ސްޓޫޑެންޓް ލޯނުގެ ދަށުން މަތީ ތައުލީމަށް ކިޔެވުމުގެ 720 ފުރުސަތު އަންނަ ހޯމަދުވަހު ހުޅުވާލަން ނިންމައިފި އެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް މިއަދު ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
ރައީސް ސޯލިހު މިއަދު އިއްވެވި ރިޔާސީ ބަޔާނުގައި ވިދާޅުވީ ސަރުކާރުން ހިންގާ އެންމެ ބޮޑު މަޝްރޫއަކީ، އުފެއްދުންތެރި އާ ޖީލެއް ބިނާކުރުން ކަމަށެވެ. އަދި އެކަށީގެންވާ ތައުލީމާއި ތަރުބިއްޔަތުގެ ފުރުސަތު ފަހިވެފައި އޮތުން ކަމަށާއި އިންސާނީ ވަސީލަތްތައް ފައްކާވެ، އަރާއަރަފޯދުމަށްވުރެ ބޮޑު ރަނގަޅެއް ގައުމަކަށް ނޯންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ތާއަބަދު ސިކުނޑީގައި އެ ފިކުރާއި، ދުލުގައި އެ ޒިކުރުލައިގެން އުޅުނު ދިވެހި ޖީލެއްވި. ކަނޑުގައިވިޔަސް، ފަޅުގައި ނޫނީ ވަލު މަސައްކަތުގައި ދިރިއުޅުން ބިނާކުރީ އެގޮތުގައި. އޭގެ ކޮންމެ ދިވެހި މަޔަކާއި ބަފައެއްގެވެސް އޮތީ އެންމެ ހުވަފެނެއް. އެއީ ފުރާގު ހަމަކޮށް ދަރިޔަކަށް އަކުރެއް އެނގޭނެ ގޮތެއްވުން. އެއީ މާޒީވެ ގޮސްފައިވާ އެ ދުވަސް." އެމަނިކުފާނު ވިދާޅުވި އެވެ.
ސަރުކާރުން ހިލޭ ޑިގްރީއަށް ކިޔަވައިދޭ ޕްރޮގްރާމްގެ ނަތީޖާ އިންތިހާއަށް ފޮނިކަން ފާހަގަކުރައްވައި ރައީސް ސޯލިހު ވިދާޅުވީ ކޮލެޖް ނުވަތަ ޔުނިވަސިޓީގެ ޑިގްރީ ޕްރޮގްރާމްތަކުން މިހާތަނަށް 12,730 އަށްވުރެ ގިނަ ދަރިވަރުންނަށް ފުރުސަތު ހޯދައިދެވިއްޖެ ކަމަށެވެ. މި ޕްރޮގްރާމްގެ ތެރެއިން 2127 ދަރިވަރުން މިހާރުވެސް ޑިގްރީ ފުރިހަމަކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
"މިގޮތުގައި ކުރިއަށް ގޮސް 2023ގެ ނިޔަލަށް 5,000 އަށްވުރެ ގިނަ ކުދިން ހިލޭ ޑިގްރީ ހަދައިގެން، ގައުމު ބިނާކުރުމަށް ނުކުންނާނެ. އެއަށްފަހު، ކޮންމެ އަހަރަކު މަދުވެގެން 2,000 ކުދިން ޑިގްރީ ހަދައިގެން ގައުމީ ހިދުމަތަށް ނުކުންނާނެ. މިހާރު މިކުރާ ކަމަކީ، މަތީ ތައުލީމަށް އޮތް ގަނެވިއްކުމުގެ ވިޔަފާރި ބަންދުކުރުން. ހިތްވަރެއްހުރި ކޮންމެ ދަރިވަރަކަށް ސަރުކާރުގެ ހަރަދުގައި ހިލޭ ޑިގްރީއެއް ލިބޭނެގޮތް ހެދުން. އެކަން އަޅުގަނޑުމެން ކޮށްފިން." އެމަނިކުފާނު ވިދާޅުވި އެވެ.
މަތީ ތައުލީމުގެ އުސް ހަރުފަތަކީ ހުސްވާ އެއްޗެއް ނޫން ކަމަށް ވިދާޅު އެމަނިކުފާނު ވިދާޅުވީ ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލުކުރުމަށް ބޭނުންވާ 1,500 އަށްވުރެ ގިނަ ދަރިވަރުންނަށް، 2021 ވަނަ އަހަރުގެ ނިޔަލަށް ސްޓޫޑަންޓް ލޯނު ދޫކޮށްފައިވާ ކަމަށެވެ. މިކަމުގައި މާލީ ތަނަވަސްކަން ނެތް މީހުންނާއި، ނުކުޅެދުންތެރިކަން ހުރި މީހުންނަށް ސަރުކާރުން އިސްކަންދިން ކަމަށާއި އަދި މި އަހަރު، މި ސްކީމްގެ ދަށުން އިތުރު 720 ފުރުސަތު، އަންނަ ހޯމަ ދުވަހު ހުޅުވައިލާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އޭގެ އިތުރުންވެސް ރާއްޖެއަށް ބޭނުންވާ ތަފާތު ދާއިރާތަކުން ދިވެހި ޕްރޮފެޝަނަލުން އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެގޮތުން މިހާރުވެސް ދިވެހި ޑޮކްޓަރުން އިތުރުކުރުމަށް 124 ދަރިވަރުންނަށް ލޯނު ދޫކޮށްފައިވާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. އަދި 1,150 ޕްރޮފެޝަނަލުން އުފެއްދުމުގެ ޕްރޮގްރާމްގެ ދަށުން އައިސީޓީ އަދި އެކައުންޓިން ޕްރޮފެޝަނަލުން ބިނާކުރުމުގެ މަސައްކަތް، މި މަހުން ފެށިގެން ކުރިއަށްދާނެ ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު