ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

12000 ދަރިވަރުން ހިލޭ ޑިގްރީއަށް ކިޔަވަމުންދޭ، 2023 ނިމޭއިރު 5000 ދަރިވަރުން ނިންމާނެ: ރައީސް

މި ސަރުކާރުން އަލަށް ފެށި ހިލޭ ޑިގްރީ ޕްރޮގްރާމްގެ ދަށުން 12000 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުން އަންނަ ކަމަށާއި 2023 ނިމޭ އިރު، މި ޕްރޮގްރާމްގެ ދަށުން 5000 އަށްވުރެ ގިނަ ދަރިވަރުން ޑިގްރީ ނިންމައި ގައުމު ބިނާކުރާން ނުކުންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމަށް މިއަދު ބޭއްވި ޖަލްސާގައި، ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހު ވިދާޅުވީ ސަރުކާރުން ހިންގާ އެންމެ ބޮޑު މަޝްރޫއަކީ އެކަށީގެންވާ ތައުލީމާއި ތަރުބިއްޔަތުގެ ފުރުސަތު ފަހިވެފައި އޮތް އުފެއްދުންތެރި އާ ޖީލެއް ބިނާކުރުން ކަމަށާއި އިންސާނީ ވަސީލަތްތައް ފައްކާވެ، އަރާއަރަފޯދުމަށްވުރެ ބޮޑު ރަނގަޅެއް އެއްވެސް ގައުމަކަށް ނޯންނާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ކޮންމެ ދިވެހި މަޔަކާއި ބަފައެއްގެވެސް އޮތީ އެންމެ ހުވަފެނެއް ކަމަށާ އެއީ ފުރާގު ހަމަކޮށް ދަރިޔަކަށް އަކުރެއް އެނގޭނެ ގޮތެއްވުން ކަމަށާއި އެހުވަފެން ހަގީގަތަކަށް ހަދައިދޭން ސަރުކާރުން އަލަށް ފަށައިގެން ކުރިއަށް ގެންދާ ހިލޭ ޑިގްރީއަށް ކިޔަވައިދޭ ޕްރޮގްރާމްގެ ނަތީޖާ އިންތިހާއަށް ފޮނިކަމަށެވެ.

"މިހާރު މިކުރާ ކަމަކީ، މަތީ ތައުލީމަށް އޮތް ގަނެވިއްކުމުގެ ވިޔަފާރި ބަންދުކުރުން. ހިތްވަރެއްހުރި ކޮންމެ ދަރިވަރަކަށް ސަރުކާރުގެ ހަރަދުގައި ހިލޭ ޑިގްރީއެއް ލިބޭނެގޮތް ހެދުން. އެކަން އަޅުގަނޑުމެން ކޮށްފިން" ރައީސް ވިދާޅުވިއެވެ

ހިލޭ ޑިގްރީ ޕްރޮގްރާމާއި ބެހޭ ގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކޮލެޖް ނުވަތަ ޔުނިވަރސިޓީގެ ޑިގްރީ ޕްރޮގްރާމްތަކުން މިހާތަނަށް 12,730 އަށްވުރެ ގިނަ ދަރިވަރުންނަށް ފުރުސަތު ހޯދައިދެވިއްޖެ ކަމަށާއި އެ ޕްރޮގްރާމްގެ ތެރެއިން 2،127 ދަރިވަރުން މިހާރުވެސް ޑިގްރީ ފުރިހަމަކޮށްފައިވާ ކަމަށެވެ. އަދި އެގޮތުގައި ކުރިއަށް ގޮސް 2023ގެ ނިޔަލަށް 5,000 އަށްވުރެ ގިނަ ކުދިން ހިލޭ ޑިގްރީ ހަދައިގެން، ގައުމު ބިނާކުރުމަށް ނުކުންނާނެ ކަމަށާއި އެއަށްފަހު ކޮންމެ އަހަރަކު މަދުވެގެން 2,000 ކުދިން ޑިގްރީ ހަދައިގެން ގައުމީ ހިދުމަތަށް ނުކުންނާނެ ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.