ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމުން އަސްހަދު އަލީ، (އަޑުބަރޭ) ވަކި ކުރައްވައިފިއެވެ.
އަސްއަދު، މިއަދު މަގާމުން ވަކި ކުރައްވާފައި މި ވަނީ، ކޯޓުގެ ހުރުމަތް ކެނޑިކަމުގެ ކުށުގައި 15 ދުވަހުގެ ޖަލު ހުކުމެއް އޭނާގެމައްޗަށް ކުރިމިނަލް ކޯޓުން ކުރިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ.
އަސްއަދު މަގާމުން ވަކި ކުރިކަން ރައީސް އޮފީހުން ވަނީ ވަން އަށް ކަށަވަރު ކޮށްދެއްވައިފައެވެ.
އަސްއަދަށް މިއަދު 15 ދުވަހުގެ ޖަލު ހުކުމެއް ކުރީ، ރޭޕް ކުރުމާއި، ޖިންސީ ފުރައްސާރައިގެ ހަތް ދައުވާއެއް ކޮށްފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖޭން ބޭރަށް ވަޑައިގަތުމަށް ޖާމިނު ވުމަށްފަހު، ކަނޑައެޅި މުއްދަތުގައި އަލީވަހީދު މާލެ ނައުމުން އޭނާ ގެނައުމަށް ކޯޓުން ކުރި އަމުރާ އެއްގޮތަށް މަސައްކަތް ކޮށްފައި ނުވާތީއެވެ.
ރާއްޖޭން ބޭރަށް ދިއުމަށް އަލީ ވަހީދަށް ދިން މުއްދަތު ހަމަވެގެންދިއުމުން އޭނާގެ ޝަރީއަތްތައް ކުރިއަށް ގެންދިއުމަށް ކުރިމިނަލް ކޯޓަށްވެސް ވަނީ ދަތި ވެފައެވެ. އަދި ސުޕްރީމް ކޯޓަށް ހާޒިރުވާން އެންގި އެންގުމަށްވެސް އޭނާ ހާޒިރުވެފައެއް ނުވެއެވެ.
އެންމެފަހުން 72 ގަޑިއިރު ތެރޭގައި އަލީ ވަހީދު ހާޒިރު ކުރަން 28 ނޮވެމްބަރުގައި ކުރިމިނަލް ކޯޓުން އަސްހަދަށް އެންގި އެވެ.
އެ މުއްދަތުގައި އަސްއަދަށް އަލީ ވަހީދު ހާޒިރު ކުރެވިފައި ނުވާތީ، އެ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި 15 ދުވަހަށް ޖަލަށްލާން އަސްއަދުގެ މައްޗަށް ހުކުމް ކުރީ، އަލީ ވަހީދު ހާޒިރު ކުރަން ކޯޓުން އެންގި އެންގުމާ އެއްގޮތަށް އޭނާ ޝަރީއަތަށް ހާޒިރުކޮށްދީފައި ނުވުމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ނިންމުމަށް ފަހުގައެވެ.