުތަރަކީ އެމީހުންނަށް ބޭނުންވާ ފަރުވާ އާއި ރިހެބިލިޓޭޝަނާއި އެހެނިހެން ހިދުމަތްތައް ފޯރުކޮށްދޭން އޮތް ވަސީލަަތަކަށްވާނެ ކަމަށާއި، މި ދަފުތަރުގެ މަސައްކަތް ނިންމައި މިއަހަރުގެ ފަހު ކުއާޓާގައި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އިނާޔަތް ބޮޑުކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.